އެމްބާޕޭ ރެއާލަށް ބަދަލުވެ ރޮނާލްޑޯގެ ރެކޯޑުތައް މުގުރާލާނެ
ފްރާންސްގެ ޕީއެސްޖީ އަށް ކުޅޭ އުމުރުން އެންމެ 20 އަހަރުގެ ޒުވާން ތަރި ކިލިއަން އެމްބާޕޭ އަކީ ސްޕެއިންގެ ރެއާލް މެޑްރިޑަށް ބަދަލުވެ ކްރިސްޓިއާނޯ ރޮނާލްޑޯ ހޯދި ކާމިޔާބީތައް މުގުރާލާނެ ކުޅުންތެރިއެއް ކަމަށް ކުރިން މޮނާކޯގެ ޑިރެކްޓަރުގެ މަގާމް އަދާކުރި ލުއިސް ކެމްޕޮސް ބުނެފިއެވެ.
އެ އުމުރުގައި އެމްބާޕޭ މިހާރުވެސް ވަނީ ބައެއް ކުޅުންތެރިންގެ މުޅި ކެރިއަރުގައި ނުލިބޭފަދަ ކާމިޔާބީތައް ހޯދައިފައެވެ. ފްރާންސްގެ ލީގު ޗެމްޕިއަންކަން ދެ ފަހަރު ހޯދައިފައިވާއިރު މިއަހަރު ނިމުނު ވޯލްޑް ކަޕް ފްރާންސުން ކާމިޔާބުކުރި އެމްބާޕޭގެ ދައުރު ބޮޑެވެ. މުބާރާތުގައި ހަތަރު ގޯލު ޖެހިއިރު އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމްވެސް އެމްބާޕޭ ހޯދިއެވެ. އަދި، މިއަހަރު އަލަށް ތައާރަފްކުރި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާއަށްދޭ ކޮޕާ ޓްރޮފީ ވެސް ލިބުނީ އެމްބާޕޭއަށެވެ. މި ސީޒަނުގައި މިހާތަނަށް ކުޅުނު 19 މެޗުގައި އެމްބާޕޭ މިހާރުވެސް ވަނީ 16 ގޯލު ޖަހައިފައެވެ.
އެމްބާޕޭ އެންމެ ބޮޑަށް ވިދާލީ 17-2016 ވަނަ ސީޒަނުގައި މޮނާކޯ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ގެންގޮސްދީ ފްރެންޗް ލީގު އެޓީމުން ކާމިޔާބުކުރިއިރު ދެއްކި ތަފާތު މޮޅު ކުޅުމުންނެވެ. އޭރު މޮނާކޯގެ ޑިރެކްޓަރަކަށް ހުރި ކެމްޕޮސް ގަބޫލުކުރާގޮތުގައި އެމްބާޕޭ ފައްކާވެގެން އަންނަނީ ރެއާލް މެޑްރިޑްގައި ގިނަ ކާމިޔާބީތަކެއް ހޯދާނެ ކުޅުންތެރިއެއްގެ ގޮތަށެވެ.
ކެމްޕޮސް މިހެން ބުނިއިރު ރޮނާލްޑޯ އަކީ ރެއާލް މެޑްރިޑުގައި ހަތަރު ފަހަރު އަދި މެންޗެސްޓަރ ޔުނައިޓެޑްގައި އެއް ފަހަރު ދުނިޔޭގެ މޮޅުކުޅުންތެރިޔާގެ މަގާމް ހޯދި ފަހުގެ ތާރީހުގައި ދުނިޔެ ދުށް އެއްމެ މޮޅު ކުޅުންތެރިޔާކަމަށް ގިނަ ބަޔަކު އިއްތިފާގުވާ ކުޅުންތެރިއެކެވެ. ރެއާލްގައި ގިނަ ކާމިޔާބީތަކެއް ހޯދުމަށްފަހު ރޮނާލްޑޯ މިހާރު ކުޅެމުން އަންނަނީ އިޓަލީގެ ޔުވެންޓަސް އަށެވެ.
“އަހަންނަށް ފެނޭ އެމްބާޕޭ ރެއާލްގެ ޖާޒީގައި. ސަބަބަކީ އެއީ އޭނަގެ ފެންވަރު ފެންނާނެ ކްލަބެއް އަދި ދުނިޔޭގެ ވަރުގަދަ ކުޅުންތެރިން ދާން ބޭނުންވާ މަންޒިލަކީ އެއީ. ކުރިއަށް އޮތް ތަނުގައި އަހަރެންގެ ހިޔާލަށް އާދޭ އެމްބާޕޭ ރެއާލްގެ ސަންޓިއާގޯ ބާނަބެއު ސްޓޭޑިއަމްގައި ތަފާތުދައްކާ މަންޒަރު ބަލަން މެޗަކަށް ދާން” ފްރާންސްގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ކެމްޕޮސް ބުންޏެވެ.
“މިހާރަށް ބަލާއިރު އެމްބާޕޭއަކީ ނޭމާއަށް ވުރެ މުހިއްމު ކުޅުންތެރިއެއް އަދި އޭނަގެ އުމުރަށް ބަލައި ކްރިސްޓިއާނޯ ރޮނާލްޑޯއަށްވުރެ މޮޅުވާނެ ކަމަށް ބެލެވޭ. އަހަންނަށް ގަބޫލުކުރެވޭ އެމްޕާބޭ ގިނައިން (ރޮނާލްޑޯއަށްވުރެ) ބެލޮންޑިއޯ ހޯދާނެކަން” މިހާރު ފްރެންޗް ލީގުގެ ލީލްގެ ސްޕޯޓިން ޑިރެކްޓަރުގެ މަގާމު ފުރަމުން އަންނަ ކެމްޕޮސް ބުންޏެވެ.
މި އަހަރުގެ ބެލޮންޑިއޯ ވޯޓިންގައި އެމްބާޕޭ ވަނީ ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމް ފަސް ފަހަރު ހޯދައިފައިވާ ބާސެލޯނާ އަދި އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ ފަހަތަށް ޖައްސާލުމަށްފަހު ހަތަރު ވަނަ ހޯދައިފައެވެ.
އެމްބާޕޭ ރެއާލަށް ބަދަލުވުމާއި ގުޅޭގޮތުން ވާހަކަތައް ދެކެވޭއިރު ޕީއެސްޖީން މިހާރު ވިސްނަމުން އަންނަނީ އެމްބާޕޭ ނުވަތަ ނޭމާގެ ތެރެއިން ކުޅުންތެރިއަކު އަންނަ ސީޒަނުގައި ވިއްކާލަން ކަމަށް ރިޕޯޓުތައް ބުނެއެވެ. ޕީއެސްޖީން ފައިނޭންޝިއަލް ފެއާޕްލޭ (އެއެފްޕީ) އާ ހިލާފުވެފައިވާތީ ސަސްޕެންޝަނެއް އައުމުގެ ފުރުސަތު އޮތްއިރު އެޓީމަށް މިހާރު ކުރަމުން އަންނަ ހަރަދުގެ ތެރެއިން 193 މިލިއަން ޑޮލަރު އަންނަ އަހަރު ފެށުމުގެ ކުރިން އެޓީމުގެ ބަޖެޓަށް އިތުރުކުރަން ޖެހެއެވެ.
މިދިޔަ ސީޒަނަށްފަހު ޕީއެސްޖީން ނޭމާ ގަތީ 252 މިލިއަން ޑޮލަރު ބާސެލޯނާއަށް ދެއްކުމަށްފަހު ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތަށެވެ. އެމްބާޕޭ މިދިޔަ އަހަރު އެޓީމަށް އެންމެ ފުރަތަމަ ގެންދިޔައީ މޮނާކޯއިން ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. އެމްބާޕޭ 193 މިލިއަނަށް ޕީއެސްޖީއަށް ގެންދިޔައިރު ދެ އަހަރުތެރޭ އެ އަދަދު މޮނާކޯއަށް ދައްކަން ޖެހެއެވެ. މި އަދަދުތަކާއެކު އަންނަ އަހަރު ޕީއެސްޖީން ހަރަދު ކުރާ ފައިސާ އާއި އެފްއެފްޕީ އާއި ފުށުއަރާނެއެވެ.
އެމްބާޕޭ ރެއާލް މެޑްރިޑާއި ގުޅޭނެކަމަށް މީޑިއާގައި ވާހަކަ ދެކެވޭއިރު ރޮނާލްޑޯއާއި މެސީއަށްފަހު އެމްބާޕޭ އަކީ ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމް ޑޮމިނޭޓް ކުރާނެކަމަށް ބެލެވޭ ކުޅުންތެރިއެކެވެ.
Advertisement
Leave a Reply