ވަރުގަދަ ހޮޅުދޫ ބަލިކޮށް ސިޔާމް މައުރޫފް ސޮކާ ކަޕް ކެނދިކުޅުދޫ ކާމިޔާބުކޮށްފި
ނ. އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބޭއްވި ސިޔާމް މައުރޫފް ސޮކާ ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ކެނދިކުޅުދޫ ފުޓްބޯޅަ ކްލަބް ހޯދައިފިއެވެ. އެޓީމު ޗެމްޕިއަންކަން ހޯދީ މިއަދު ހަވީރު އެރަށުގައި ކުޅުނު ފައިނަލް މެޗުގައި 2-0 އިން ހޮޅުދޫ ބަލިކޮށްގެންނެވެ. މިއީ މި މުބާރާތުގެ ޗެމްޕިއަންކަން އެރަށަށް ލިބުނު ފުރަތަމަ ފަހަރެވެ. 2016 ވަނަ އަހަރުގެ ފައިނަލުގައި އެރަށް ބަލިވީ ހޮޅުދޫއާ ވާދަކޮށެވެ.
މިއަދުގެ މެޗު ފަށައިގެން ދެޓީމުގެ ފަރާތުން ފެނުނީ ހަމަހަމަ ކުޅުމެވެ. ފުރަތަމަ ހާފުގައި ގޯލު ޖަހާނެ ހުސް ފުރުސަތުތަކެއް ދެޓީމަށްވެސް ވަނީ ލިބިފައެވެ. ފުރަތަމަ ހާފުގައި ގޯލު ޖަހަން އެންމެ ހުސް ފުރުސަތެއް ލިބުނީ ކެނދިކުޅުދޫ ޓީމު އަލީ ބުޝްރީއަށެވެ. 28 ވަނަ މިނެޓުގައި ބުޝްރީ އަށް ހުސްކޮށް ލިބުނު ބޯޅަ ފޮނުވާލުމުން ދިޔައީ ގޯލު މަތިންނެވެ. ފުރަތަމަ ހާފުގެ ފަހުކޮޅުގައި ހޮޅުދޫން ވަނީ މޮޅަށްކުޅެ ގޯލު ޖަހާނެ ފުރުސަތަކެއް ތަނަވަސްކޮށްފައެވެ.
ކެނދިކުޅުދޫން މެޗުގައި ލީޑު ނެގުމުގެ ކުރިން ހޮޅުދޫ ޓީމުގެ މުހައްމަދު ފާރިޝް އިބްރާހީމް ގޯލުގެ ތެރެއަށް ފޮނުވާލި ބޯޅައެއް ރެފްރީ ވަނީ އޮފްސައިޑް ކަމަށް ނިންމައިފައެވެ. ފާރިޝް އެބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލީ އެޓީމުގެ މޫސާ އިބްރާހީމް އޭރިޔާ ބޭރުން ފޮނުވާލި ބޯޅަ ކެނދިކުޅުދޫ ޓީމުގެ ގޯލްކީޕަރު އަތުގައި ޖެހިފައި ނުކުތް ވަގުތުއެވެ.
މެޗުގައި ކެނދިކުޅުދޫން ފުރަތަމަ ގޯލު ޖެހީ 71 ވަނަ މިނެޓުގައި މުހައްމަދު އިޝާން އެވެ. ކެނދިކުޅުދޫ ޓީމަށް އޭރިޔާގެ އަރިމަތިން ލިބުނު ހިލޭ ޖެހުން އަލީ ބުޝްރީ ފޮނުވާލުމުން ހޮޅުދޫގެ ގޯލްކީޕަރު އެބޯޅަ ހިފަން އުޅުމުގެ ތެރޭގައި އަތުން ދޫވި ބޯޅަ ގޯލަށް ވަނީ އިޝާންގެ ގައިގައި ޖެހިފައެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުމެ އިޝާން ވަނީ މި މެޗުގައި މޮޅު ކުޅުމެއް ދައްކައިފައެވެ. 2016 ވަނަ އަހަރު އިޝާން ފެނުނީ އެޓީމު ގޯލުކީޕަރެއްގެ ގޮތުގައެވެ. އެކަމަކު މިދިޔަ އަހަރުގެ މުބާރާތާއި މިއަހަރުގެ މުބާރާތުގެ ފެނުނީ ފޯވާޑެއްގެ ގޮތަށެވެ. ކެނދިކުޅުދޫ ޓީމުން ލީޑު ނެގުމުން ހޮޅުދޫ މުޅި ޓީމު ކުރިއަށްޖެހި ގޯލެއް ޖަހަން މަސައްކަތް ކުރިއެވެ.
ހޮޅުދޫ ޓީމު ކުރިއަށް ޖެހިގެން ކުޅެނިކޮށް މެޗުގެ 81 ވަނަ މިނެޓުގައި ކެނދިކުޅުދޫ ޓީމުން ވަނީ އިތުރު ގޯލެއް ޖަހައިފިއެވެ. މި ގޯލު ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އުމުރުން 21 އަހަރުގެ ޒުވާން ފޯވާޑް މިފްރާހު އެވެ. މެޗުގެ އިތުރު ވަގުތުގައި ރެފްރީ ވަނީ ކެނދިކުޅުދޫ ޓީމުގެ އަލީ ބުޝްރީ އަށް ރަތްކާޑު ދައްކައިފައެވެ.
މުބާރާތުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ފައިނަލަށް ދަތުރުކުރި ހޮޅުދޫ ޓީމުގެ ކުޅުންތެރިން ހުއްޓުވުމުގައި ކެނދިކުޅުދޫ ޓީމުގެ ތަޖުރިބާކާރު ކުޅުންތެރިޔާ މުހައްމަދު އައްޒާމް މިއަދު ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ. އައްޒާމަކީ މިއަހަރު ދިރާގު ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކުރި ޓީސީ ސްޕޯޓްސް ކްލަބުގައިވެސް މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ.
މި މުބާރާތުގެ ފައިނަލް މެޗު ބައްލަވާލެއްވުމަށް މުބާރާތް އިންތިޒާމުކުރި ރައްޔިތުންގެ މަޖިލީހުގެ އަހުމަދު ސިޔާމް އާއި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފް އެރަށަށް ވަޑައިގެންނެވިއެވެ.
މެޗަށްފަހު ކެނދިކުޅުދޫ ޓީމުގެ އަހުމަދު ނިޔާޒް (ނިޔާ) ބުނީ މިއީ މިދިޔަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ކެނދިކުޅުދޫގެ ރައްޔިތުން ކުރި ބުރަ މަސައްކަތުގެ ނަތީޖާކަމަށާއި، މިއީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.
“ނޮވެމްބަރު އެކަކުން ފެށިގެން ކުރި މަސައްކަތް މީ. ރަށު ރައްޔިތުން ކުރި ބުރަ މަސައްކަތް. ފުރަތަމަ ހަވާލުވީވެސް ތަށި ނެގުމުގެ އުއްމީގައި އަދި އެޓާގެޓަށް ކޮންމެ ދުވަހަކު މަސައްކަތް ކުރީވެސް” ޓީމުގެ ކޯޗު ނިޔާ ބުންޏެވެ.
ނިޔާ ބުނީ މިއީ ހެޑް ކޯޗެއްގެ ގޮތުގައި މިފަދަ ބޮޑު މުބާރާތެއްގައި އޭނާ އިރުޝާދުދިން ފުރަތަމަ ފަހަރު ކަމަށާއި މިއީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.
މެޗުން ބަލިވި ހޮޅުދޫ ޓީމުގެ ކޯޗު އަހުމަދު ފާރިޝް ބުނީ ޓީމުގެ ކުޅުން މިއަދު ވަރަށް ރަނގަޅު ކަމަށާއި މެޗުން ބަލިވީ ނަސީބު އެހީނުވުމުން ކަމަށެވެ.
“ފުދޭވަރަކަށް ރަނގަޅަށް ކުޅުނު. ނަސީބު މިއަދު އެހީނުވީ. ގޯލެއްވެސް ޖެހި އެކަމަކު އޮފްސައިޑް ކަމަށް ނިންމީ. މިއަހަރު އަޅުގަނޑުމެން ބޮޑަށް ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނީ. މުޅިން އަލަށް މި މުބާރާތް ކުޅޭ ވަރަށް ގިނަ ކުޅުންތެރިން އެބަތިބި” މުބާރާތުގެ ޗެމްޕިއަންކަން 2015 އަދި 2016 ވަނަ އަހަރު ހޯދި ޓީމުގެ ކޯޗު ބުންޏެވެ.
މި މުބާރާތް އެންމެ ފުރަތަމަ ބޭއްވީ އަލީ މައުރޫފް އިންވިޓޭޝަނަލް ކަޕްގެ ނަމުގައި 2014 ވަނަ އަހަރު ކުޑަފަރީގައެވެ. އެފަހަރު މުބާރާތް ކާމިޔާބު ކުރީ މަނަދޫ ޓީމެވެ. އޭގެ ފަހުން ސިޔާމް މައުރޫފް ސޮކާ ކަޕްގެ ނަމަށް މުބާރާތް ރީބްރޭންޑް ކުރުމަށްފަހު 2015 އަހަރު ކުޑަފަރީގައި ބޭއްވި މުބާރާތާއި އަދި 2016 ވަނަ އަހަރު ކެނދިކުޅުދޫގައި ބޭއްވި މުބާރާތް ކާމިޔާބު ކުރީ ނ. ހޮޅުދޫ އެވެ. މިދިޔަ އަހަރުގެ މުބާރާތް މާޅެންދޫގައި ބޭއްވިއިރު އެ މުބާރާތް ކާމިޔާބު ކުރީ މިލަދޫ އެވެ. މިލަދޫ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ލަންދޫ ބަލިކޮށްގެންނެވެ.
މިއަހަރުގެ ޗެމްޕިއަންކަން ހޯދި ކެނދިކުޅުދޫ ޓީމަށް ހަ ލައްކަ ރުފިޔާ ލިބޭއިރު ރަނަރަޕް ހޮޅުދޫ ޓީމަށް އެއް ލައްކަ ރުފިޔާ ދޭނެއެވެ. މިއަހަރުގެ މުބާރާތުގައި އެ އަތޮޅުގެ 11 ރަށަކުން ބައިވެރިވިއިރު މިއީ އަތޮޅު ތެރޭގައި ބާއްވާ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތެވެ.
Advertisement
Leave a Reply