ގައުމީ ޓީމަށް ނުނެގިޔަސް މޮޅު ކުޅުންތެރިޔާގެ އެވޯޑު ދަގަނޑޭ އަށް

Advertisement

ގައުމީ ޓީމަށް ނުނެގިޔަސް މޮޅު ކުޅުންތެރިޔާގެ އެވޯޑު ދަގަނޑޭ އަށް

ޢަލީ ޝަހީމް
ދަގަނޑޭއަށް މޮޅު ކުޅުންތެރިޔާގެ އެވޯޑު ހަވާލުކޮށްދެއްވަނީ. ފޮޓޯ: މިހާރު ސްޕޯޓްސް

އޮންލައިން ނޫސް މޯލްޑިވްސް ފުޓްބޯލް އާއި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ހޮވި ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް އަލީ އަޝްފާގް (ދަގަނޑޭ) ހޯދައިފިއެވެ. އަޝްފާގް މި އެވޯޑު ހޯދިއިރު މި ސީޒަނުގައި ނިއު ރޭޑިއަންޓާއި ޓީސީ ސްޕޯޓްސް ކްލަބުގައި ވަނީ މޮޅު ކުޅުމެއް ދައްކައިފައެވެ. ކްލަބްފަރު ރިސޯޓުގައި ރޭ ކުރިއަށްދިޔަ ހަފްލާގައި ދަގަނޑޭއަށް މޮޅު ކުޅުންތެރިޔާގެ އެވޯޑު ހަވާލުކޮށްދެއްވީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އެވެ.

އެވޯޑު ހަފްލާގައި ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް އާއި ކުރިން ނިއު ރޭޑިއަންޓުގެ މެނޭޖަރުކަން ހަތަރު އަހަރު ކުރި މިިހާރުގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު އާއި މެންޗެސްޓަރ ޔުނައިޓެޑް އަދި ޑެންމާކުގެ ލެޖެންޑް ޕީޓަ ޝްމައިކަލް އާއި ރެއާލް މެޑްރިޑަށް ކުރިން ކުޅުނު މައިކަލް ސަލްގާޑޯ ބައިވެރިވެފައެވެ.

Advertisement

މި އަހަރު ސާފް ސުޒުކީ ކަޕް ރާއްޖޭން ކާމިޔާބުކުރި ޓީމުގައި ދަގަނޑޭ ނުހިމެނުނު ނަމަވެސް އޭނާއަކީ މި ސީޒަނުގައި އެންމެ ކާމިޔާބު ކުޅުންތެރިޔާއެވެ. ސީޒަނުގެ ކުރީކޮޅު ނިއު ރޭޑިއަންޓާއެކު ދަގަނޑޭ މާލޭ ލީގު ކާމިޔާބުކުރިިއިރު ދިވެހި ޕްރިމިއަރ ލީގުގައި ޓީސީ ސްޕޯޓްސް ކްލަބުން ކާމިޔާބުކުރީވެސް ދަގަނޑޭގެ މޮޅު ކުޅުމާއެކުއެވެ. ދަގަނޑޭގެ ފަހަތުން މޮޅު ތިން ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ ޓީސީއަށް މި ސީޒަނުގައިވެސް މޮޅު ކުޅުމެއްދެއްކި އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އާއި ކްލަބް އީގަލްސްގައި ތަފާތު ދެއްކި އަހުމަދު ރިޒުވާން (ރިޒޭ) އެވެ. މިދިޔަ ދެ ސީޒަނުގައިވެސް ރާއްޖޭގެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ހޯދި އަލީ ފާސިރު (ސެންޓޭ) އަށް މިފަހަރު ގަދަ ތިނަކުންވެސް ފުރުސަތު ލިބިފައެއް ނުވެއެވެ.

މުޅި ސީޒަނުގައި ދަގަނޑޭ ވަނީ 42 ގޯލު ޖަހައި ސީޒަނުގެ ރަންބޫޓު ވެސް ހޯދައިފައެވެ. ދަގަނޑޭއަށް ރަންބޫޓޫ ހަވާލުކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު އެވެ. ރަންބޫޓޫގެ ރޭހުގައި ދެ ވަނަ ހޯދީ 35 ގޯލު ޖެހި އަހުމަދު ރިޒުވާން އެވެ. ތިން ވަނަ ލިބުނީ 28 ގޯލު ޖެހި ސެންޓޭއަށެވެ.

ސީޒަނުގެ އެންމެ މޮޅު ގޯލަށް ދޭ ޖޫލޭ އެވޯޑު ލިބުނީ ދިވެހި ޕްރިމިއާ ލީގުގައި ފ. ނިލަންދޫ ކޮޅަށް ހަމްޒާ މުހައްމަދު (ހަމްޕު) ޖެހި ގޯލަށެވެ. ނިލަންދޫ ކޮޅަށް ހަމްޕު ގޯލު ޖެހީ ދަނޑުގެ މެޗުން ލިބުނު ބޯޅަ އެޓީމުގެ ފަސް ވަރަކަށް ކުޅުންތެރިން ކައިރިން ނައްޓާފައި ގޮހެވެ. ސީޒަނުގެ މޮޅު ގޯލުގެ އެވޯޑަށް ހަމްޕުއާއެކު ދަގަނޑޭ އާއި ފޭދޫ އިއްބެ އާއި އިޝާން އިބްރާހީމް (ސައްޓު) އަދި ފެހެންދޫ ޓީމުގެ އަހުމަދު ނިޒާމް (ނިޒާމްބެ) ވެސް ވަނީ ވާދަކޮށްފައެވެ. އެންމެ މޮޅު ގޯލު ހޮވައިފައިވަނީ ސަޕޯޓަރުންގެ މެދުގައި އެސްއެމްއެސް ކޮށްގެން ނެގި ވޯޓަކުންނެވެ.

ސީޒަނުގެ އެންމެ އުއްމީދީ ކުޅުންތެރިޔާގެ އެވޯޑު ލިބުނީ ދިވެހި ޕްރިމިއާ ލީގުގައި ށ. ފޯކައިދޫ ޓީމުން ވިދާލި މުހައްމަަދު ޖައިލަމް (އޮގީ) އަށެވެ. އޮގީގެ ކުޅުން އެންމެ ބޮޑަށް ފާހަގަވީ ލީގުގެ ފުރަތަމަ ބުރުގައި ދެއްކި މޮޅު ކުޅުމުންނެވެ. އެންމެ މޮޅު ގޯލު ކީޕަރުގެ މަގާމް ލިބުނީ ޓީސީ އާއެކު ދިވެހި ޕްރިމިއާ ލީގު ކާމިޔާބު ކުރި ނޭޕާލްގެ ގައުމީ ޓީމުގެ ކީޕަރު ލިމްބޫ ކިރަން ކުމާރަށެވެ. ލީގު ހޯދުމުގައި ކިރަން ވަނީ ޓީސީ ގައި މޮޅު ކުޅުމެއް ދައްކައިފައެވެ. ސީޒަނުގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާގެ އެވޯޑު ހޯދީ މާޒިޔާެ ފޯވާޑް ކޮނޭލިއަސް ސްޓެވާޓެވެ. ސްޓެވާޓް ވަނީ ނިމުނު ސީޒަނުގައި މާޒިޔާއަށް 22 ގޯލު ޖަހައިދީފައެވެ.

އެންމެ މޮޅު ކޯޗުގެ މަގާމް ހޯދީ ޓީސީ އަށް ފުރަތަމަ ފަހަރަށް ދިވެހި ޕްރިމިއާ ލީގު ކާމިޔާބު ކޮށްދިން ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) އެވެ. ސީނިއާ ގައުމީ ޓީމުގެ އެންމެ ދެ ކުޅުންތެރިން ނިސްބަތްވި ޓީސީ އާއެކު ލީގު ހޯދިއިރު ނިޒާމްގެ ވަނީ ޒުވާން ގިނަ ކުޅުންތެރިންތަަކަކަށް ފުރުސަތު ދީފައެވެ.

މިއަހަރު ވަނީ ފުރަތަމަ ފަހަރަށް އެންމެ މޮޅު އަންހެން ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމާއި އެންމެ އުއްމީދީ ކުޅުންތެރިޔާގެ މަގާމްވެސް ހޮވައިފައެވެ. ރާއްޖޭގައި އަންހެން ފުޓްބޯޅަ މުބާރާތެއް ނުވަތަ ލީގެއް ބޭއްވިފައި ނުވިނަމަވެސް އަންހެން މޮޅު ކުޅުންތެރިޔާ ހޮވުމުގައި ބަލާފައިވަނީ މިއަހަރު ގައުމީ އަންހެން ޓީމުގައި ކުޅުންތެރިން ދެއްކި ކުޅުމަށެވެ. އެންމެ މޮޅު އަންހެން ކުޅުންތެރިއަކަށް ފަދުވާ ޒާހިރު ހޮވުނުއިރު އެންމެ އުއްމީދީ ކުޅުންތެރިއަކަށް ހޮވުނީ އާއިޝަތު ފިރުޝާ އެވެ.

ރޭގެ ހަފްލާގައި ވަނީ މިއަހަރުގެ ސާފް ސުޒުކީ ކަޕްގެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ހޯދި ގައުމީ ޓީމުގެ ގޯލްކީޕަރު މުހައްމަދު ފައިސަލް އަށް އަގުވަޒަންކުރުމުގެ އެވޯޑެއް ދީފައެވެ. އަދި، 2008 ވަނަ އަހަރުގެ ސާފް ސުޒުކީ ކަޕް ކާމިޔާބު ކުރި ޓީމަށް ހާއްސަ ބެޖެއްވެސް ދީފައިވެއެވެ. މިއާއެކު އެންމެ ހިދުމަތްތެރި ރެފްރީންނަށާއި، އެފްއޭއެމްގެ އެހީތެރިންގެ ގޮތުގައި މަސައްކަތް ކުރެއްވި ޕާޓްނަރުންގެ އަގުވަޒަން ކޮށްފައިވެއެވެ.

އެންމެ މޮޅު ސަޕޯޓާސް އެވޯޑު މިިދޔަ އަހަރު އއ. މާޅޮސް ޓީމަށް ލިބުނުއިރު މިފަހަރު މި އެވޯޑު ދީފައެއް ނުވެއެވެ. ސަޕޯޓަރުން ނެތި ނިންމާލި ސީޒަނުގައި ކިރިޔާވެސް ދަނޑުން ތަރުހީބެއް ދޭތަން ފެނުނީ ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރި ބ. ފެހެންދޫ ޓީމުގެ ސަޕޯޓަރުންނެވެ.

އެވޯޑު ހަފްލާގައި ވަނީ އަންނަ އަހަރަށް މުޅިން އާ ދެ އެވޯޑެއްވެސް ތައާރަފް ކޮށްފައެވެ. އެއީ ގްރާސް ރޫޓް އެވޯޑާއި އެންމެ ރަގަޅު މީޑިއާ ކަވަރޭޖަށް ދޭ އެވޯޑެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *