ނަސްލީ ގޮތުން ދިމާކޮށް ކޫލިބަލީ ރޮއްވާލައިފި

Advertisement

ނަސްލީ ގޮތުން ދިމާކޮށް ކޫލިބަލީ ރޮއްވާލައިފި

ޢަލީ ޝަހީމް
ރޭގެ މެޗުގައި ކޫލިބަލީ. އިންޓަގެ ސަޕޯޓަރުން ވަނީ ނަސްލީ ގޮތުން ކޫލިބަލީއާ ތަކުރާރުކޮށް ދިމާކޮށްފައި

އިޓާލިއަން ލީގުގައި ރޭ ރަށުން ބޭރުގައި އިންޓަ މިލާނާއި ކުޅުނު މެޗުން 1-0 އިން ނަޕޯލީ ބަލިވިއިރު ނަސްލީ ގޮތުން ދިމާކޮށް ނަޕޯލީގެ ކަލިދޫ ކޫލިބަލީ ރޮއްވާލައިފިއެވެ. އުމުރުން 27 އަހަރުގެ ކޫލިބަލީ އަކީ ފްރާންސަށް އުފަން، ސެނަގާލް ގައުމީ ޓީމަށް ކުޅޭ މޮޅު ޑިފެންޑަރެކެވެ. އެންމެ ފަހުން ހޮވި އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ނޮމިނޭޓްވި ކޫލިބަލީ އަކީ މިހާރު ޔޫރަޕްގެ ބޮޑެތި ކްލަބްތަކުން ހޯދަން މަސައްކަތްކުރާ ކުޅުންތެރިއެކެވެ.

އިންޓައިން މެޗުގެ ހަމައެކަނި ގޯލު ފަހު މިނެޓުގައި ޖެހީ ލޮޓާރޯ މާޓިނޭޒް އެވެ. ރޭގެ މެޗުގެ 80 ވަނަ މިނެޓުގައި ނަޕޯލީގެ ލޮރެންޒޯ އިންސީނޭ އަށް ރަތްކާޑު ދެއްކިއިރު ކޫލިބަލީ އަށް ރަތްކާޑު ދެއްކީ 90 ވަނަ މިނެޓުގައެވެ. ކޫލިބަލީއަށް ފުރަތަމަ ރީނދޫ ކާޑު ދެއްކީ އިންޓަ ގެ މަޓެއޮ ޕޮލިޓާނޯ އަށް ކުރި ފައުލަކަށެވެ. އެއަށްފަހު ދެ ވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދެއްކީ މަލާމާތުގެ ރާގަކަށް ރެފްރީއާ މުހާތަބު ކުރުމުންނެވެ.

ކޫލިބަލީއަށް ރަތްކާޑު ދެއްކިއިރު ރޭގެ މެޗުގައި އިންޓަގެ ސަޕޯޓަރުން ނަސްލީ ގޮތުން އޭނާއާ ދިމާކުރުމުގެ ސަބަބުން ތިން ފަހަރަކު މެޗު ހުއްޓާލުމަށް އެދުނު ކަމަށް ނަޕޯލީ ކޯޗު ކާލޯ އަންޗެލޮޓީ ވަނީ ބުނެފައެވެ.

“ދެން ފަހަރަކުން އަހަރެން މެޗު ހުއްޓާލާނަން. އެއީ މެޗުން ބަލިވިޔަސް ހެޔޮކަމަށް. މިއަދު ކަންތައް ވީ ގޮތުން ދެރައީ ހަމައެކަނި އަހަރެމެންނަކަށް ނޫން. މިއީ މުޅި އިޓަލީއަށްވެސް ލިބުނު ދެރައެއް” ކޫލިބަލީއާއި ނަސްލީ ގޮތުން ދިމާކުރި މައްސަލައިގައި އަންޗެލޮޓީ ބުންޏެވެ.

“އަހަރެން ވަރަށް ދެރަވެއްޖެ ކޫލިބަލީއަށް ކަންތައް ދިމާވިގޮތުން. އަހަރެމެން އެދުނީމަވެސް މެޗު ހުއްޓާލުމާމެދު ގޮތެއް ނުނިންމި. އަހަރެން ހިތްހަމަނުޖެހިފަ މިހުރީ މެޗު ހުއްޓާލަން ތިން ފަހަރު އެދުނީމަވެސް އެކަން ނުކޮށްދިނީމަ” ކުރިން ޗެލްސީ އަށް ކޯޗުކޮށްދިން އަންޗެލޮޓީ މެޗަށްފަހު ބުންޏެވެ.

މެޗަށްފަހު ކޫލިބަލީ ކުރި ޓްވީޓެއްގައި ބުނީ އޭނާގެ ހަމުގެ ކުލައާމެދު ފަހުރުވެރިވާކަމަށެވެ.

“މެޗުން ބަލިވުމުން އަހަރެން މާފަށް އެދެން. ހާއްސަކޮށް ޓީމުގެ ކުޅުންތެރިން މާޔޫސްކޮށްލެވުނީމަ. އެކަމަކު އަހަރެން ހަމުގެ ކުލައަށް ފަހުރުވެރިވަން” ތަކުރާރުކޮށް ނަސްލީ ގޮތުން ދިމާކުރުމާ ކުރިމަތިލާން ޖެހުނު ކޫލިބަލީ ކުރި ޓްވީޓް ގައި ބުންޏެވެ.

ކޫލިބަލީއާ ނަސްލީ ގޮތުން ދިމާކުރުމުން އިޓަލީގެ ފުޓްބޯޅައަށް ވަނީ ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުވެފައެވެ. އަދި އެފްރިކާ ނަސްލުގެ ބައެއް ކުޅުންތެރިން ވަނީ ރޭގެ މެޗުގައި ހިނގާދިޔަ ކަންތައް ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ.

ރޭ ރަށުން ބޭރުގައި އެޓްލަންޓާ އާއި ޔުވެންޓަސް ވާދަކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. މި މެޗުން ޔުވެންޓަސް ބަލިނުވެ ސަލާމަތްވީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުމެ ކްރިސްޓިއާނޯ ރޮނާލްޑޯ ޖަހައިދިން ގޯލުންނެވެ. މިއީ ލީގުގެ ޔުވެންޓަސް އެއްވަރުވި ދެ ވަނަ މެޗެވެ. ލީގުގައި ކުޅުނު 18 މެޗުގެ ތެރެއިން 16 މެޗުން އެޓީމު މޮޅުވެފައިވާއިރު ލީގުގައި އަދިވެސް އެޓީމު ބަލިވެފައެއް ނުވެއެވެ.

ރޭގެ މެޗުގައި ޔުވެންޓަސް އަށް ލީޑު ލިބުނީ މެޗުގެ ދެ ވަނަ މިނެޓުގައި ބެރަތު ޔިމްސިޓީ އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. އޭގެ ފަހުން އެޓްލާންޓާއިން މެޗުގެ 24 މިނެޓުގައި އެއްވަރުކުރިއެވެ. މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ޑުވާން ޒަޕާޓާ އެވެ. މެޗުގެ 53 ވަނަ މިނެޓުގައި އުރުގުއޭގެ މިޑްފިލްޑަރ ރޮޑްރީގޯ ބެންޓަންކުއާ އަށް ދެއްކި ރަތް ކާޑަށްފަހު އެޓީމުން ކުޅުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. ޔުވެންޓަސް އަށް ބަދަލުވުމަށްފަހު ފުރަތަމަ ފަހަރަށް ބެންޗުން ކުޅެން އެރިތާ 13 ވަނަ މިނެޓުތެރޭ ރޮނާލްޑޯ ބޮލުން ގޯލު ޖެހީ އެޓީމަށް ލިބުނު ކޯނަރެއްގައެވެ. މިއީ ލީގުގައި ރޮނާލްޑޯ ޖެހި 12 ވަނަ ގޯލެވެ.

ނަޕޯލީ ބަލިވުމުން ޔުވެންޓަސް ވަނީ ލީގުގެ 18 މެޗު ނިމުނުއިރު ނުވަ ޕޮއިންޓުގެ ލީޑެއް ނަގައިފައެވެ. 50 ޕޮއިންޓާއެކު އެޓީމު އެއް ވަނައިގައި އޮތްއިރު ދެ ވަނައިގައި އޮތް ނަޕޯލީއަށް ލިބިފައިވަނީ 41 ޕޮއިންޓެވެ. ރޭގެ މެޗުން މޮޅުވީ އިންޓަ މިލާން އޮތީ 36 ޕޮއިންޓާއެކު ތިން ވަނައިގައެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *