އަގުބޮޑު ތަށްޓާއެކު ހިތްގައިމު ކެނދިކުޅުދޫއިން ނިޔާއަށް ބަތޮލެއްގެ ދަރަޖަ
އަތޮޅު ތެރޭގައި ބާއްވަމުން އަންނަ އެންމެ އަގުބޮޑު މުބާރާތުގެ ތަށި އިއްޔެ ހޯދި ކެނދިކުޅުދޫ ޓީމްގެ ކޯޗްކަމާ މީގެ ދެ މަހެއްހާ ދުވަސް ކުރިން އަހަމަދު ނިޔާޒް (ނިޔާ) ހަވާލުވީ އޭނާގެ ގާތް އެކުވެރިޔާ ޓީސީ ސްޕޯޓްސް ކްލަބްގެ ޑިފެންޑަރު މުހައްމަދު އައްޒާމްގެ އެދުމަކަށެވެ. އޭއެފްސީ ސީ ލައިސަންސް ކޯސް ފުރިހަމަކުރުމަށްފަހު ދަސްވި ފިލާވަޅުތަކާއެކު ނިޔާ އޭރު ހުރީ ވަރަށް ތާޒާކޮށެވެ. ދަސްވި އެއްޗެއްގެ ބޭނުން ހިފާނެ ރަގަޅު ފުރުސަތެއްގެ އިންތިޒާރުގައި ހުއްޓައި ނިޔާ އަށް ލިބުނު ރަނުގެ ފުރުސަތުގެ ބޭނުން އޭނާ ހިފައިފައި މިވަނީ ފިސާރި ފުރިހަމައަށެވެ. ބޮޑު މުބާރާތެއްގައި ކެނދިކުޅުދޫގެ ފުޓްބޯޅަ ޓީމަށް މިފަހަކަށް އައިސް ލިބުނު ފުރަތަމަ ތައްޓާއެކު އެ ރަށުގެ ތާރީހުގައިވެސް ނިޔާގެ ނަން ލިޔެވުނީ އެވެ.
ނ. އަތޮޅުގައި ބާއްވަމުން އަންނަ ސިޔާމް މައުރޫފް ސޮކަރ ކަޕްގެ ތަށި ނިޔާގެ އިރުޝާދުގެ ދަށުން ކުޅެ ކެނދިކުޅުދޫ އިން އުފުލާލީ ފައިނަލްގައި މުބާރާތުގެ އެންމެ ކާމިޔާބު ޓީމް ކަމަށްވާ ހޮޅުދޫ 0-2 އިން ބަލިކުރުމަށްފަހުއެވެ. ފުރަތަމަ ފަހަރަށް މުބާރާތުގެ ޗެމްޕިއަންކަން ކެނދިކުޅުދޫ އިން ހޯދިއިރު މުބާރާތުގެ އެއްވެސް މެޗަކުން އެޓީމު ބަލިވެފައެއް ނުވެއެވެ. ކެނދިކުޅުދޫ ގެ ފުޓްބޯޅައިގެ ތާރީހް ބަދަލުކޮށްލި މި ކާމިޔާބާއެކު އެރަށު މީހުން އަންނަނީ ނިޔާއަށް ތައުރީފް އޮއްސަމުންނެވެ.
“ނިޔާ އަކީ މިހާރު ހަމަ މިރަށުގެ ހީރޯ އެއް. އަސްލު ފުރަތަމަ ފަށައިގެން އައިއިރު މާޅެންދޫ އާ ކުޅުނު މެޗް އެއްވަރުވުމުން ސަޕޯޓަރުން ތިބީ ވަރަށް މާޔޫސްވެފަ. އެކަމަކު ޖެހިގެން އައި މެޗްގަ މިލަދޫ އަތުން މޮޅުވުމުން ސަޕޯޓަރުންގެ އިތުބާރު ކޯޗާ ދޭތެރޭ ވަރަށް ބޮޑުވި. އެހިސާބުން އަސްލު ތަށި ލިބިދާނެ ކަމަށް ރަށުގެ ގިނަ ބަޔަކު އުއްމީދު ކުރަންފެށީވެސް.” ނިޔާގެ މަސައްކަތް އެންމެ ގާތުން ތަޖްރިބާކުރި ކެނދިކުޅުދޫ އަށް އުފަން ޓީސީ ގެ އިތުބާރު ޑިފެންޑަރު އައްޒާމް “ފަހުމިނެޓް” އާ ވާހަކަދައްކަމުން ބުންޏެވެ.
އައްޒާމް ފާހަގަކުރިހެން ކެނދިކުޅުދޫ ޓީމުން ހޯދި ކާމިޔާބީގެ އެންމެ ބޮޑު ކްރެޑިޓެއް ރަށުގެ ގިނަ ބަޔަކު ދެނީ ކޯޗް ނިޔާ އަށެވެ. އެއީ ސަބަބުތަކެއްވެސް ހުރެގެންނެވެ.
“އަސްލު ކޯޗް އެއީ މީހަކީ. މީގެ ކުރީގަވެސް އަޅުގަނޑުމެންނަށް މިފަދަ ފުރުސަތުތަކެއް ލިބި އެކަން ނުވެ ދިޔައީ. އެހެންވީމަ އަޅުގަނޑަށް ދެންނެވޭނީ މިއަދުގެ ތަފާތަކީ ހަމަ ކޯޗޭ. ވަރަށް މޮޅު އޭނަ އަސްލު.” ކެނދިކުޅުދޫ ޓީމާއެކު ވަރަށް ގާތުން މަސައްކަތްކުރަމުން އައި އެ ރަށު ކައުންސިލް އިދާރާގެ ޒިންމާދާރުވެރިޔާ އާދަމް ރަމީޒް އިއްޔެގެ މެޗަށްފަހު “ފަހުމިނެޓް” އަށް ދިން އިންޓަވިއުއެއްގައި ވިދާޅުވެފައިވެއެވެ.
ތަށި ކެނދިކުޅުދޫގައި ބެހެއްޓުން ނޫން އެހެން ވިސްނުމެއް ނެތް: ނިޔާ
1999 އަހަރު ނިއު ލެގޫންސް އިން އެއްވަނަ ޑިވިޝަންގެ ފުޓްބޯޅައަށް ނުކުތް ނިޔާ ވަނީ އޭގެ ފަހުން ވީބީ ސްޕޯޓްސް އަށާއި ކްލަބް ވެލެންސިއާ ގެ އިތުރުން ވިކްޓަރީ ސްޕޯޓސް ކްލަބަށާއި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަށްވެސް ކުޅެފައެވެ. ކަނާތް ފަރާތުން ފަހަތަށް ކުޅޭ ކުޅުންތެރިއެއްގެ ގޮތުގައި ފުޓްބޯޅަ ކެރިއަރ ނިޔާ ފެށި ނަމަވެސް ނިޔާގެ މަސައްކަތުގެ ރޭޓަށް ބަލައި އެންމެ ރަގަޅަށް އޭނާގެ ބޭނުން ހިފޭނީ މެދުތެރޭގައި ކުޅުވައިގެން ކަމަށް ގަބޫލުކުރީ ކުރިން ވެލެންސިއާގައި ނިޔާއަށް އިރުޝާދުދިން ކޯޗް ހަންގޭރީގެ ލާސްލޯ ކިސް އެވެ. 2003 ވަނަ އަހަރު ކިސް އެ ގެނައި ބަދަލާއެކު ނިޔާގެ ރަސްމީ މަގާމަކަށްވެސް ވީ މިޑްފީލްޑެވެ.
ކުޅުން ހުއްޓާލުމަށް ފަހު މިހާރު ކޯޗިންގް ގައި ކުރިއަށްދާ ނިޔާއަށް އިއްޔެގެ ކާމިޔާބީ ވަރަށް ހާއްސަ އެވެ. ފުޓްސަލްގައި މިހާތަނަށް ބޮޑު މަޝްހޫރުކަމެއް ހޯދައިފައިވާ ނިޔާ ބޮޑު މުބާރާތެއްގައި ޓީމްގެ ހެޑް ކޯޗް ކަމާ ހަވާލުވި މިއީ ފުރަތަމަ ފަހަރެވެ.
“ހަގީގަތުގަވެސް މިއީ ބަޔާންކޮށްދޭން ދަތި އުފަލެއް. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއީ މި ދާއިރާއިން ކުރިއަށް ދާން ލިބުނު ވަރަށް ބޮޑު އިތުބާރެއް.” ނިޔާ ބުންޏެވެ.
ކޯޗެއްގެ ގޮތުގައި ނިޔާ ފުރަތަމަ ފެނުނީ 2009 ވަނަ އަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގައި އެސްޓީއޯ ގެ ފުޓްސެލް ޓީމުންނެވެ. އެ އަހަރުގެ މުބާރާތުގެ ތަށި އެސްޓީއޯ އަށް ލިބުންވީ ކޯޗިންގްގައި ކުރިއަށްދާން ނިޔާ ވިސްނި އެއް ސަބަބަށެވެ. އޭގެ ފަހުން މިވޭތުވެދިޔަ ގާތްގަނޑަކަށް ދިހަ ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ނިޔާގެ ކޯޗިންގް ކެރިއަރ ގެ އެންމެ ކާމިޔާބު ސޮފްހާ ތައް ލިޔެފައިވަނީވެސް އެސްޓީއޯ އާއެކުއެވެ. ނިޔާ ވަނީ 2009 ވަނަ އަހަރުގެ އިތުރުން 2011، 2014 އަދި 2015 ވަނަ އަހަރުގެ ކްލަބް މޯލްޑިވްސް ކަޕް އެ ޓީމަށް ކާމިޔާބުކޮށްދީ މުބާރާތުގެ އެންމެ މޮޅު ކޯޗްގެ މަގާމް ވެސް އެ ހަތަރު އަހަރު ހޯދައިފައެވެ.
ނިޔާ ގަބޫލުކުރާ ގޮތުގައި މި ކާމިޔާބީއަށް އެންމެ ބޮޑަށް މަގުފަހި ކޮށްދިން އެއް ކަމަކީ އޭނާ މީގެ ހަތަރު މަހެއްހާ ދުވަސް ކުރިން ފުރިހަމަކުރި އޭއެފްސީ ސީ ލައިސަންސް ކޯހެވެ.
“އަސްލު މިވާގޮތަކީ އެއްޗެއް (ކޯސް) ނުހަދާއިރު ސިކުނޑީގަ ހަމައެކަނި އައިޑިއާސް ތަކެއް މި ހުންނަނީ. އެކަމަކު ސީ ލައިސަންސް ހެދީމަ އެބަ އެނގޭ ކޮން ގޮތަކަށް ކަން ޓެކްޓިކްސްއާއި ސެޝަންތައް ތަންކޮޅެއް ބޮޑަށް ރާވާލައިގެން ކުރިއަށް ގެންދާނީ. އަޅުގަނޑު ދަންނަވާނީ ކޯހުން ލިބުނު އެއްޗެއްގެ ބޭނުމޭ އަސްލު މި ހިފުނީ. މުބާރާތުގެ ކުރިން ލިބުނު ވިހި ދުވަސް ތެރޭގަ ފިޓްނަސްއާ ޓެކްޓިކްސް އަށް ރެޑީ ކުރަން އަސްލު އައިޑިއާސް މި ލިބުނީ ހަމަ ކޯހުން ދަސްވި އެއްޗަކުން.” މިއަހަރު ވިކްޓަރީގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައިވެސް މަސައްކަތްކުރި ނިޔާ ބުންޏެވެ.
ނިޔާގެ ކޯޗިންގް ކެރިއަރ ގައި ކަން ކުރަންވީ ގޮތް ރަގަޅަށް އުނގެނިކަން ކުރި ފުރަތަމަ ތަޖްރިބާ އާއެކު 1800 އެއްހާ މީހުން ދިރިއުޅޭ ހިތްގައިމު ކެނދިކުޅުދޫ ގެ އާބާދީއަށް މި ވަނީ ބޮޑު އުފަލެއް ލިބިފައެވެ. މި އުފާވެރިކަން އިހްސާސްކުރާ އެ ރަށުގެ ކޮންމެ މީހެއްގެ ހިތުގައިވެސް ކޯޗް ނިޔާ އަށް އޮތީ ހާއްސަ ލޯތްބެކެވެ.
“މިފެންވަރުގެ ކޯޗެއް އަދި ކޭކޭ (ކެނދިކުޅުދޫ) ޓީމަކަށް ލިބިފައެއް ނެތް. ކުޅުންތެރިންނާވެސް އެހާ ގުޅޭ. ރަށުގެ ރައްޔިތުންނާ ވެސް އެހާ ގުޅޭ. ޓީމް އޮގަނައިޒް ކުރަން ވަރަށް ރަގަޅު ވަރަށް ބެސްޓް ކޯޗެކޭ ބުނެވޭނީ. ކޭކޭ ޓީމްގެ މި ކާމިޔާބީގަ އެންމެ މުހިއްމު ރޯލެއް އަދާކުރީ ކޯޗް. ވަރަށް ބޮޑަށް ކޯޗަށް ޝުކުރު އަދާކުރަން ބޭނުން.” ނިޔާގެ މަސައްކަތާ ގުޅޭގޮތުން ކެނދިކުޅުދޫ ޓީމްގެ ސަޕޯޓަރުންގެ ހަރަކާތްތައް ލީޑް ކުރުމުގައި މުހިއްމު ދައުރެއް އަދާކުރި ސާރާ މުހައްމަދު “ފަހުމިނެޓް” އާ ވާހަކަދައްކަމުން ބުންޏެވެ.
Advertisement
Leave a Reply