ގައުމީ ކްރިކެޓް ޓީމް މުބާރާތަށް ފުރިގޮތަށް ހަބަރެއް ނުވި

Advertisement

ގައުމީ ކްރިކެޓް ޓީމް މުބާރާތަށް ފުރިގޮތަށް ހަބަރެއް ނުވި

ޢަބްދުﷲ އަޝްރަފް

މި މަހުގެ 23 އިން 29 އަށް ކުވައިތުގައި ކުރިއަށްގެންދާ ވެސްޓަން ރީޖަން ޓީ 20 ކްރިކެޓް މުބާރާތުގައި ބައިވެރިވާ ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމް ތަމްރީން ދަތުރަކާއެކު ގަތަރުގެ ވެރިރަށް ދޯހާއަށް ފުރިފަހުން ޓީމާ ގުޅޭ އެއްވެސް މައުލޫމާތެއް ރާއްޖޭގެ ކްރިކެޓް ބޯޑުން އާންމުކޮށްފައި ނުވާތީ މުބާރާތުގައި ރާއްޖެ ކުޅުނު މެޗްތަކުގެ ނަތީޖާ ގެނެސްދޭން ދަތިވެއްޖެއެވެ. ރާއްޖޭގައި ކުރިއަށްދާ ކްރިކެޓް ހަރަކާތްތަކާއި، ރާއްޖެއިން ބޭރުގައި ގައުމީ ޓީމް ކުޅޭ މެޗްތަކުގެ މައުލޫމާތު ރާއްޖޭގެ ކްރިކެޓް ބޯޑުން އާންމުގޮތެއްގައި ގެނެސްދެމުން އަންނަނީ އެ ބޯޑްގެ ފޭސްބުކް ޕޭޖްގައެވެ.

ކަން އެހެން އޮތް ނަމަވެސް ވެސްޓާން ރީޖަން ޓީ 20 ކްރިކެޓް މުބާރާތުގެ އެއްވެސް މައުލޫމާތެއް އެ ޕޭޖްގައި މިހާތަނަށް ގެނެސްދީފައެއް ނުވެއެވެ. އެންމެ ފަހުން ޓީމާ ގުޅޭގޮތުން ކްރިކެޓް ބޯޑްގެ ފޭސްބުކް ޕޭޖްގައި ގެނެސްދީފައިވަނީ ގައުމީ ޓީމް މިމަހުގެ 16 ވަނަ ދުވަހު މުބާރާތެއް ފުރި ވާހަކައެވެ.

ކްރިކެޓް ބޯޑުން މި މަހުގެ 16 ވަނަ ދުވަހު އާއްމުކޮށްފައިވާ މައުލޫމާތުން އެނގޭގޮތުގައި މުބާރާތުގެ ކުރިން ގަތަރުގައި ބާއްވާ ތަމްރީން ތަކުގައި ގަތަރުގެ ގައުމީ ޓީމާއެކު އެކުވެރިކަމުގެ ދެ މެޗް ކުޅޭނެއެވެ. ގަތަރުގައި ތަމްރީންތައް ފުރިހަމަކުރުމަށްފަހު ޓީމް ދާ ގޮތަށް ހަމަޖެހިފައި އޮތީ ސީދާ ކުވައިތަށެވެ. 15 ދުވަހުގެ މުއްދަތަށް ގައުމީ ކްރިކެޓް ޓީމް ރާއްޖެއިން ބޭރަށް ކުރާ ދަތުރުގައި ސާދަ ކުޅުންތެރިންނާއި ހަތަރު އޮފިޝަލުން ބައިވެރިވެއެވެ.

އޭޝިއަން ކްރިކެޓް ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ވެސްޓާން ރީޖަން ޓީ 20 ކްރިކެޓް މުބާރާތުގައި ރާއްޖެ ވާދަކުރާ ފުރަތަމަ މެޗްގައި ނުކުންނަން ހަމަޖެހިފައި އޮތީ ޑިސެމްބަރު 23 ވަނަ ދުވަހު ކުވައިތާ ދެކޮޅަށެވެ. ދެވަނަ މެޗްގައި ޑިސެމްބަރު 24 ވަނަ ދުވަހު ބަހުރެއިން އާ ވާދަކުރުމަށް ފަހު ޖެހިގެން އައި ދުވަހު ކުޅޭ މެޗްގައި ބައްދަލުކުރާގޮތަށް ހަމަޖެހިފައި އޮތީ ސައޫދީ އަރަބިއްޔާ އާ ދެކޮޅަށެވެ. މުބާރާތުގައި ރާއްޖެ ކުޅޭ ފަހު މެޗްގައި މި މަހުގެ 27 ވަނަ ދުވަހު ނުކުންނަން އޮތީ ގަތަރާ ދެކޮޅަށެވެ. ކްރިކެޓް ބޯޑުން އާންމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން މިއަދަކީ މުބާރާތުގެ ފައިނަލް ކުޅެން ހަމަޖެހިފައި އޮތް ދުވަހެވެ.

މުބާރާތުގައި ރާއްޖެ ކުޅުނު މެޗްތަކުގެ ނަތީޖާ ހޯދުމަށްޓަކައި ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ އޮފީހުގެ ފޯނަށް “ފަހުމިނެޓް” ގެ ފަރާތުން ގުޅި ނަމަވެސް ފޯނު ނުނަގާތީ އެ މަސައްކަތްވެސް ކާމިޔާބުވެފައެއް ނުވެއެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *