ސިޓީ މިދިޔަ ސީޒަނަށްވުރެ މިހާރު ވަރުގަދަ: ގާޑިއޯލާ
މިދިޔަ ސީޒަނުގައި ގިނަ ރެކޯޑުތަކަކާއެކު ޕްރިމިއާ ލީގު ކާމިޔާބު ކުރި މެންޗެސްޓަރ ސިޓީ މިހާރު ވަރުގަދަ ކަމަށް އެޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ. މިދިޔަ ސީޒަނުގައި ލީގުގައި ފުރަތަމަ ފަރަހަށް 100 ޕޮއިންޓް ހަމަކުރި ޝަރަފް ގާޑިއޯލާގެ ސިޓީ ހޯދިއިރު އެޓީމު ލީގު ކާމިޔާބުކުރީ ދެ ވަނަ ހޯދި މެންޗެސްޓަރ ޔުނައިޓެޑަށް ވުރެ 19 ޕޮއިންޓް ކުރީގައި އޮވެގެންނެވެ. ލީގުގެ އިތުރުން މިދިޔަ ސީޒަނުގެ ލީގު ކަޕްގެ ޗެމްޕިއަންކަންވެސް އެޓީމު ވަނީ ހޯދައިފައެވެ.
މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގުގައި އެޓީމު ހަމައެކަނި ބަލިވީ ރަށުން ބޭރުގައި ލިވަޕޫލާއި ކުޅުނު މެޗާއި އަމިއްލަ ދަނޑުގައި ޔުނައިޓެޑާއި ކުޅުނު މެޗުންނެވެ. މި ސީޒަނުގައި ލީގުގައި ސިޓީ މިހާރުވެސް ވަނީ ދެ މެޗުން ބަލިވެފައެވެ. މިމަހުގެ ކުރީކޮޅު ޗެލްސީ ދަނޑުގައި ކުޅުނު މެޗުން 2-0 އިން ބަލިވިއިރު އެންމެ ފަހުން ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލޭސް އަތުން ބަލިވީ 3-2 އިންނެވެ.
“ކުރުކޮށް ބުނާނަމަ އަހަރެމެން މިދިޔަ ސީޒަނަށްވުރެ ވަރުގަދަ. އެއީ ހަމަ އާދައިގެ ކަމެއް ސަބަބަކީ އަހަރެމެން އެކުގައި ގިނަ ދުވަސް ހޭދަކޮށްފިން” ސްކައިސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ގާޑިއޯލާ ބުންޏެވެ.
ގާޑިއޯލާ ބުނީ އެޓީމުގެ އެޓޭކުގައި ބައިވެރިވާނެ އިތުރު ކުޅުންތެރިން މިހާރު އެބަތިބި ކަމަށާއި، އަދި ޑިފެންސް ކުރާއިރުވެސް ކުރިއަށްވުރެ ރަނގަޅު ކަމަށެވެ. ޓީމަށް ކުޅުން އެއް ފެންވަރެއްގައި ހިފެހެއްޓުމުގެ ބާރަކަށްވީ މިދިޔަ ސީޒަނުގައި ޓީމު ދެއްކި ކުޅުން ކަމަށް ގާޑިއޯލާ ބުންޏެވެ.
“ޑޮމެސްޓިކް މުބާރާތްތައް ނޫނީ ޗެމްޕިއަންސް ލީގު ކާމިޔާބުކުރަން ހައެއް ނޫނީ ހަތް ވަރަކަށް މެޗުގައި އެއް ފެންވަރެއްގައި ކުޅެން ޖެހޭނީ. އެކަމަކު ޕްރިމިއާ ލީގުގައި އެގޮތަށް ކުޅެން ޖެހިދާނެ ކޮންމެ ތިން ދުވަހަކުންވެސް. އެހެންވެ ލީގު ތައްޓަށް އަހަރެން އެންމެ ގަޔާވަނީ” ބާސެލޯނާ އަދި ބަޔާން މިއުނިކާ އެކުވެސް ގިނަ ކާމިޔާބީތަކެއް ހޯދައިފައިވާ ކޯޗު ބުންޏެވެ.
ލީގުގައި މިވަގުތު ސިޓީ އޮތީ އެއް ވަނައިގައި އޮތް ލިވަޕޫލަށްވުރެ ހަތަރު ޕޮއިންޓް ފަހަތުން ދެ ވަނައިގައެވެ. ލީގުގައި ސިޓީ މިރޭ ރަށުން ބޭރުގައި ލެސްޓަ ސިޓީއާ ދެކޮޅަށް ނުކުންނައިރު އެއް ވަނައިގައި އޮތް ލިވަޕޫލް އަމިއްލަ ދަނޑުގައި ނުކުންނާނީ ނިއުކާސަލް އާ ދެކޮޅަށެވެ. މި ދެމެޗުވެސް ފަށާނީ މިރޭ ރާއްޖެ ގަޑިން 8 ޖަހާއިރު އެވެ.
Advertisement
Leave a Reply