ވަދާއީ މެޗުން ލިބޭ ފައިސާ ފެނުމުގެ އުނިކަން ހުންނަ ކުދިންނަށް އިމްރާން ހަދިޔާކުރަނީ

Advertisement

ވަދާއީ މެޗުން ލިބޭ ފައިސާ ފެނުމުގެ އުނިކަން ހުންނަ ކުދިންނަށް އިމްރާން ހަދިޔާކުރަނީ

ޢަބްދުﷲ އަޝްރަފް

ގައުމީ ޓީމްގެ ކުރީގެ ގޯލްކީޕަރު އަދި ވައިސް ކެޕްޓަން އިމްރާން މުހައްމަދު ގައުމީ ޓީމަށް ކުޅުން ހުއްޓާލުން ރަސްމީކޮށް ފާހަގަކުރުމަށް ބާއްވާ ފުޓްބޯޅަ މެޗްގެ ޓިކެޓް ވިއްކައިގެން ލިބޭ ފައިސާއިން  ބައެއް ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސް އަށް ހަދިޔާކުރަން ނިންމައިފިއެވެ. މިކަން މިގޮތަށް ހަމަޖައްސައިފައިވަނީ މެޗްގެ ޓިކެޓް ވިއްކައިގެން ލިބޭ ފައިސާއިން ބައެއް އިމްރާން ބޭނުންވާ އަމިއްލަ ޖަމިއްޔާއަކަށް ހަދިޔާކުރުމަށް އެފްއޭއެމުން އޭނާއަށް ދިން ފުރުސަތެއްގައެވެ.

އަންނަ އާދީއްތަ ދުވަހުގެ ރޭ ގައުމީ ފުޓްބޯޅަ ސްޓޭޑިއަމް ގައި ކުޅުމަށް ހަމަޖެހިފައިވާ މި މެޗް ބެލުމަށް ކުރިން ސިޑި ބަރީގެ ގޮތުގައި ހުރި ސަރަހައްދުން ޓިކެޓެއް ވިއްކަނީ 50 ރުފިޔާ އަށެވެ. ކުރިން ގޮނޑި ޖަހާފައި އޮންނަ ސަރަހައްދުން ޓިކެޓެއް ވިއްކާ އަގަކީ 100 ރުފިޔާ އެވެ. އެނގިފައިވާ ގޮތުގައި މި މެޗްގެ ޓިކެޓް މިއަދު ވިއްކަން ފަށާނެއެވެ.

އިމްރާން ގައުމީ ޓީމަށާއި ދިވެހި ފުޓްބޯޅައަށް ކޮށްދިން މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ބާއްވާ މި މެޗްގައި ވާދަކުރާ ގޮތަށް ހަމަޖެހިފައިވަނީ އިމްރާންގެ ޓީމަކާއި، އެފްއޭއެމްގެ ޓީމެކެވެ. އިމްރާންގެ ޓީމްގައި ރާއްޖޭގެ ގައުމީ ޓީމްގެ ކުރީގެ ކެޕްޓަން ޢަލީ އަޝްފާގް (ދަގަނޑޭ) ހިމެނޭއިރު އިމްރާނާއެކު ގައުމީ ޓީމްގައި ކުރިން ކުޅުނު ބައެއް ތަރިން ކަމަށްވާ ޢަލީ އުމަރާއި، ޢަލީ ޝިހާމާއި، އަސްއަދު ޢަބްދުލް ޣަނީ ހިމެނޭއިރު އެ ޓީމަށް އިރުޝާދުދޭން ހުންނާނީ ކުރިން ގައުމީ ޓީމަށް ކޯޗް ކޮށްދިން ބަލްގޭރިޔާގެ ރޮރްދާން ސްޓޮއިކޯފް އެވެ.

އެފްއޭއެމްގެ ފަރާތުން މެޗަށް ނެރޭ ޓީމްގައި އިނގިރޭސި ކްލަބް މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ގޯލް ކީޕަރު ޑެންމާކްގެ ޕީޓާ ޝުމައިކަލް އާއި، ރެއާލް މެޑްރިޑްގެ ކުރީގެ ޑިފެންޑަރ މިޝަލް ސަލްގާޑޯގެ އިތުރުން ގައުމީ ޓީމްގެ ކުރީގެ ބައެއް ކުޅުންތެރިންނާއި މިހާރު ގައުމީ ޓީމްގައި ހިމެނޭ ބައެއް ކުޅުންތެރިން ހިމެނެއެވެ. އެފްއޭއެމް ޓީމަށް އިރުޝާދުދޭން ކޯޗެއްގެ ގޮތުގައި ހުންނާނީ ޓީސީއަށް ދިރާގު ދިވެހި ޕްރިމިއަރ ލީގް މިއަހަރު ކާމިޔާބުކޮށްދިން ކޯޗް މުޙައްމަދު ނިޒާމް (ނިޒާމްބެ) އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *