ދިހަ އަހަރު ފަހުން ލީގު ކަޕްގެ މެޑަލް ޑިފޯއާ ހަވާލުކޮށްފި

Advertisement

ދިހަ އަހަރު ފަހުން ލީގު ކަޕްގެ މެޑަލް ޑިފޯއާ ހަވާލުކޮށްފި

ޢަލީ ޝަހީމް
އިނގިރޭސި ލީގު ކަޕް 2008 ވަނަ އަހަރު ހޯދި ޓޮޓެންހަމް ތައްޓާއެކު. އެ މުބާރާތުގެ މެޑަލް ޑިފޯއާ ހަވާލުކުރީ މި ހަފްތާގައި

އިނގިރޭސި ލީގު ކަޕް 2008 ވަނަ އަހަރު ޓޮޓެންހަމް ހޮޓްސްޕާސް ކާމިޔާބުކުރުމުގައި މުހިއްމު ދައުރެއް އަދާކުރި ޖަމެއިން ޑިފޯ އަށް 10 އަހަރު ފަހުން އެ މުބާރާތުގެ މެޑަލް ހަވާލުކޮށްފިއެވެ.

2-1 އިން ޗެލްސީ ބަލިކޮށް ޓޮޓެންހަމުން ވެމްބްލީ ސްޓޭޑިއަމްގައި 2008 ވަނަ އަހަރުގެ ލީގު ކަޕް ކާމިޔާބު ކުރުމުގެ އެއް މަސް ކުރިން ޑިފޯ ވަނީ އޭރު ލީގުގައި ކުޅުނު ޕޯޓްސްމޯތަށް ބަދަލުވެފައެވެ. މުބާރާތުގެ ފައިނަލުގައި ނުކުޅެވުނަސް ޑިފޯ ވަނީ ޓޮޓެންހަމްގައި ހުރިއިރު އެ މުބާރާތުގެ ފަސް ވަނަ ބުރުގައި އެޓީމުން މެންޗެސްޓަރ ސިޓީ ބަލިކުރިއިރު ގޯލު ޖަހައިފައެވެ. ޓޮޓެންހަމުން ތަށި ކާމިޔާބު ކުރިއިރު ޑިފޯ ޓީމުގައި ނެތްކަމުގައިވިޔަސް 10 އަހަރު ފަހުން އޭނާއަށް މެޑަލް ދިނީ މުބާރާތް ޓޮޓެންހަމް ކާމިޔާބުކުރުމުގައި ހިއްސާ އަދާކޮށްފައިވާތީ އަގުވަޒަން ކުރުމުގެ ގޮތުންނެވެ.

Advertisement

އޭނާ މިހާރު ކުޅޭ އިނގިރޭސި ލީގުގެ ބޯންމައުތްގެ ވިޓަލިޓީ ސްޓޭޑިއަމްގައި މެޑަލް ހަވާލުކޮށްދެއްވީ ލީގު ކަޕްގެ ހެޑް އޮފް ޔޫތް އެންޑް ޑިވެލޮޕްމެންޓް ޑޭވިޑް ވީތެރަލް އެވެ. މެޑަލްއާ ހަވާލުވުމަށްފަހު މިހާރު އުމުރުން 36 އަހަރުގެ ޑިފޯ ބުނީ ފައިނަލް މެޗުގައި ޗެލްސީ އަތުން ޓޮޓެންހަމް މޮޅުވާން ވަރަށް ބޭނުންވިކަމަށެވެ.

ޑިފޯ މެޑަލްއާ ހަވާލުވަނީ. ލީގު ކަޕްގެ ފަސް ވަނަ ބުރުގައި ޑިފޯ ވަނީ ސިޓީ ކޮޅަށް ގޯލޖަހައިފައި

“އަހަރެން ހަނދާން އެބަހުރި ފައިނަލަށް ދިއުމަށް ޓޮޓެންހަމަށް އެހީތެރިކަން ފޯރުކޮށްދެވުނުކަން. ފައިނަލް މެޗުން މޮޅުވެ ތަށި އުފުލާލި މަންޒަރު ބެލީ ވަރަށް އުފަލުން.” ޑިފޯ ބުންޏެވެ.

އެ އަހަރު ކުޅުނު ލީގު ކަޕް ފައިނަލުގައި ޑިޑިއޭ ޑްރޮގްބާގެ ގޯލުން ޗެލްސީ ކުރީގައި އޮއްވައި ލިބުނު ޕެނަލްޓީއަކުން މެޗުގެ 72 ވަނަ މިނެޓުގައި ޓޮޓެންހަމަށް ނަތީޖާ އެއްވަރުކޮށްދިނީ ޑިމިޓާ ބާބަޓޮވް އެވެ. ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ކުޅުން ފެށިތާ ދެމިނެޓުތެރޭ ޓޮޓެންހަމަށް މުބާރާތް ކާމިޔާބު ކޮށްދިން ގޯލު ޖެހީ ޑިފެންޑަރ ޖޮނަތަން ވުޑްގޭޓް އެވެ.

“ޗެލްސީ ކަހަލަ ވަރުގަދަ ޓީމަކާ ދެކޮޅަށް ދެއްކީ ވަރަށް ރަނގަޅު ކުޅުމެއް. އެގޮތަށް މެޗުން މޮޅުވެ ތަށި ހޯދުމަކީ ވަރަށް ބޮޑު ކާމިޔާބީ އެއް” ޓޮޓެންހަމުން ޗެލްސީ ބަލިކުރި މެޗުގެ ހަނދާން އާކުރަމުން ޑިފޯ ބުންޏެވެ.

ލީގު ކަޕްގައި އެ ސީޒަނުގައި ޓޮޓެންހަމަށް ކުޅުމަށްފަހު ޑިފޯ ޕޯޓްސްމޯތަށް ބަދަލުވީ 2008 ވަނަ އަހަރުގެ ޖެނުއަރީ މަހުއެވެ. އެ ޓީމުގައި އަހަރެއްހާ ދުވަސް ހޭދަކުރުމަށްފަހު ޑިފޯ ވަނީ 2009 ވަނަ އަހަރުގެ ޖެނުއަރީމަހު އެނބުރި ޓޮޓެންހަމަށް ބަދަލުފައެވެ. ޓޮޓެންހަމަށް 363 މެޗު ކުޅެދިން ޑިފޯ ވަނީ އެ ކްލަބަށް 143 ގޯލު ކާމިޔާބުކޮށްދީފައެވެ.

އިނގިރޭސި ގައުމީ ޓީމަށްވެސް 57 މެޗު ކުޅުނު ޑިފޯ އަކީ ގޯލު ޖެހުމުގައި ފާހަގަ ކޮށްލެވޭ މޮޅު ކުޅުންތެރިއެކެވެ. މީގެ 10 އަހަރު ކުރިން ޓޮޓެންހަމް ހޯދި ލީގު ކަޕްގެ ކާމިޔާބީއަށްފަހު އެޓީމަށް ތައްޓެއް ލިބިފައެއް ނުވެއެވެ. މި ސީޒަނުގެ ލީގު ކަޕްގެ ސެމީ ފައިނަލަށް އެޓީމު ދަތުރުކޮށްފައިވާއިރު ސެމީގައި ވާދަކުރަންޖެހޭނީ މީގެ 10 އަހަރު ކުރިން ފައިނަލުގައި ބަލިކުރި ޗެލްސީ އާއެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *