ތަށި ކެނދިކުޅުދޫގައި ބެހެއްޓުން ނޫން އެހެން ވިސްނުމެއް ނެތް: ނިޔާ

Advertisement

ތަށި ކެނދިކުޅުދޫގައި ބެހެއްޓުން ނޫން އެހެން ވިސްނުމެއް ނެތް: ނިޔާ

ޢަބްދުﷲ އަޝްރަފް
ނިޔާ ނިއު ރޭޑިއަންޓަށް ކުޅުނު ދުވަސްވަރު. ތަޖުރިބާކާރު މި ކުޅުންތެރިޔާ މިހާރު ފެންނަނީ ކޯޗެއްގެ ގޮތުގައި. ފޮޓޯ: މީސްމީޑިއާ

އަތޮޅު ތެރޭގައި ބާއްވާ އެންމެ އަގުބޮޑު މުބާރާތް ކަމަށްވާ ސިޔާމް މައުރޫފް ސޮކަރ ކަޕްގެ ފައިނަލްގައި މިއަދު ހޮޅުދޫއާ ދެކޮޅަށް ނުކުންނައިރު ހުރިހާވެސް ވިސްނުމެއް ހުރީ މުބާރާތުގެ ތަށި ކެނދިކުޅުދޫގައި ބަހައްޓަންކަމަށް އެ ޓީމްގެ ކޯޗް އަހްމަދު ނިޔާޒް (ނިޔާ) ބުނެފިއެވެ. މިއަހަރު ވިކްޓަރީ ސްޕޯޓްސް ކްލަބްގައި އެސިސްޓެންޓް ކޯޗެއްގެ ގޮތުންވެސް މަސައްކަތްކޮށްފައިވާ ނިޔާ މިހެން ބުނެފައިވަނީ މިއަދު ހަވީރު ކެނދިކުޅުދޫގައި ކުޅޭ ފައިނަލް މެޗަށް ނުކުތުމުގެ ކުރިން “ފަހުމިނެޓް” އަށް ރޭ ދިން ހާއްސަ އިންޓަވިއުއެއްގައެވެ.

“ހަމަ މޮޅުވުމުގެ ނިޔަތް އޮތީ. މިތަށި މިރަށުގަ ބެހެއްޓުން އެއީ އެންމެ ބޮޑަށް ވިސްނާ އެއް ކަމަކީ.” ފައިނަލް މެޗާ ދޭތެރޭ ނިޔާގެ ވިސްނުން ހުރިގޮތް ކިޔައިދިނެވެ.

Advertisement

މިއަދުގެ މެޗްގައި އަނެއް ކޮޅުން ނުކުންނަ ހޮޅުދޫ އަކީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމެވެ. މިއަހަރުގެ މުބާރާތުގެ ފައިނަލަށް އައުމުގެ ކުރިން އެ ޓީމުން ކުޅުނު ހުރިހާ މެޗެއް ވަނީ ކާމިޔާބުކޮށްފައެވެ. އެކަންކަމާ މެދު އެންމެ ބޮޑަށް ސަމާލުވާނެ އެކަކަށް ކެނދިކުޅުދޫގެ ކޯޗް ނިޔާ ވާނެކަން ޔަގީނެވެ.

“ހޮޅުދޫ އަކީ އަސްލު މި މުބާރާތުގަ ވަރަށް ފުންނާބު އުސް ޓީމެއް. މި މުބާރާތް ދެ ފަހަރު ކާމިޔާބުކޮށް ހަތަރު މުބާރާތުގެ ތެރެއިން ތިން ވަނަ ފައިނަލް އެމީހުން އެ ކުޅެނީ. އެހެންވީމަ އަހަރެން ދެކެނީ އެއީ މުބާރާތުގެ އެންމެ ވަރުގަދަ ޓީމް ކަމަށް.” ކުރިން އެއްވަނަ ޑިވބިޝަންގެ ބޮޑެތި ބައެއް ކްލަބްތަކަށް ކުޅެފައިވާ ނިޔާ ބުންޏެވެ.

ސެމީ ފައިނަލް މެޗުގައި ނިޔާ ކެނދިކުޅުދޫ ޓީމަށް އިރުޝާދުދެނީ. ފޮޓޯ: ކެނދިކުޅުދޫ ފުޓްބޯޅަ ކްލަބް

ހޮޅުދޫ އާ ދެކޮޅަށް ކެނދިކުޅުދޫ އިން މިއަދު ނުކުންނައިރު ކެނދިކުޅުދޫއަށް ހޯމް އެޑްވާންޓޭޖް އޮތަސް ނިޔާ ގަބޫލުކުރާ ގޮތުގައި އެކަން ބިނާވެފައި އޮންނާނީ ޓީމުން މެޗްގައި ކުރާ މަސައްކަތަށެވެ. ކަން އެހެން އޮތަސް ކެނދިކުޅުދޫ މުބާރާތުގެ ފައިނަލާ ހަމަޔަށް ގެނައުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރި އެއް ބަޔަކީ ޓީމްގެ ސަޕޯޓަރުން ކަމަށާއި. އެމީހުން މިހާތަނަށް ދެއްކި ހިތްވަރު އެއަށްވުރެ ވަރުގަދައަށް މިއަދު ދައްކާނެކަމާ މެދު ޝައްކު ނުކުރާކަމަށް ނިޔާ ބުނެފައިވެއެވެ.

“މިހާ ހިސާބަށް އައިއިރު ސަޕޯޓަރުންގެ ވަރަށް ބޮޑު އެހީތެރިކަމާ އެއްކޮށް ޓީމް ފައިނަލަށް އައީ. އެހެންވީމަ އެ ސަޕޯޓް ފައިނަލް މެޗްގަ އަދި މާބޮޑަށް ލިބޭނެ ކަމަށް ޔަގީންކުރަން މި ތަށި މިކޮޅުގަ ބެހެއްޓުމަށްޓަކައި.” ނިޔާ ބުންޏެވެ.

ކެނދިކުޅުދޫ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައި މިވަނީ ހަމަނުޖެހުން ބޮޑުވި ސެމީ ފައިނަލްގެ ފުރަތަމަ މެޗްގައި ކުޑަފަރިއާއި ވާދަކޮށް 1-2 އިން މޮޅުވެގެންނެވެ. މި މުބާރާތުގައި އަދި މިހާތަނަށް ކެނދިކުޅުދޫ ބަލިވެފައެއް ނުވެއެވެ. ގްރޫޕް ސްޓޭޖްގައި އެމީހުން ކުޅުނު ފަސް މެޗްގެ ތެރެއިން ތިން މެޗް ކާމިޔާބުކޮށް ދެ މެޗް އެއްވަރުކުރިއެވެ.

މުބާރާތުގައި ވާދަކުރާ ކެނދިކުޅުދޫ ޓީމް. އެޓީމުގެ ކެޕްޓަނަކީ ޓީސީއާއެކު ޕްރިމިއާ ލީގު ކާމިޔާބު ކުރި އެރަށަށް އުފަން މުހައްމަދު އައްޒާމް. ފޮޓޯ: ކެނދިކުޅުދޫ ފުޓްބޯޅަ ކްލަބް

މިއަދުގެ މެޗް ކާމިޔާބުކުރަން ނިޔާ ބޭނުންވާ މުހިއްމު އެހެން ދެ ސަބަބެއް އަދި އެބައޮތެވެ. އެއްކަމަކީ ކެނދިކުޅުދޫއިން އޭނާއަށް ލިބެމުން އަންނަ މެހްމާންދާރީއާއި ގާތްކަމެވެ. އޭގެ އަގު ނިޔާ އަދާކޮށްދޭން ބޭނުންވަނީ ރަށަށް ތަށި ހޯދައިދީގެންނެވެ.

“ވަރަށް ފުރިހަމަ. ވަރަށް ހިތްހަމަ ޖެހޭ. ވަރަށް ގުޅޭ ރައްޔިތުންތަކެއް. އަސްލު އައިއިރު ހިއެއް ނުކުރަން މިހާ އެކުވެރި މާހައުލެއްގަ މަސައްކަތްކޮށްލަން ފުރުސަތު ލިބޭނެ ކަމަކަށް. އެކަމަކު ދެތިން ދުވަހެއް ވާއިރެއް އިހްސާސްކުރެވިއްޖެ ވަރަށް ގާތް އެއްބަނޑު އެއްބަފާ ބައެއްގެ ތެރެއަށް ކަން މިއާދެވުނީ.”  ރާއްޖޭގެ ގައުމީ ޓީމަށްވެސް ކުރިން ކުޅެފައިވާ ނިޔާ ބުންޏެވެ.

ދެން އޮތީ ނިޔާގެ އަމިއްލަ ކެރިއަރ އާ ގުޅުންހުރި ކަމެކެވެ.

“މިއީ ލައިސަންސް ލިބިގެން އަހަރެން މުބާރާތެއްގައި ކޯޗްކަން ކޮށްދޭ ފުރަތަމަ ފަހަރު. ދެން އެހެންވީމަ  މިއީ އަހަރެންގެ ކޯޗިންގް ކެރިއަރ ގަ ވަރަށް މުހިއްމު މުބާރާތެއް.” މީގެ ހަތަރު މަހެއްހާ ދުވަސްކުރިން އޭއެފްސީ ސީ ލައިސަންސް ކޯޗިންގް ޕްރޮގްރާމް ފުރިހަމަކުރި ނިޔާ ބުންޏެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *