އެންމެ ބޮޑު އެޑްވާންޓޭޖަކީ ސަޕޯޓަރުން: ހޮޅުދޫ ޓީމުގެ ކޯޗް
އަތޮޅުތެރޭގައި ބާއްވާ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތުގެ ތަށި ތިން ވަނަ ފަހަރަށް ކާމިޔާބުކުރަން ހޮޅުދޫއިން މިއަދު ނުކުންނައިރު އެ ޓީމަށް އޮތް އެންމެ ބޮޑު އެޑްވާންޓޭޖަކީ ޓީމުގެ ސަޕޯޓަރުން ކަމަށް އެ ޓީމްގެ ކޯޗް އަހްމަދު ފާރިޝް ބުނެފިއެވެ. ފާރިޝް މިހެން ބުނެފައިވަނީ މުބާރާތުގެ ފައިނަލްގައި މިއަދު ހަވީރު ކެނދިކުޅުދޫ އާ ދެކޮޅަށް ނުކުތުމުގެ ކުރިން “ފަހުމިނެޓް” އަށް ދިން ހާއްސަ އިންޓަވިއުއެއްގައެވެ.
ހޮޅުދޫ މި މުބާރާތުގެ ފައިނަލަށް އައިސްފައިވަނީ ސެމީ ފައިނަލްގެ ދެވަނަ މެޗްގައި ހެންބަދޫއާ ވާދަކޮށް 0-3 އިން މޮޅުވެގެންނެވެ. އޭގެ ކުރިން ގްރޫޕް ސްޓޭޖްގައި އެ ޓީމް ހަތަރު މެޗް ކުޅުނު އިރު އެ ހުރިހާ މެޗެއްވެސް ހޮޅުދޫ އިން ވަނީ ކާމިޔާބުކޮށްފައެވެ. މުބާރާތުގައި މިހާތަނަށް އެމީހުންގެ ކޮޅަށް ވަދެފައިވަނީ އެންމެ ގޯލެކެވެ. މިއީ މިދިޔަ ތިން އަހަރުގެ މުބާރާތުގައި ބައިވެރިވި ހޮޅުދޫ ޓީމަށްވުރެ މި ފަހަރުގެ މުބާރާތުގައި ބައިވެރިވާ އެ ރަށު ޓީމްގެ މަސައްކަތް މިހާތަނަށް އައިއިރު ރަގަޅުކަން ދައްކައިދޭ ހެއްކެއް ކަމަށާއި އެކަމުގެ ސަބަބުން ފައިނަލަށް ނުކުންނައިރު ޓީމްގެ ކުޅުންތެރިންނަށް ބޮޑު އިތުބާރެއް ލިބިފައިވާ ކަމަށް ކޯޗް ފާރިޝް ބުނެފައިވެއެވެ.
“އަސްލު މިއަހަރު ޓީމް ވާކް ކުރީ އަހަރުތަކަށްވުރެވެސް ވަރަށް ރަގަޅުކޮށް ވަރުގަދަކޮށް މި ފެންނަނީ. އޭގެ ހެއްކެއް ކަންނޭގެ ފައިނަލާ ހަމައަށް ސަތޭކަ ޕަސެންޓް ވިނިންގް ރެކޯޑަކާއެކު ޓީމް އައުން މިއި. މިދިޔަ ތިން އަހަރަށް ބަލާއިރުވެސް ހުރިހާ މެޗަކުން މޮޅުވެގެން މިހިސާބަށް އާދެވިފައެއް ނެތް.” ހޮޅުދޫ ޓީމަށް މިދިޔަ ތިން އަހަރުވެސް އިރުޝާދު ދީފައިވާ ކޯޗް ބުންޏެވެ.
“އަޅުގަނޑުމެންނަށް އެންމެ ބޮޑު ހިތްވަރެއް މި ލިބުނު އެއްކަމަކީ ސެމީ ފައިނަލް މެޗްގެ ފަހު ހާފްގަ ޓީމް ކުޅުނު ކުޅުން. އަސްލު އޭގެ ސަބަބުން ކުޅުންތެރިންނަށް ވަރަށް ބޮޑު އިތުބާރެއް ލިބިއްޖެ ފައިނަލްގެ ކުރިން. ސެމި ފައިނަލެއްގެ ފަހު ހާފްގަ މެޗެއް ތިނެއް ސުމަކުން ވިން ކުރުމަކީ އަސްލު ވަރަށް ބޮޑު ކޮންފިޑެންސްއެއް.” ފައިނަލް މެޗާ ގުޅޭގޮތުން އިތުރަށް ވާހަކަދައްކަމުން ފާރިޝް ބުންޏެވެ.
ހޮޅުދޫ ޓީމުން އަބަދުވެސް ގަބޫލުކުރަމުން އައި ގޮތުގައި އެ ޓީމުން މި މުބާރާތުގެ ތަށި ތިންވަނަ ފަހަރަށް އުފުލާލަން ކުރާ މަސައްކަތުގައި އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވާނީ ކެނދިކުޅުދޫގެ ފަރާތުންނެވެ. އަމިއްލަ ރަށުގައި މުބާރާތް އޮތުމުގެ އިތުރުން ހޮޅުދޫއިން ގަބޫލުކުރާ ގޮތުގައި ރަގަޅު ފެންވަރުގެ ކޯޗަކާއެކު ކެނދިކުޅުދޫ ޓީމް މިފަހަރު ފެންނަނީ އެހެން އަހަރުތަކާ ތަފާތުކޮށެވެ.
“އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކެނދިކުޅުދޫއަށް އޮތް އެންމެ ބޮޑު އެޑްވާންޓޭޖަކީ އެމީހުންގެ ރަށުގަ މެޗް ކުޅުން. އަސްލު މި ލެވަލްގެ މުބާރާތެއްގަ ހޯމް އެޑްވާންޓޭޖަކީ ވަރަށް މުހިއްމު އެއްޗެއް. ދެން ކެނދިކުޅުދޫ ޓީމަކީ މުބާރާތުގަ ކުޅޭ އެންމެ ވަރުގަދަ އެއް ޓީމޭ އަޅުގަނޑު ދަންނަވާނީ. ރާއްޖޭގެ ނަން މަޝްހޫރު ކޯޗެއް ގެނެސްގެން އެންމެ ދުރާލާ ޕްރެކްޓިސްކޮށްގެން. އޭގެ ރިޒަލްޓް ކަންނޭގެ އަސްލު އެ ފެންނަނީ. އަޅުގަނޑުމެން މުބާރާތުގެ އެއް ފޭވަރިޓުންގެ ގޮތުގަ ބަލަމުން އައި އެއް ޓީމް ކުޑަފަރި އެއީ. އެމީހުން ބަލިކޮށްފަ ކެނދިކުޅުދޫއިން ފައިނަލަށް އެ އައީ.” އޭއެފްސީ ސީ ލައިސަންސް ހާސިލްކޮށްފައިވާ ކޯޗް ފާރިޝް ހޮޅުދޫ ޓީމާ ބެހޭގޮތުން ވާހަކަދައްކަމުން ބުންޏެވެ.
މުބާރާތް އަލަށް ކާމިޔާބުކުރަން ނުކުންނަ ކެނދިކުޅުދޫ އަށް ހޯމް އެޑްވާންޓޭޖް އޮތަސް ހޮޅުދޫ ޓީމްގެ ކޯޗް ގަބޫލުކުރާގޮތުގައި ހޮޅުދޫ ޓީމްގެ ސަޕޯޓަރުން އެކަން ކުޅުންތެރިންނަށް އިހްސާސްވިޔަކަ ނުދޭނެއެވެ.
“އަޅުގަނޑުމެންގެ އެންމެ ބޮޑު އެޑްވާންޓޭޖަކީ އަޅުގަނޑުމެންގެ ސަޕޯޓަރުން. އަޅުގަނޑުމެންނަކަށް އަސްލު ފީލް އެއް ނުވާނެ އެއީ ހޯމް ނޫންކަމެއް އެއް ގޮތަކަށްވެސް. އެއީ ދެހާސް ސޯޅައިގަވެސް ދަނޑު ވަށައިގެން ގާތްގަނޑަކަށް ހާހެއްހާ ސަޕޯޓަރުން ތިބި ހޮޅުދޫއަށް ހިތްވަރުދޭން ފައިނަލް މެޗްގަ. މާދަމާ (މިއަދު) ހޮޅުދޫއިން އެކަނިވެސް އަށް ސަތޭކައެއްހާ މީހުން (މެޗް ބަލަން) ދާނެކަމަށް މައުލޫމާތު މި ލިބެނީ.” ހޮޅުދޫއަށް އުފަން ކޯޗު ބުންޏެވެ.
ސިޔާމް މައުރޫފް ސޮކަރ ކަޕްގެ ޗެމްޕިއަންކަން ހޮޅުދޫ އިން ހޯދައިފައިވަނީ 2015 އަދި 20016 ވަނަ އަހަރުއެވެ. 2016 ވަނަ އަހަރު ހޮޅުދޫއިން މުބާރާތުގެ ތަށި އުފުލާލައިފައިވަނީ ފައިނަލްގައި ކެނދިކުޅުދޫ އާ ވާދަކޮށް 0-1 އިން މޮޅުވެގެންނެވެ. އެފަހަރުގެ މުބާރާތްވެސް އޮތީ ކެނދިކުޅުދޫ ގައެވެ.
Advertisement
Leave a Reply