ކޫލިބަލީގެ މައްސަލައިގައި އިންޓަ އަށް އަދަބުދީފި

Advertisement

ކޫލިބަލީގެ މައްސަލައިގައި އިންޓަ އަށް އަދަބުދީފި

ޢަލީ ޝަހީމް
ރަތްކާޑު ދެއްކުމުން ކޫލިބަލީ ދަނޑުން ފައިބައިގެން ދަނީ

ބުދަ ދުވަހުގެރޭ އިޓާލިއަން ލީގުގައި އިންޓަ މިލާނާއި ވާދަކޮށް 1-0 އިން ނަޕޯލީ ބަލިވި މެޗުގައި އެޓީމުގެ ސެނަގާލް ޑިފެންޑަރ ކަލިދޫ ކޫލިބަލީއަށް އިންޓަގެ ސަޕޯޓަރުން ނަސްލީ ގޮތުން ދިމާކުރި މައްސަލަ ބަލައި އިޓާލިއަން ލީގުން އިންޓަ އަށް އަދަބު ދީފިއެވެ. ކޫލިބަލީއާ ތަކުރާރުކޮށް މުޅި މެޗުގައި އިންޓަގެ ސަޕޯޓަރުން ދިމާކުރުމުން އިންޓައަށް ދިން އަދަބަކީ ލީގުގައި ދެން ކުޅޭ ދެ މެޗަށް ސަޕޯޓަރުންނަށް ނުވަދެވޭ ގޮތް ހެދުމެވެ. އަދި، ތިން ވަނަ މެޗުގައި އެޓީމުގެ ސަޕޯޓަރުން އާއްމުކޮށް ވަންނަ އުތުރު ގޭޓުވެސް ބަންދުކުރާ ގޮތަށް ވަނީ ނިންމައިފައެވެ.

ކޫލިބަލީ އަކީ ފްރާންސަށް އުފަން ކަޅު ނަސްލުގެ ކުޅުންތެރިއެކެވެ. އިންޓަގެ ސަޕޯޓަރުން ކޫލިބަލީގެ ހަމުގެ ކުލައަށް ފުރައްސާރަކޮށް ހެދުމުގެ ގޮތުން މެޗު ކުރިއަށްދިއަ ވަގުތު ލަވަވެސް ކިޔައިފައިވެއެވެ. ކޫލިބަލީގެ އިތުރުން މެޗަށް ވަން ނަޕޯލީގެ ސަޕޯޓަރުންނާވެސް އިންޓަގެ ސަޕޯޓަރުން ވަނީ މެޗު ތެރޭގައި ދިމާކޮށްފައެވެ. އަދި، މެޗުގެ ކުރިން ހިނގި ހަމަނުޖެހުމެއްގައި އުމުރުން 35 އަހަރުގެ އިންޓަގެ ސަޕޯޓަރަކަށް އަނިޔާވެ ފަރުވާދިނުމުގެ ތެރޭގައި މަރުވެފައިވެސް ވެއެވެ. ރިޕޯޓުތައް ބުނާގޮތުން މެޗުގެ ތެރޭގައި ނަސްލީ ތަފާތުކުރުމުގެ ބަސްތައް އަމާޒުކުރީ މެޗުގެ ކުރިން ދެޓީމުގެ ސަޕޯޓަރުންގެ މެދުގައި ހިނގި ހަމަނުޖެހުމާއި ގުޅިގެންނެވެ. މި ހަމަނުޖެހުމުގައި އިންޓަގެ 100 އެއްހާ ސަޕޯޓަރުން ވަނީ ބައިވެރިވެފައެވެ.

ނަޕޯލީ މެޗުން ބަލިވިއިރު މެޗުގެ ފަހު މިނެޓުގައި ކޫލިބަލީއަށް ވަނީ ރަތްކާޑުވެސް ދައްކައިފައެވެ. އިންޓަގެ ކުޅުންތެރިއަކަށް ހަމަލާދީގެން ފުރަތަމަ ރީނދޫ ކާޑު ދެއްކިއިރު ރަތްކާޑު ދެއްކީ ރެފްރީގެ ނިންމުމަކަށް މަލާމާތުގެ ބަހުރުވައަކުން ވާހަކަ ދެއްކުމުންނެވެ. ކޫލިބަލީއާ ނަސްލީ ގޮތުން އިންޓަގެ ސަޕޯޓަރުން ހުއްޓުމެއްނެތި ދިމާކުރަމުން ދިއުމުގެ ސަބަބުން މެޗު ތެރެއިން ނަޕޯލީގެ ކޯޗު ކާލޯ އަންޗެލޮޓީ ވަނީ ތިން ފަހަރު މެޗު ހުއްޓާލުމަށް އެދިފައެވެ.

“ނަސްލީ ތަފާތުކުރުން ދިޔައީ ކުރިއަށް. އެވަގުތު މެޗު ޖެހޭނެ ހުއްޓާލަން. ދެން މިކަހަލަ ކަމެއް ވާދުވަހުން އަހަރެމެން މެޗު ކުޅުން ހުއްޓާލާނަން” މެޗަށްފަހު ނަޕޯލީގެ ކޯޗު އަންޗެލޮޓީ ބުންޏެވެ. މެޗުގައި ހިނގާދިޔަ ކަންތައްތަކާއި ގުޅޭގޮތުން މުޅި އިޓަލީގެ ފުޓްބޯޅައަށް ވަނީ ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުވެފައެވެ. މެޗަށްފަހު ކޫލިބަލީވެސް ވަނީ އޭނާގެ ޓްވިޓާގައި އެމައްސަލައާއި ގުޅޭގޮތުން ވާހަކަދައްކައިފައެވެ.

“އަހަރެންގެ ހަމުގެ ކުލައަށް ފަހުރުވެރިވަން. ފްރާންސް، ސެނެގާލް އަދި ނަޕޯލީގެ މީހަކަށް ވުމަކީ އަހަރެން ފަހުރުވެރިވާކަމެއް” ޔޫރަޕް ގެ ބޮޑެތި ކްލަބްތަކުން މިހާރުވެސް ފާރަލަމުންދާ ޑިފެންޑަރު ބުންޏެވެ.

މެޗުގައި ހިނދާދިޔަ ކަންތައްތަކާއި ގުޅޭގޮތުން އިންޓައިން ވަނީ ބަޔާނެއް ނެރެފައެވެ. އެޓީމުން ބުނީ ކްލަބު އުފެދުނީއްސުރެ އިންޓަ އަކީ ކްލަބްގެ ހައިބަތާއި، އެކުވެރިކަން ދެމެހެއްޓި ކްލަބެއްކަމަށެވެ.

“1908 ވަނަ އަހަރުގެ މާޗް މަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން އިންޓަ އަކީ ހައިބަތު ހިފަހައްޓައި، އެކުވެރިކަން ތަކުރާރުކުރި ކްލަބެއް. އެއްވެސް ބާވަތެއްގެ ތަފާތުކުރުމަކަށް މި ކްލަބުން ސަޕޯޓެއް ނުކުރަން” އިންޓަގެ ބަޔާނުގައި ވެއެވެ. ކޫލިބަލީއާ ނަސްލީ ގޮތުން ދިމާކުރި މައްސަލައިގައި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އިންޓަގެ ކެޕްޓަން މައުރޯ އިކާޑީ ވެސް ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

މި މައްސަލައިގައި މިލާންގެ މޭޔަރު ޖިއުސެޕޭ ސާލާ ވެސް ވަނީ އުމުރުން 27 އަހަރުގެ ކޫލިބަލީގެ ކިބައިން މާފަށް އެދިފައެވެ. އޭނާގެ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ކޫލިބަލީއާ ދިމާކުރުމަކީ ވަރަށް ލަދުވެތި ކަމެއް ކަމަށެވެ.

“އަހަރެންގެ ފަރާތުން އަދި ސަޕޯޓަރުންގެ ފަރާތުން ކޫލިބަލީގެ ކިބައިން މާފަށް އެދެން. މި އުނދަގޫ ދަނޑިވަޅުގައި އަހަރެމެންނަކީ އެއް ބައެއް” ޖިއުސެޕޭ ބުންޏެވެ.

ނަސްލީ ގޮތުން ދިމާކުރުމުގެ މައްސަލަތަކީ ފުޓްބޯޅައިގައި ވަރަށް ހަރުކަރި އަދަބުދެވޭ މައްސަލަތެކެވެ. އިޓާލިއަން ލީގުގައި މީގެ ކުރިންވެސް މިފަދަ އެތައް މައްސަލައެއް ވަނީ ފެންމަތިވެފައެވެ. މިއަހަރުގެ އޮކްޓޫބަރު މަހު ނަޕޯލީ އަތުން ޔުވެންޓަސް 3-1 އިން މޮޅުވި މެޗުގައި ޔުވެންޓަސްގެ ސަޕޯޓަރުން ކޫލިބަލީއާ ނަސްލީ ގޮތުން ދިމާކުރި މައްސަލައިގައި ޔުވެންޓަސް ވަނީ 11،500 ޑޮލަރުން ޖޫރިމަނާކޮށް ދަނޑުގެ އެއްބަޔަށް ސަޕޯޓަރުން ނުވަދެވޭ ގޮތް ހަދައިފައެވެ. އެ މެޗުގެ ދެ ވަނަ ހާފުގެ ހަ ވަނަ މިނެޓުގައި ދަނޑުގެ އެކި ހިސާބުތަކުން ކޫލިބަލީއާ ނަސްލީ ގޮތުން ދިމާކުރި މައްސަލައިގައިވެސް ނަޕޯލީން ވަނީ ހިތްހަމަނުހުން ފާޅުކޮށްފައެވެ.

ޔުވެންޓަސްއަށް ކުޅޭ ފްރާންސް މިޑްފީލްޑަރ ބްލައިސް މަޓުއިޑީ އަށްވެސް ވަނީ މިދިޔަ ސީޒަނުގައި ކަގްލިއާރީ އަދި ވެރޯނާ އާ ވާދަކުރި މެޗުގައި ނަސްލީ ތަފާތު ކުރުމާއި ކުރިމަތިލާން ޖެހިފައެވެ. އަދި،  ކުރިން އޭސީ މިލާނަށް ކުޅުނު ގާނާގެ ކެވިން ޕްރިންސް ބޯޓެންގް ވަނީ 2013 ވަނަ އަހަރު އެ ކްލަބް ކުޅުނު ރަހްމަތްތެރިކަމުގެ މެޗެއްގައި ނަސްލީ ގޮތުން ދިމާކުރުމުން ދަނޑުން ފައިބައިގެން ގޮސްފައެވެ. ގާނާގެ ސުލޭ މުންޓާރީ ވެސް ވަނީ އިޓާލިއަން ލީގުގައި 17-2016 ވަނަ ސީޒަނުގެ މެޗެއްގައި ނަސްލީ ގޮތުން ދިމާކުރުމުން ދަނޑުން ފައިބައިގެން ގޮސްފައެވެ. އެމެޗުގައި މުންޓާރީ ދަނޑުން ފައިބައިގެން ދިއުމުން ދެ ވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދައްކައި އެއް މެޗު ނުކުޅެވޭގޮތަށް ސަސްޕެންޑް ކުރިއެވެ. އެކަމަކު، ފިފްޕްރޯ އަދި ޔުނައިޓެޑް ނޭޝަންސްގެ ހިއުމަން ރައިޓްސް އެޖެންސީ މެދުވެރިވެ މުންޓާރީގެ އަދަބު ލުއިކޮށްދިނެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *