އެނިވާސަރީގައި ޕޮޗެޓީނޯ އަންހެނުންނަށް ދިން ހަދިޔާ ވަރަށް ތަފާތު

Advertisement

އެނިވާސަރީގައި ޕޮޗެޓީނޯ އަންހެނުންނަށް ދިން ހަދިޔާ ވަރަށް ތަފާތު

ޢަބްދުﷲ އަޝްރަފް
ޕޮޗެޓީނޯ އޭނާގެ އަންހެނުން ކަރީނާއާއެކު މިއަހަރު ބޭއްވި ފީފާ އެވޯޑު ހަފްލާގައި

ރޭ އެވަޓަން އާ ދެކޮޅަށް ޓޮޓެންހަމް އިން ނެރުނު ނަތީޖާ އަކީ ޓޮޓެންހަމްގެ ކޯޗް މައުރީސިއޯ ޕޮޗެޓީނޯ އަށް ވަރަށް ހާއްސަ ނަތީޖާ އަކަށް ވެއްޖެއެވެ. 6-2 ގެ ނަތީޖާ އަކުން ޓޮޓެންހަމް މެޗް ކާމިޔާބުކުރިއިރު އިއްޔެއަކީ ޕޮޗެޓީނިއޯގެ ކައިވެންޏަށް 26 އަހަރު ފުރޭ ދުވަހެވެ.

“މިއީ ދެ ސަބަބަކާ ހުރެ ވަރަށް އުފާވެރި ދުވަހެއް. އެއް ސަބަބަކީ 6-2 ގެ ތަފާތު ބޮޑު ނަތީޖާ. އަނެއް ސަބަބަކީ މިއަދަކީ އަހަރެންގެ ކައިވެނީގެ އެނިވާސަރީ އަށް ވުން. އަހަރެންގެ އަންހެނުންނާ އަހަރެން ކައިވެނިކުރީ މީގެ 26 އަހަރު ކުރިން.” ޓޮޓެންހަމްގެ ކޯޗް ޕޮޗެޓީނޯ ރޭގެ މެޗަށްފަހު ޓޯކްސްޕޯޓް އަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.

“މިއީ އިއްތިފާގެއް ނޫންތަ؟ މީގެ 26 އަހަރު ކުރިން މިދުވަހު އަހަރެން ކައިވެނި ކުރީ. މިއަދު އެވަޓަން އަތުން މި މޮޅުވީ 6-2 އިން. މުޅި ދުވަހު އަހަރެން ވިސްނަމުން އައީ އެނިވާސަރީގަ އަންހެނުންނަށް ދޭނެ ހަދިޔާ އަކާ ދޭތެރޭ. އެންމެ ފަހުން ކަން މިވީ ހީވެސް ނުކުރާ ކަހަލަ ގޮތަކަށް. މިއީ އަހަރެންގެ އަންހެނުންނަށް މިއަދު ދޭ ހަދިޔާ އަކީ” ޕޮޗެޓީނޯ ބުނެފައިވެއެވެ.

އާޖެންޓީނާއަށް އުފަން އުމުރުން 46 އަހަރުގެ ޕޮޗެޓީނޯ 2014 ވަނަ އަހަރުގެ މެއި މަހު ޓޮޓެންހަމާއި ހަވާލުވުމަށްފަހު އެޓީމާއެކު އަންނަނީ ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ. އެކަމަކު އަދި އެޓީމާއެކު އޭނާއަށް ތައްޓެއްގައި އަތްލެވޭގޮތެއް ނުވެއެވެ. ޓޮޓެންހަމްގެ ކުރިން ޕޮޗެޓީނޯ ފެނުނީ އިނގިރޭސި ޕްރިމިއާ ލީގުގެ ސައުތެމްޓަނުންނެވެ. ޕޮޗެޓީނޯ ކޯޗިން ކެރިއަރު ފެށީ 2009 ވަނަ އަހަރުގެ ފަހުކޮޅު ސްޕެއިންގެ އެސްޕަންޔޯލް އިންނެވެ.

އިނގިރޭސި ޕްރިމިއަރ ލީގްގައި ރޭ އެވަޓަން އާ ދެކޮޅަށް ޓޮޓެންހަމް ކުޅުނު މެޗް 6-2 ގެ ތަފާތު ބޮޑު ނަތީޖާއަކުން ޓޮޓެންހަމް ކާމިޔާބުކުރުމާއެކު އެ ޓީމަށް ވަނީ 42 ޕޮއިންޓް ލިބިފައެވެ. މިހާތަނަށް ކޮންމެ ޓީމެއްވެސް ލީގުގައި 18 މެޗް ކުޅެފައިވާއިރު ޓޮޓެންހަމް އޮތީ ދެ ވަނައިގައި އޮތް ސިޓީ އަށްވުރެ އެންމެ ދެ ޕޮއިންޓް ފަހަތުގައެވެ. ޓޭބަލްގެ އެއްވަނައިގައި އޮތް ލިވަޕޫލާއި ޓޮޓެންހަމާއި ދެމެދު އޮތީ ހަ ޕޮއިންޓްގެ ތަފާތެވެ.

ރޭގެ މެޗްގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ އެވަޓަން އިންނެވެ. މެޗްގެ 21 ވަނަ މިނެޓްގައި މި ގޯލް އެވަޓަން އަށް ކާމިޔާބުކޮށްދިނީ ކުރިން އާސެނަލްއަށް ކުޅުނު ފޯވާޑް ތިއޯ ވޮލްކޮޓެވެ. އެކަމަކު ލީޑް ލިބުމުން އެވަޓަންއަށް ލިބުނު އުފާވެރިކަން ދެމިއޮތީ އެންމެ ހަ މިނެޓަށެވެ. މެޗްގެ 27 ވަނަ މިނެޓްގައި ޓޮޓެންހަމުން ގޯލެއް ޖަހައި ނަތީޖާ ހަމަހަމަ ކުރިއެވެ. މި ގޯލް ވަރަށް ހަނި އޭންގަލަކުން ޓޮޓެންހަމަށް ކާމިޔާބުކޮށްދިނީ އެ ޓީމަށް ކުޅޭ ދެކުނު ކޮރެޔާގެ ފޯވާޑް ސޮން ހެއުން މިން އެވެ. ޓޮޓެންހަމްއަށް މެޗްގައި ލީޑް ނަގައިދިނީ ޑެލި އަލީ އެވެ. ޑެލީ އަލީ ޖެހި މި ގޯލަކީ ސޮން އެވަޓަންގެ ގޯލާ އަމާޒުކޮށް ފޮނުވާލި ބޯޅައެއް އެ ޓީމްގެ ކީޕަރު ޖޯޑެން ޕިކްފޯޑް މަތަކުރުމާއެކު ކުޅުމުގެ ތެރެއަށް ދިއުމުން އެ ބޯޅަ އަތުލައި ގޯލްގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކުރި ލަނޑެކެވެ. ޓޮޓެންހަމުންވަނަ ގޯލް ޖަހައި ލީޑް ފުޅާކުރީ މެޗްގެ ފުރަތަމަ ހާފް ނިމެން ތިން މިނެޓަށް ވެފައި ހުއްޓައެވެ. އެޓީމަށް ލިބުނު ހިލޭ ޖެހުމެއް ކިއެރަން ޓްރިޕިއާ ފޮނުވާލުމުން ގޯލް ދަނޑީގައި ޖެހިފައި ނުކުތް ބޯޅަ އެވަޓަންގެ ގޯލް ދާގަނޑުގައި ތަތްކޮށްލީ ހެރީ ކޭން އެވެ.

މެޗްގެ ފަހު ހާފް ފެށިގެން ތިން ވަނަ މިނެޓްގައި އަނެއްކާވެސް ލަނޑެއް ފެނުނީ ޓޮޓެންހަމްގެ ފަރާތުންނެވެ. މި ގޯލް ޓޮޓެންހަމަށް ކާމިޔާބުކޮށްދިނީ ކްރިސްޓިއަން އެރިކްސަން އެވެ. އެރިކްސަންގެ ލަނޑަށްފަހު އޭގެ ތިން މިނެޓް ފަހު އެވަޓަންއިން ލަނޑެއް ޖަހައި ފަރަގު ކުޑަކުރިއެވެ. މެޗްގައި އެވަޓަންއިން ޖެހި ދެވަނަ ގޯލް ކާމިޔާބުކޮށްދިނީ ގިލްފީ ސިގަޑްސަން އެވެ. އެކަމަކު އެ ލަނޑާއެކު އިތުރަށް ހިތްވަރު ނެރެ އެވަޓަންއަށް ކުޅުން ރަގަޅު ނުކުރެވި އުޅެނިކޮށް ޓޮޓެންހަމުން އިތުރު ދެ ގޯލް ޖަހައި އެވަޓަންގެ ހިތް މަރާލިއެވެ. ޓޮޓެންހަމްގެ ފަހު ދެ ގޯލް ކާމިޔާބުކޮށްދިނީ ސޮން އާއި ކޭން އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *