ހުރާ އައްޔަ: ރަށުގެ ނަން ދިރުވާނެ ތަރިއެއްގެ އިންތިޒާރުގައި

Advertisement

ހުރާ އައްޔަ: ރަށުގެ ނަން ދިރުވާނެ ތަރިއެއްގެ އިންތިޒާރުގައި

ޢަބްދުﷲ އަޝްރަފް
ހުރާ އައްޔަ ވެލެންސިޔާއަށް ކުޅުނު ދުވަސްވަރު. ފުޓްބޯޅަ ސަޕޯޓަރުންގެ ލޯބި ކުޑަ ދުވަސްކޮޅެއްތެރޭ ހޯދި ކުޅުންތެރިއެއް

އަތޮޅުތެރޭގެ ރަށެއްގެ ޓީމެއްގައި ހިމެނިގެން ރާއްޖޭގެ އެންމެ އުހަށް ދަތުރުކުރި ފުޓްބޯޅަ ކުޅުންތެރިއަކީ ކާކުތޯ އަހައިފިނަމަ ދިވެހި ފުޓްބޯޅަ ދަންނަ ގިނަ ބަޔަކު ފުރަތަމަ ބުނާނީ ޢަލީ ޝިހާމް (ހުރާ އައްޔަ) ގެ ނަންކަން ޔަގީނެވެ. 1996 ވަނަ އަހަރު ދެ ވަނަ ޑިވިޝަންގެ ތަށި ކ. ހުރާ ހުއްރިއްޔާ ސްޕޯޓްސް ކްލަބް ހޯދުމަށްފަހު ޖެހިގެން އައި އަހަރު އެއް ވަނަ ޑިވިޝަންގައި ވާދަކުރަމުން އައިއިރު އެ ޓީމުން އެންމެ ބޮޑަށް ވިދާލި އެކަކީ ޢަލީ ޝިހާމެވެ. އައްޔަ ގެ ފަރާތުން ފެނުނު މޮޅުކުޅުމާއެކު އޭނާއަށް ގައުމީ ޓީމުން ހަމަ އެއަހަރު ޖާގަވެސް ލިބުނެވެ. އަހަރަކަށްވުރެ އަހަރެއް ރަގަޅު ކުރަމުން އައިސް 1999 ވަނަ އަހަރު ހުރާއަށް އެ އަހަރުގެ ގައުމީ މުބާރާތާއި ޕޮމިސްކަޕް ކާމިޔާބުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރިއެވެ. އެއާއެކު ދުވަހު ނޫސް “ހަވީރު” އިން ހޮވަމުން އައި އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމުވެސް އެ އަހަރު ހޯދީ ހުރާ އައްޔަ އެވެ.     

އަމިއްލަ ރަށާއި އެންމެ ކައިރީގައި އޮންނަ ފޯ ސީޒަން ރިސޯޓްސް އެޓް ކުޑަ ހުރާ ގެ ހައުސްކީޕިންގް ޑިޕާޓްމަންޓްގައި މިހާރު މަސައްކަތްކުރަމުން އަންނަ ހުރާ އައްޔަ 2004 ވަނަ އަހަރު ކުޅުން ހުއްޓާލިއިރު ދިވެހި ފުޓްބޯޅައިގައި އޭނާއަށް ހާސިލް ނުކުރެވި އޮތީ މަދު އެއްޗެކެވެ. ގައުމީ ޓީމާއެކު ސަރަހައްދީ މުބާރާތުގެ ދެ ފައިނަލްކުޅެ ރިހި މެޑަލަކާ ހަމައިން ނިންމާލަން ޖެހުން ފިޔަވައި އައްޔަގެ ކެރިއަރ ޖަރީވެފައި އޮތީ ހުސް ކާމިޔާބުންނެވެ. އައްޔަ ވަނީ 1999 ވަނަ އަހަރުގެ އިތުރުން 2002 ވަނަ އަހަރުވެސް ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ހޯދައިފައެވެ. ރަން ބޫޓް ހޯދުމުގެ ނިޔަތުގައި ވެލެންސިޔާ އަށް 2001 ވަނަ އަހަރު ބަދަލުވި ޢަލީ ޝިހާމް އަހަރު ނިންމާލީ ސީޒަންގައި 24 ގޯލް ޖަހައިގެން އެ އެވޯޑް ކަށަވަރުކޮށްފައެވެ.    

“ހުއްރިއްޔާ އަށް ކުޅުނު ހަތަރު އަހަރު ތެރޭގަ އަޅުގަނޑަށް ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ލިބުނު. އެކަމަކު އޭރު އަޅުގަނޑު ހޯދަން ބޭނުންވި އެކަމަކު ނުލިބި އޮތް އެކަތި އެއީ ރަންބޫޓް. އަޅުގަނޑު ހިތަށް އެރީ އެހެން ކްލަބަކަށް ގޮސްގެން ފަހަރެއްގަ އޭތި ހޯދިދާނެއޭ. އެހެން ހީކޮށްގެން ހުއްޓާ އަޅުގަނޑު އެންމެ ކުޅެން ބޭނުންވި ވެލެންސިއާއިން ފުރުސަތު ލިބުނީމަ އެ ޓީމަށް އަޅުގަނޑު ޖޮއިންކުރީ.” ކްލަބް ވެލެންސިއާގައި ކާމިޔާބު ދެ ސީޒަން ހޭދަކޮށް އެޓީމަށް ބޮޑެތި ކާމިޔާބީ ތަކެއް ހޯދައިދިނުމަށް އެހީތެރިވެދިން ފޯވާޑް ބުންޏެވެ.

ވެލެންސިޔާގެ ތަޖްރިބާއާއި ދަގަނޑޭގެ ޖާދޫ

ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ހުރާ އައްޔަގެ ކުޅުން އެންމެ ފުރިހަމައަށް ފެނުނީ ވެސް ކްލަބް ވެލެންސިއާ ގައެވެ. ވެލެންސިއާ އަށް ބަދަލުވި ފުރަތަމަ އަހަރު ރަން ބޫޓް ހާސިލްކުރުމުގެ އިތުރުން ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ދެވަނަ ފަހަރަށް އައްޔަ ހޯދީވެސް އެ އަހަރު އެވެ. އަދި، އޭގެ ފަހުން ޖެހިގެން އައި ސީޒަންވެސް އައްޔަ ނިންމާލީ އޭނާގެ އަތުގައި އޮތް ރަން ބޫޓް އެހެން ކުޅުންތެރިއަކު އަތުލަން ފުރުސަތު ނުދީއެވެ. އެ ހުރިހާ ސަބަބަކާހުރެ އަލީ ޝިހާމްގެ ފުޓްބޯޅަ ކެރިއަރުގެ ބެސްޓް މެމަރީ އަކަށްވެސް ވީ ވެލެންސިޔާގައި އޭނާ ހޭދަކުރި ދުވަސްތަކެވެ. އެއަށް ދެން އިތުރުވީ ވެލެންސިޔާއިން ފުޓްބޯޅަ ކެރިއަރު ފެށި ރާއްޖޭގެ ގައުމީ ޓީމްގެ ކުރީގެ ކެޕްޓަން ޢަލީ އަޝްފާގް (ދަގަނޑޭ) ގެ ޖާދޫއެވެ.   

“އަޅުގަނޑަށް އަސްލު އެންމެ ބޮޑު އުފަލެއް ލިބުނީ އަޝްފާގް އެއްކޮށް ކުޅެން ލިބުނީމަ. އަޝްފާގަކީ އަޅުގަނޑަށްވުރެ މާ ޔަންގް ވެފަ މާ ފަހުން ފެށި މީހެއް. މި ދައްކަނީ އޭރު އުމުރުން އެންމެ ސަތާރަ އަހަރުގެ ކުއްޖެއްގެ ވާހަކަ. އެކަމަކު އޭނަ ކައިރިންނޭ އަޅުގަނޑު ދަސްކުރީ. އޭނަ ބޯޅަ ގެންގުޅޭ ގޮތާ އޭނަ އެ ކުޅޭ ސްޓައިލާ. އޭރުވެސް އަޅުގަނޑަށް ޔަގީންކަން އޮތް އޭނަ ރާއްޖޭގެ ޓޮޕް ލެވަލްއަށް ދާނެކަން ތަފާތު ބޮޑުކޮށް.” ދަގަނޑޭ އާއެކު ހުރާ އައްޔަ ވެލެންސިޔާ ގައި ހޭދަކުރި ދުވަސްތަކުގެ ހަނދާން އާ ކުރަމުން އޭނާ ކިޔައިދިނެވެ.

ހުރާގެ ރަން ދުވަސްވަރު އައްޔަ ހުރާ ޓީމުގައި (ޖާޒީ ނަންނަބރު 10). އޭނާއަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފޯވާޑުންގެ ލިސްޓުގައި ހިމެނޭ ހުނަރުވެރި ކުޅުންތެރިއެއް

މިހާރު ފުޓްބޯޅައާ ތަންކޮޅެއް ދުރުގައި ހުއްޓަސް އައްޔަ އަކީ ފުޓްބޯޅަ ކުޅެން ފެށީއްސުރެ ތަރިއެކެވެ. އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތްތައް އެންމެ ފޯރިއާއެކު ކުރިއަށްދިޔަ ދުވަސްވަރު އެމްއީއެސް ޓީމްގެ ފޯވަޑް ލައިންގައިވެސް އޭނާ ދައްކަމުން އައީ އާދަޔާ ހިލާފް ތޫނުފިލި ކަމެކެވެ. 1994 އާއި 1995 ވަނަ އަހަރު އޮތް އިންޓަ ސްކޫލް މުބާރާތުގެ 19 އަހަރުން ދަށުގެ އެންމެ މޮޅު ފޯވާޑް ގެ މަގާމް ހޯދުމުގެ އިތުރުން އައްޔަ ވަނީ  1996 ވަނަ އަހަރު އެ މުބާރާތުގެ 19 އަހަރުން ދަށުގެ ބައިގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަގާމްވެސް ހޯދައިފައެވެ.

ގައުމީ ޓީމްގައިވެސް އައްޔަ އަކީ ނަންބަރ ވަން

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމްގައި ޢަލީ ޝިހާމް ހޭދަކުރި ހަތް އަހަރަކީވެސް އޭނާގެ ކާމިޔާބީގެ ކުލަގަދަ ޗެޕްޓަރެކެވެ. 1997 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ރިހި މެޑަލް ހޯދި ޓީމްގައި ހިމެނުނު ނަމަވެސް ގައުމީ ޓީމުގެ ޖޯޒީގައި އޭނާއަށް ކުޅެން ފުރުސަތު ލިބުނީ ޖެހިގެން އައި އަހަރު ސްރީ ލަންކާގައި އޮތް ބްރިސްޓަލް ފްރީޑަމް ކަޕްގައި ސްރީ ލަންކާއާ ދެކޮޅަށް ކުޅުނު މެޗެއްގައެވެ. މެޗް ނިމެން ވަރަށް ގާތްވެފައި އޮއްވައި ޢަލީ ޝިހާމަށް ދިން ފުރުސަތާއެކު ލިބުނު ފުރަތަމަ ބޯޅަވެސް އޭނާ ހެދީ ލަނޑަކަށެވެ. 2-1 އިން ސްރީލަންކާ އަތުން ބަލިވެގެން މެޗް ނިމެން ދަނިކޮށް ރާއްޖޭގެ ޓީމަށް ލިބުނު ހިލޭ ޖެހުން ތޮއްޑޫ ނިޒާމް ފޮނުވާލުމުން އޭރު ވިކްޓަރީއަށް ކުޅެމުން އައި އިސްމާއިލް އަނިލް އަށް ލިބުމާ އެކު އެ ބޯޅަ އޭނާ ކުޅުނީ ޕެނަލްޓީ އޭރިޔާގެ ތެރޭގައި ހުހަށް ހުރި ޢަލީ ޝިހާމްގެ ފަޔަށެވެ. އެއާއެކު ސިކުންތެއްވެސް ބޭކާރު ނުކޮށް އައްޔަ އެ ބޯޅަ ގޯލްގެ ތެރެއަށް ފޮނުވާލައި ގައުމީ ޓީމުގައި އޭނަގެ ފެށުން ރަން އަކުރުން ފަވާލިއެވެ. އޭގެ ފަހުން 2013 ވަނަ އަހަރު ބަންގްލަދޭސް ގައި އޮތް ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖްގައި ބޫޓާނާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗްގައި ހެޓްރިކެއް ހަދައި ސާފް ޗެމްޕިއަންޝިޕްގެ ތާރީހްގައިވެސް ފުރަތަމަ ފަހަރަށް ހެޓްރިކެއް ހެދި ދިވެހި ކުޅުންތެރިޔާގެ ރެކޯޑް އޭނާ ހޯދިއެވެ.

ފުޓްބޯޅައިގެ މިހާރުގެ ހާލަތާ މެދު އައްޔަ ގެ ވިސްނުން

2004 ވަނަ އަހަރުގެ ސީޒަން ފެށުމުގެ ކުރިން ޕްރެކްޓިސް ކުރަން އުޅުމުގެ ތެރޭގައި ކަކުލަށް ލިބުނު ބޮޑު އަނިޔާ އަކާއި ގުޅިގެން ރަގަޅު ފޯމެއްގައި ހުއްޓައި ކުޅުމާއި ދުރަށް ދާންޖެހުންވީ ޢަލީ ޝިހާމް އަށް ފުޓްބޯޅަ ކެރިއަރ ގައި ލިބުނު ބޮޑު މާޔޫސް ކަމަކަށެވެ. އެކަމަކު އެއަށްވުރެ މާބޮޑު މާޔޫސްކަމެއް އައްޔައަށް ގެނެސްދޭ އެހެން ކަމެއް އެބައޮތެވެ. އަލީ ޝިހާމް މެންގެ ރަން ދުވަސްވަރު ގަލޮޅު ދަނޑު ފުރި ބާރުވެފައި އޮތްތަން ފެނިފައި ވިޔަސް މިއަދު އެ މަންޒަރު މުޅިން ބަދަލުވެފައި އޮތުމަކީ އައްޔައަށް އޮތް ހިތާމަ އެކެވެ. އެއީ ހުސް އެކަނި ވަކި ކަމަކާ ގުޅިގެން ކުރިމަތިވި މައްސަލައެކޭ ބުނަން އައްޔަ ބޭނުމެއް ނުވިއެވެ.   

 

ހުރާ އައްޔަ މިހާރު. ކުޅުން ހުއްޓާލަން ޖެހުނީ އަނިޔާގެ ސަބަބުން

“އަޅުގަނޑު ގަބޫލެއް ނުކުރަން ފުޓްބޯޅަ ސިޔާސީ ވެގެން ކަމަކަށް ހަމައެކަނި މި މައްސަލަ ދިމާވެގެން މި އުޅެނީ. މީގަ އަޅުގަނޑަށް ހީވަނީ ޓީމްތަކުގެ މެނޭޖްމަންޓަށްވެސް އެކަން ހިންގަންވާ ގޮތަށް ނުހިންގެނީހެން މިހާރު. މިސާލަކަށް ވިކްޓަރީ ކަހަލަ ޓީމްތައްވެސް ވަރަށް ދަށްވެގެން މި ދިޔައީ. ވެލެންސިޔާވެސް ރެލިގޭޓްވެގެން ވަރަށް ބޮޑަށް ދަށްވެގެން މި އުޅެނީ. އަޅުގަނޑަށް ހީވަނީ ހަމަ ކަންކަން ރަގަޅަށް ހިންގާ ރާވާނެ ބަޔަކު ކްލަބްތަކުގަ ނެތީމަހެން އެހެން ކަންކަން އެވަނީ.” ރާއްޖޭގައި އުފެދުނު އެންމެ ހަލުވި އެއް ސެންޓަ ފޯވާޑް އޭނާގެ ހިޔާލު “ފަހުމިނެޓް” އާ ހިއްސާކުރިއެވެ.

އަމިއްލަ ތަޖްރިބާގެ އަލީގައި ޒުވާން ކުޅުންތެރިންނަށް ދޭ މެސެޖް

ޢަލީ ޝިހާމް ގަބޫލުކުރާ ގޮތުގައި ދިވެހި ފުޓްބޯޅަ މިހާރު ވެއްޓިފައި އޮތް އަޑިގަނޑުން ސަލާމަތްކޮށް އެހެން ހަރުފަތަކަށް ގެންދިއުމުގައި ކުޅުންތެރިން އަދާކުރަން އޮތް ޒިންމާވެސް ވަކި ކުޑައެއް ނޫނެވެ. މޮޅު ކުޅުންތެރިއެއްގެ ގޮތުގައި ގިނަ ދުވަހު ހިފެހެއްޓޭނީ ވަރަށް ގިނަ ކަންކަން ފުރިހަމަ ކޮށްގެންކަން ޔަގީނެވެ. އައްޔަގެ އަމިއްލަ ތަޖްރިބާއިންވެސް ބުނެދެނީ އެ ވާހަކައެވެ.  

“ތެދުތެދަށް ބުނަންޏާ އަޅުގަނޑަކީ ވަރަށް ޕްރެކްޓިހަށް ފަރުވާ ބަހައްޓާ މީހެއް. އަނެއްކާ ޕްރެކްޓިސްގަ ކޯޗް ބުނާކަމެއް އެ ބުނާ ގޮތަކަށް ކުރެވޭތޯ އަޅުގަނޑު ވަރަށް ބަލަން. އަބަދުވެސް އަޅުގަނޑުގެ ވިޝަން އެއް އެއީ ކޮންމެ ތަނެއްގަ މަސައްކަތްކުރިއަސް އެތަނެއްގެ އެދޭ ޓާސްކެއް ސަތޭކަ ޕަސެންޓާ އެއްކޮށް ނިންމަން. އޭގެ އިތުރުން އަޅުގަނޑު ބަލަން ބަލިވިޔަސް ތެދުވެ ހިނގާ އުޅެވޭ ކަމަށް ވަންޏާ ޕްރެކްޓިސް ކުރާ ތަނަށް ދާން. އެހެން ނޫނިއްޔާ އަނެއް ކުޅުންތެރިޔާވެސް ކިރިޔާ ބަލިވިޔަސް ގޭގަ އޮންނާނީ.” ފުޓްބޯޅަ ކުޅުން ހުއްޓާލުމުގެ ކުރިން ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަށްވެސް ކުޅުނު އައްޔަ ބުންޏެވެ.

އެއާއެކު މޮޅު ކުޅުންތެރިއަކަށް ވުމުގެ ޝައުގުވެރިކަން ހުރި ކޮންމެ ކުޅުންތެރިޔަކަށް ޢަލީ ޝިހާމް ދިނީ މި މެސެޖެވެ.

“މޮޅު ކުޅުންތެރިޔަކަށް ވާން ބޭނުންކަމަށް ވަންޏާ އެންމެ ބޮޑަށް ރަގަޅުކުރަންޖެހޭނެ ދެ ކަމަކީ މީހާގެ އެޓިޓިއުޑާ ޑިސިޕްލިން. ކޯޗް އަންގާ ގަޑިއަށް ޕްރެކްޓިސް އަށް ދާންޖެހޭނެ. އެކަން ނުވެއްޖިއްޔާ ފެށުން ގޯސްވީ އެހިސާބުން. ބަރާބަރަށް ގަޑިއަށް ޕްރެކްޓިސް އަށް ގޮސް ކޯޗަކަށް ކޮންމެ މީހަކު ހުއްޓަސް އެ މީހަކު އެ ބުނާ ގޮތް ހަދައިގެން ކުރިއަށްދާކަމަށް ވާނަމަ ވަރަށް ގިނަ ދުވަހު ހިފަހައްޓާލެވޭނެ.  އެމީހަކު ކުރަން ބޭނުންވާ ކަމެއް ކުރަން ޖެހޭނީ އެކަމެއް ކުރާ ހިތުން.”

ހުރާއިން އަރާނެ ތަރިއެއްގެ އިންތިޒާރުގަ

ދެން އޮތީ ޢަލީ ޝިހާމް ގެ އުފަން ރަށާ ގުޅުން ހުރި މުހިއްމު އެހެން ވާހަކައެކެވެ. ނުވަދިހައިގެ އަހަރުތަކުގެ ފަހުކޮޅާއި ދެހާހުގެ އަހަރު ތަކުގެ ކުރިކޮޅު އެއް ވަނަ ޑިވިޝަންގައި ވަރަށް ފޯރިއާއެކު ކުޅެ ބޮޑެތި ކާމިޔާބީތަކެއް ހޯދި ހުރާގެ ފުޓްބޯޅަ ވަޅުޖެހުނީތޯ މިއީ ގިނަ ބަޔަކު އަހާލަން ބޭނުންވާނެ ސުވާލެއް ކަމަށް ގަބޫލުކުރެވެއެވެ. ޢަލީ ޝިހާމް ބުނި ގޮތުގައި ފުޓްބޯޅައިގެ ތެރެއަށް އަލުން އަންނަން ހުރާއިން މިއަހަރު މަސައްކަތްތަކެއްވެސް ކުރިއެވެ. އެކަމަކު މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ އަތޮޅު ބުރުގައި ހިންމަފުށި އަތުން ބަލިވުމުން އެކަމަށް ކުރި އުއްމީދު ފެނަށް ވީއެވެ.

“މިހާރުވެސް ރަގަޅު ކުދިން އެބަތިބި. އެކުދިންނަކީ ރަގަޅު ތަމްރީންތަކެއް ދީފިއްޔާ ގައުމީ ފެންވަރުގައިވެސް ކުޅެވޭނެ ކުދިން. އަޅުގަނޑު މި އުއްމީދުކުރަނީ ރަށުގައި ނިމެން ގާތްވެފައިވާ ޓާފް ދަނޑު ހުޅުވުމާއެކު އެކަޑަމީ އެއްގެ މަސައްކަތް ފަށަން. ރަށުން ގައުމީ ޓީމަށް އެންމެ ކުޅުންތެރިއަކު ނަމަވެސް ނެރުމަކީ އެއީ އަޅުގަނޑު ވަރަށް ބޮޑަށް ކުރާ އުއްމީދެއް.” ހުރާގެ ފުޓްބޯޅައިގެ ތާރީހްގައިވެސް ފެނުނު އެންމެ ހުނަރުވެރި ކުޅުންތެރިޔާ ބުންޏެވެ.

ޢަލީ ޝިހާމްގެ އުއްމީދުތަކުގައި ކުލަޖައްސައިދޭނެކަމަށް އެންމެ ބޮޑަށް އައްޔަ އުއްމީދު ކުރާ ކުޅުންތެރިއަކީ އޭނާގެ ދެވަނަ ދަރިފުޅެވެ. އުމުރުން 14 އަހަރުގެ އަޙްމަދު އަޔާމް ޝިހާމްގެ ކިބައިގައި އެކަމަށް ބޭނުންވާ ފުޓްބޯޅައިގެ ހުނަރު އެބަހުއްޓެވެ. އޭނާގެ ހިތުގައި މޮޅު ކުޅުންތެރިއަކަށް ވުމަށް އޮތް ޝައުގުވެރިކަމާ މެދަކު ސުވާލެއް ނެތެވެ. ދެން އޮތީ އޭނާގެ އަމާޒަށް ވާސިލްވުމަށް މަގު ކޮށައިދިނުމެވެ. ހުރާ އައްޔަ ހުރީ އެ އަމާޒު ޔަގީންކޮށްދޭން ކުރެވެންހުރި ހުރިހާ މަސައްކަތެއް ކޮށްދޭން ތައްޔާރަށެވެ.  

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *