އެންވައިޖީ ވޮލީބޯޅަ ޗެމްޕިއަންޝިޕް: ފީއަލި ފައިނަލަށް، ސެމީގައި ނިލަންދޫ އާއި މަގޫދޫ

Advertisement

އެންވައިޖީ ވޮލީބޯޅަ ޗެމްޕިއަންޝިޕް: ފީއަލި ފައިނަލަށް، ސެމީގައި ނިލަންދޫ އާއި މަގޫދޫ

ޢަލީ ޝަހީމް
އިއްޔެގެ މެޗުގެ ޝަރަފްވެރި މެހެމާން ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން ކުޅުންތެރިންނާ ސަލާން ކުރަނީ. ފޮޓޯ: ނިލަންދޫ ޔަންގް ޖެނެރޭޝަން

ފ. ނިލަންދޫގައި މިހާރު ކުރިއަށްދާ އެންވައިޖީ މެންސް ވޮލީބޯޅަ ޗެމްޕިއަންޝިޕްގެ ފައިނަލުގެ ސީދާ ޖާގައެއް ފ. ފީއަލި އެކުވެރި ޒުވާނުންގެ ގުޅުން ހޯދިއިރު ސެމީ ފައިނަލް މެޗުގައި ފ. ނިލަންދޫ ކަޒިންސް ޓީމާއި ފ. މަގޫދޫ ޒުވާނުންގެ ކްލަބް މިއަދު ވާދަކުރަން ޖެހިއްޖެ އެވެ.

ސެމީ ފައިނަލުގެ ސީދާ ޖާގައެއް ފީއަލި އެކުވެރި ޒުވާނުންގެ ގުޅުން ހޯދީ އިއްޔެ ކުޅުނު ގްރޫޕް ސްޓޭޖުގެ މެޗުގައި ނިލަންދޫ ކަޒިންސް ޓީމު ތިން ސެޓު އެއް ސެޓުން ބަލިކޮށްގެންނެވެ. މޮޅަކާއެކު ކޮންމެ ޓީމަކަށްވެސް އެއް ވަނަ ޔަގީންކޮށް ފައިނަލުގެ ސީދާ ޖާގައެއް ޔަގީންކުރަން ކުޅުނު މި މެޗުގައި ދެރަށުގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ މެޗު ބަލަން ހާޒިރުވެފައެވެ. މި މެޗު ޝަރަފްވެރި ކޮށްދެއްވީ މިއަހަރު ސާފް ސުޒުކީ ކަޕް ހޯދި ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލްގަނީ އެވެ. މެޗުގެ ފުރަތަމަ ސެޓު ސްރީ ލަންކާގެ ގައުމީ ޓީމުގެ ކެޕްޓަން ޖަނިތާ ސޫރަޖްގެ މޮޅު ކުޅުމާއެކު 30-28 އިން ކާމިޔާބުކުރީ ފީއަލީ ޒުވާނުންގެ ގުޅުމެވެ. ދެ ވަނަ ސެޓު 25-23 އިން ފީއަލި ކާމިޔާބުކުރިއިރު ތިން ވަނަ ސެޓުގައި ކުޅުން ރަނގަޅުކޮށް ނިލަންދޫ ކަޒިންސް ޓީމު ވަނީ 14-25 އިން ކާމިޔާބުކޮށްފައެވެ. މޮޅުވާން މަޖުބޫރު ހަތަރު ވަނަ ސެޓުގައި ކަޒިންސް ޓީމު މާޔޫސްކޮށްލީ ޖަނިތާގެ މޮޅު ކުޅުމެވެ. ހަތަރު ވަނަ ސެޓު 25-22 އިން ކާމިޔާބުކޮށް ފައިނަލުގެ ޖާގަ ފީއަލި ޒުވާނުންގެ ގުޅުން ހޯދިއިރު މޮޅު ކުޅުންތެރިޔާގެ މަގާމަށްވެސް ހޮވުނީ ޖަނިތާ އެވެ.

އިއްޔެ ހަވީރު ފީއަލި އެކުވެރި ޒުވާނުންގެ ގުޅުމާއި ނިލަންދޫ ކަޒިންސް ބައްދަލުކުރި މެޗުގެ ތެރެއިން. ފޮޓޯ: ނިލަންދޫ ޔަންގް ޖެނެރޭޝަން

މުބާރާތުގައި ރޭ ކުޅުނު މެޗުގައި މަގޫދޫ ޒުވާނުންގެ ގުޅުން ވަނީ ފ. ފީއަލި އެކުވެރި ޒުވާނުންގެ ރޫހު ބަލިކޮށް ސެމީ ފައިނަލުގެ ޖާގައެއް ޔަގީންކޮށްފައެވެ. އެޓީމުން މެޗު ކާމިޔާބުކުރީ ފަސޭހަކަމާއެކު ސީދާ ތިން ސެޓުންނެވެ. މި މެޗުގައި އެޓީމުން ސެޓުތައް ގެންދިޔައީ 25-14، 25-23 އަދި 25-21 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މަގޫދޫ ޒުވާނުންގެ ކްލަބްގެ އަލީ ހުޒާމް (ހުޒާންޓޭ) އެވެ.

ގްރޫޕް ސްޓޭޖުގެ މެޗުތައް ނިމުނުއިރު އެއް ވަނަ ޓީމުގެ ގޮތުގައި ފީއަލި އެކުވެރި ޒުވާނުންގެ ގުޅުން ފައިނަލަށް ދަތުރު ކުރިއިރު ދެ ވަނަ ލިބުނީ މިދިޔަ އަހަރުގެ ޗެމްޕިއަން ކަޒިންސް ޓީމަށެވެ. ތިން ވަނަ މަގޫދޫ ޒުވާނުންގެ ކްލަބުން ހޯދިއިރު ހަތަރު ވަނަ ލިބުނީ ނިލަންދޫ އެސްޖީސީ ސްޕޯޓްސް އަށެވެ. ކުޅުނު ހުރިހާ މެޗަކުން ބަލިވި ފީއަލި އެކުވެރި ޒުވާނުންގެ ރޫހް ޓީމު ދިޔައީ ފުލަށެވެ.

މުބާރާތުގެ ސެމީ ފައިނަލްގައި ކަޒިންސް އާއި މަގޫދޫ ޒުވާނުންގެ ކްލަބް ބައްދަލުކުރާ މެޗު ފަށާނީ މިއަދު ހަވީރު 4:15 ގައެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހު ހަވީރު އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *