ސޮން އޭޝިއަން ކަޕަށް ދާތީ ޕޮޗެޓީނޯ ބަސްހުއްޓިފައި

Advertisement

ސޮން އޭޝިއަން ކަޕަށް ދާތީ ޕޮޗެޓީނޯ ބަސްހުއްޓިފައި

ޢަލީ ޝަހީމް

އިނގިރޭސި ކްލަބް ޓޮޓެންހަމް ހޮޓްސްޕާސްއަށް ކުޅޭ ދެކުނު ކޮރެއާގެ ފޯވާޑް ސޮން ހެއުން މިން އަންނަމަހު ފަށާ އޭޝިއަން ކަޕްގައި ބައިވެރިވުމަށް ގައުމީ ތީމާއި ގުޅެންޖެހޭތީ ޓޮޓެންހަމްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބަސްހުއްޓިއްޖެއެވެ.

ލީގުގައި ލިވަޕޫލާ ހަ ޕޮއިންޓް ފަހަތުން ދެ ވަނައިގައި އޮތް ޓޮޓެންހަމް މި ސީޒަނުގައި ރަނގަޅު ފޯމަކަށް އެޅިފައިވާއިރު އެންމެ މޮޅު ކުޅުމެއް ދައްކާ އެއް ކުޅުންތެރިއަކީ ސޮން އެވެ. އެންމެ ފަހުން އެޓީމު ކުޅުނު ތިން މެޗުގައި ސޮން ފަސް ގޯލު ޖަހައިފައިވާއިރު ލީގަށް ވާދަކުރުމަށް ކުރާ ދަތުރުގައި ސޮން އަކީ އެޓީމުގެ މުހިއްމު ކުޅުންތެރިއެކެވެ.

މި ސީޒަންގެ ފުރަތަމަ މެޗުތައް ސޮން އަށް ގެއްލުނީ އޭޝިއަން ގޭމްސްގައި ބައިވެރިވި ޒުވާން ޓީމުގައި ސޮން ހިމެނުމުންނެވެ. އެ މުބާރާތުގައި ސީނިއާ ކުޅުންތެރިއެއް ގޮތަށް ސޮން ހިމެނީ އަސްކަރީ ހިދުމަތުން ސަލާމަތްކުރުމަށެވެ. ދެކުނު ކޮރެއާގެ ގާނޫނުގައި ބުނާގޮތުން އެގައުމުގެ ފިރިހެނުން 28 އަހަރު ފުރުމުގެ ކުރިން އަސްކަރީ (މިލިޓަރީ) ހިދުމަތް އަދާކުރުން މަޖުބޫރެވެ. އެކަމަކު އޭޝިއަން ގޭމްސްގެ ތައްޓާއެކު ސޮން ވަނީ 21 މަސްދުވަސް ވަންދެން ހޭދަކުރަން ކުރަންޖެހޭ އަސްކަރީ ހިދުމަތުން ސަލާމަތްވެފައެވެ. ސީޒަނުގެ ފުރަތަމަ މެޗުތަކުން ސޮން ނުފެނުނު ނަމަވެސް ޓީމާއި އަލުން ގުޅުމަށްފަހު މިހާތަނަށް ލީގުގައި ހަތް ގޯލު ވަނީ ޖަހައިފައެވެ.

“އަހަރެން ކީކޭ ބުނާނީ، ސޮން އެދަނީ ވަރަށް މޮޅު ކުޅުމެއްދައްކަމުން. ނޮވެމްބަރަށްފަހު ކުޑަ ރެސްޓެއް ނެގުމަށްފަހު އަލުން ހަމައަކަށް އެޅި މިހާރު ދަނީ ތަފާތު ދައްކަމުން. ސޮންގެ ކުޅުން ފެންނަން ފަށައިފި ޗެލްސީ މެޗުން ފެށިގެން” ސޮން އޭޝިއަން ކަޕަށް ދާންޖެހޭތީ ދެރަވެފައި ހުރި ޕޮޗެޓީނޯ ބުންޏެވެ.

“އަހަރެން އުއްމީދުކުރަން ސޮން ފޯމު ދަމަހައްޓާނެކަމަށް. އެކަމަކު ދެތިން ހަފްތާ ފަހުން ޓޮޓެންހަމް ދޫކޮށް އޭޝިއަން ކަޕްގައި ވާދަކުރަން ސޮން ދާނެކަން އަހަރެމެނަށް އެނގޭ” ސީޒަނުގައި ދެ ވަނަ ފަހަރަށް ސޮން ގައުމީ ޓީމަށް ދާންޖެހޭތީ މާޔޫސްވެފައި ހުރި ޕޮޗެޓީނޯ ބުންޏެވެ.

އަންނަ މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހުގެ ނިޔަލަށް އޭޝިއަން ކަޕް މިފަހަރު ކުރިއަށްދާނީ ޔޫއޭއީ ގައެވެ. ޓޮޓެންހަމުން ވަނީ ޖެނުއަރީ 13 ވަނަ ދުވަހާއި ހަމައަށް އެ ކްލަބުގައި ސޮން ބެހެއްޓުމާއި ގުޅޭގޮތުން ދެކުނު ކޮރެއާއާއި މަޝްވަރާކޮށްފައެވެ. ދެކުނު ކޮރޭއާއިން މިހާރު އެގޮތަށް އެއްބަސްވެފައިވާއިރު ގްރޫޕް ސްޓޭޖުގައި ފިލިޕިންސް އާއި ކިރިގިސްތާނާއި ދެކޮޅަށް ކުޅޭ މެޗުގައި ސޮން ގައުމީ ޓީމަކާއި ނުގުޅޭނެއެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޗައިނާއާ ދެކޮޅަށް ޖެނުއަރީ 16 ވަނަ ދުވަހު ދެކުނު ކޮރެއާ ނުކުންނައިރު ގައުމީ ޓީމާއި ސޮން ގުޅޭނީ ޖެނުއަރީ 13 ވަނަ ދުވަހު މެންޗެސްޓަރ ޔުނައިޓެޑާއި ދެކޮޅަށް ކުޅުމަށްފަހު އެވެ.

އޭޝިއަން ކަޕްގެ ފައިނަލަށް ދެކުނު ކޮރެއާ ދަތުރުކޮށްފި ނަމަ ލީގުގެ މުހިއްމު މެޗުތަކަކާއި ލީގު ކަޕް ސެމީ ފައިނަލުގައި ޗެލްސީއާ ދެކޮޅަށްވެސް ސޮން އަށް ނުކުޅެވޭނެއެވެ. އެޓީމު އޭޝިއަން ކަޕްގެ ފައިނަލަށް ދަތުރުކޮށްފިނަމަ ލީގުގައި ސޮން އަށް ގެއްލޭނީ ފުލަމް، ވެޓްފޯޑް އަދި ނިއުކާސަލްއާ ކުޅޭ މެޗެވެ.

ސޮން 2015 ވަނަ އަހަރު ޖަރުމަނުގެ ބަޔާން ލެވަކޫސަން އިން ޓޮޓެންހަމް އަށް ބަދަލުވީ 22 މިލިއަން ޕައުންޑަށެވެ. އެޓީމަށް ބަދަލުވުމަށްފަހު ސޮންގެ ފަރާތުން ފެންނަ މޮޅު ކުޅުމުގެ ސަބަބުން އެ ކްލަބުން އޭނާއާއެކު އިތުރު ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއި ކުރީ މިދިޔަ ޖުލައި މަހުއެވެ.

މިފަހަރުގެ އޭޝިއަން ކަޕްގައި ވާދަކުރާ ދެކުނު ކޮރެއާ އަކީ މުބާރާތުގެ ފޭވަރިޓެކެވެ. އެންމެ ފަހުގެ އޭޝިއަން ކަޕްގެ ފައިނަލުގައި އެގައުމު ބަލިވީ މުބާރާތް ބޭއްވި އޮސްޓްރޭލިއާ އާއި ވާދަކޮށް 2-1 އިންނެވެ.

 

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *