އެންވައިޖީ ވޮލީބޯޅަ ޗެމްޕިއަންޝިޕް: ކަޒިންސް އާއި ފީއަލި ޒުވާނުންގެ ގުޅުން މޮޅުވެއްޖެ

Advertisement

އެންވައިޖީ ވޮލީބޯޅަ ޗެމްޕިއަންޝިޕް: ކަޒިންސް އާއި ފީއަލި ޒުވާނުންގެ ގުޅުން މޮޅުވެއްޖެ

ޢަލީ ޝަހީމް
އިއްޔެ ހަވީރު ކުޅުނު މެޗުގެ ތެރެއިން. ފޮޓޯ: ނިލަންދޫ ޔަންގް ޖެނެރޭޝަން

ފ. ނިލަންދޫގައި މިހާރު ކުރިއަށްދާ އެންވައިޖީ މެންސް ވޮލީބޯޅަ ޗެމްޕިއަންޝިޕްގައި އިއްޔެ ކުޅުނު މެޗުތަކުން މިދިޔަ އަހަރުގެ ޗެމްޕިއަން ކަޒިންސް ޓީމާއި ފީއަލި އެކުވެރި ޒުވާނުންގެ ގުޅުން ކާމިޔާބު ކޮށްފިއެވެ.

އިއްޔެ ހަވީރު ފީއަލި އެކުވެރި ޒުވާނުންގެ ރޫހާއި ވާދަކޮށް ފީއަލި އެކުވެރި ޒުވާނުންގެ ގުޅުން މެޗު ކާމިޔާބު ކުރީ ސީދާ ތިން ސެޓުންނެވެ. މި ދެޓީމަކީވެސް ފީއަލީގެ އެއް ޖަމިއްޔާއަކަށް ނިސްބަތްވާ ދެޓީމެވެ. މެޗުގެ ޝަރަފްވެރި މެހެމާނަކީ ފ. އަތޮޅު ކައުންސިލްގެ ޑިރެކްޓަރ އިބްރާހިމް ޝަރީފް އެވެ. މެޗުގައި ފީއަލި އެކުވެރި ޒުވާނުންގެ ގުޅުމުން ފުރަތަމަ ދެސެޓު ގެންދިޔައީ 25-10 އިންނެވެ. އެޓީމުން މެޗު ކާމިޔާބު ކުރި ފަހު ދެ ސެޓުންވެސް މޮޅުވީ 25-16 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ޒުވާނުންގެ ގުޅުމުގެ ޖަނިތާ ސޫރަޖް އެވެ. ސޫރަޖް އަކީ ސްރީ ލަންކާގެ ގައުމީ ޓީމުގެ ކެޕްޓަނެވެ.

މުބާރާތުގެ ރޭ އެސްޖީސީ ސްޕޯޓްސް އާއި ވާދަކޮށް ކަޒިންސް މެޗުން މޮޅުވީ ތިން ސެޓު އެއް ސެޓުންނެވެ. ގިނަ އަދަދެއްގެ ސަޕޯޓަރުންނާއެކު ކުރިއަށްދިޔަ މި މެޗުގެ ޝަރަފްވެރި ކޮށްދެއްވީ ބޭންކް އޮފް މޯލްޑިވްސްގެ ސެންޓްރަލް ކްލަސްޗަރ ބްރާންޗްގެ މެނޭޖަރ އަހުމަދު ރައުޝާން އެވެ.

މެޗުގެ ފުރަތަމަ ސެޓުގައި މޮޅު ކުޅުމެއްދައްކައި 25-21 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އެސްޖީސީ ސްޕޯޓްސް އެވެ. ފުރަތަމަ ސެޓުގައި ކަޒިންސް ޓީމުގެ ކުޅުން ދަށްކޮށް ފެނުނު ނަމަވެސް އޭގެފަހުން ކުޅުނު ތިން ސެޓުގައި ތަފާތު ދައްކައި އެޓީމުން ވަނީ މެޗު ކާމިޔާބުކޮށްފައެވެ. އެޓީމުން މެޗުގެ ދެ ވަނަ ސެޓު 25-23 އިން ކާމިޔާބުކުރިއިރު ތިން ވަނަ ސެޓު ގެންދިޔައީ ފަސޭހަކަމާއެކު 25-16 އިންނެވެ. މި ސެޓުގައި އެސްޖީސީ ސްޕޯޓްސްގެ ކުޅުންތެރިގެ މެދުގައި ކޮންމެވެސް ވަރެއްގެ މައްސަލަތަކެއް ފާހަގަކުރެވުނެވެ. އެސްޖީސީ އެހެން އޮއްވައި ކަޒިންސް ޓީމުން ވަނީ ފައިދާ ނަގައި މެޗުގެ ހަތަރު ވަނަ ސެޓުގެ 25-16 ގެ ނަތީއަކުން ކާމިޔާބުކޮށްފައެވެ. ކަޒިންސް ޓީމު މެޗު ކާމިޔާބުކުރި އިރު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އިސްމާއީލް ސާޖިދު (ކާއްޓޭ) އާއި އައްކަޅޭގެ ތަޖުރިބާ ވަރަށް ބޮޑަށް ވަނީ ބޭނުންކޮށްފައެވެ.

ފ. ފީއަލި އެކުވެރި ޒުވާނުންގެ ގުޅުން ޓީމަށް ކުޅޭ ސްރީ ލަންކާގެ ގައުމީ ޓީމުގެ ކެޕްޓަން ޖަނިތާ ސޫރަޖް މޮޅު ކުޅުންތެރިއާގެ މަގާމާ ހަވާލުވަނީ. ފޮޓޯ: ނިލަންދޫ ޔަންގް ޖެނެރޭޝަން

މި ދެމެޗަށްފަހު “ފަހުމިނެޓް” އަށް ދެއްވި އިންޓަވިއުއެއްގައި މުބާރާތް އިންތިޒާމުކުރާ އެންވައިޖީގެ ޖެނެރަލް ސެކްރެޓަރީ އަބްދުލްމަޖީދު އަލީ ވިދާޅުވީ ގައުމީ ޓީމުގެ ކުޅުންތެރިންނާއި މި މުބާރާތް ކުރިއަށް ގެންދިއުމަކީ ވަރަށް ބޮޑު އަމާޒެއް ކަމަށާއި، އަންނަ އަހަރުވެސް މިއަށްވުރެ ފުރިހަމައަށް މި މުބާރާތް ކުރިއަށްގެންދާނެ ކަމަށެވެ.

“ވޮލީ މުބާރާތް 2017 ވަނަ އަހަރު ބޭއްވުމަށްފަހު ދެން އެންމެ ބޮޑަށް ބޭނުންވީ ފޯރިގަދަ އަދި ގައުމީ ޓީމްގެ ގިނަ ކުޅުންތެރިން ހިމެނޭ މުބާރާތެއް ބާއްވަން. އެމަގްސަދު އިރާދަކުރެއްވިއްޔާ ހާސިލްވަމުން މިދަނީ. ވޮލީ ބަލަންފެށީއްސުރެ ވަރަށް ސަޕޯޓްކުރާ ކުޅުންތެރިޔެއް އަލީ ހުޒާމް (ހުޒަންޓޭ) އަކީ. ކަން ދިމާވިގޮތުން ހުޒަންޓޭވެސް އެބަ ކުޅޭ މިމުބާރާތުގަ. ފުރަތަމަ މުބާރާތް ބޭއްވީ ހަމައެކަނި ފ. އަތޮޅަށް. އެފަހަރު މުބާރާތް ކުރިޔަށް ގެންދިޔައީ 3 ޓީމް އާއެކު. މިފަހަރު މުބާރާތް ހުޅުވާލީ ނިލަންދެ އަތޮޅަށް ގައުމީ ޓިމް ކުޅުންތެރިންނާއި ބިދޭސީ ކުޅުންތެރިންނަށްވެސް ކުޅެވޭގޮތަށް. މުބާރާތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް މިއީ. އުއްމީދަކީ އަންނަ އަހަރުވެސް މިމުބާރާތް މިއަށްވުރެ ކޮލިޓީކޮށް ކުރިޔަށް ގެންދިއުން. 2019 ތަފާތުވާނެ.”

މުބާރާތުގެ ފުރަތަމަ ހަ މެޗު ނިމުނުއިރު އެއް ވަނައިގައި ނުވަ ޕޮއިންޓާއެކު އޮތީ މިދިޔަ އަހަރުގެ ޗެމްޕިއަން ކަޒިންސް އެވެ. ދެ ވަނައިގައި އޮތް ފީއަލި ޒުވާނުންގެ ގުޅުމަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު މަގޫދޫ ޒުވާނުންގެ ކްލަބަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. އެސްޖީސީ ސްޕޯޓްސް ދެ ޕޮއިންޓު ހޯދައިފައިވާއިރު ފުލުގައި އެއްވެސް ޕޮއިންޓެއް ނުލިބި އޮތީ ފީއަލި ޒުވާނުންގެ ރޫހެއެވެ.

މުބާރާތުގައި މިއަދުވެސް ދެ މެޗު ކުޅޭނެއެވެ. މިއަދު ހަވީރު 4:15 ގައި ފަށާމެޗުގައި މަގޫދޫ ޒުވާނުންގެ ކްލަބާއި ފީއަލި އެކުވެރި ޒުވާނުންގެ ގުޅުން ވާދަކުރާއިރު މިރޭ 8:15 ގައި ފަށާ މެޗުގައި ފީއަލި އެކުވެރި ޒުވާނުންގެ ރޫހާއި އެސްޖީސީ ސްޕޯޓްސް ވާދަކުރާނެއެވެ. މި ދެމެޗުގެ ތެރެއިން ހަވީރު ކުޅޭ މަގޫދޫ އާއި ފީއަލި ޓީމުގެ މެޗަކީ ފޯރިގަދަވާނެ ކަމަށް ބެލެވޭ މެޗެކެވެ. މި މުބާރާތުގެ ހުރިހާ މެޗެސް އެންވައިޖީ ފޭސްބުކް ޕޭޖް “ނިލަންދޫ ޔަންގް ޖެނެރޭޝަން” އިން ލައިވްކުރަމުން ގެންދާނެ ކަމަށް އިންތިޒާކު ކޮމިޓީން ބުންޏެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *