ފައިވް ސްޓާ ނަތީޖާއަކުން މޮޅުވެ ހޮޅުދޫ ފައިނަލަށް
ނ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން އަތޮޅުތެރޭގައި ބާއްވާ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ސިޔާމް-މައުރޫފް ސޮކާ ކަޕްގެ ފައިނަލުގެ ދެ ވަނަ ޖާގަ ހޮޅުދޫ ހޯދައިފި އެވެ. ހޮޅުދޫ ފައިނަލުގެ ޖާގައެއް ހޯދީ އިއްޔެ ހަވީރު ކެނދިކުޅުދޫ ފުޓްބޯޅަ ދަނޑުގައި ކުޅުނު ދެ ވަނަ ސެމީގައި ހެނބަދޫގެ މައްޗަށް 3-0 އިން ކުރި ހޯދައިގެންނެވެ. މިއީ އެންމެ ފަހުގެ ހަތަރު މުބާރާތުގެ ތެރެއިން ފައިނަލުގައި ހޮޅުދޫ ކުޅޭ ތިން ވަނަ ފައިނަލެވެ. 2015 އަދި 2016 ވަނަ އަހަރުގެ ޗެމްޕިއަންކަން ހޯދި ހޮޅުދޫ މިދިޔަ އަހަރުގެ މުބާރާތުން ކެޓީ ސެމީ ފައިނަލުގައި މިލަދޫ އަތުން ބަލިވެގެންނެވެ.
ހޮޅުދޫއާ ފައިނަލުގައި ވާދަކުރާނީ ހަމަނުޖެހުން ބޮޑުވެ 87 ވަނަ މިނެޓުގައި ހުއްޓާލަން ޖެހުނު ފުރަތަމަ ސެމީގައި ކުޅުނު ކެނދިކުޅުދޫ އެވެ. އެރަށާއި ކުޑަފަރީ ވާދަކުރި ސެމީގެ ފުރަތަމަ މެޗުގައި ކުޑަފަރީގެ ކުޅުންތެރިއަކަށް ރަތްކާޑު ދެއްކުމުން ކުޑަފަރީގެ ބެންޗުގައި ތިބި ކުޅުންތެރިންނާއި ސަޕޯޓަރުން ދަނޑަށް އަރައި ހަމަނުޖެހުން ހިންގުމުން މުބާރާތުގެ އިންތިޒާމު ކޮމިޓީން އެ މެޗު މެދުކަނޑައިލިއެވެ. މެޗު އެވަގުތު ނިންމާލިއިރު 2-1 އިން ކުރީގައި އޮތީ ކެނދިކުޅުދޫ އެވެ. އިއްޔެގެ ވަގުތެއްގައި މުބާރާތުގެ އިންތިޒާމު ކޮމިޓީން ވަނީ އެ މެޗުން މޮޅުވީ ކެނދިކުޅުދޫ ކަމުގައި ނިންމައިފައެވެ.
ހޮޅުދޫއާ ހެނބަދޫ އިއްޔެ ކުޅުނު ފުރަތަމަ ހާފުގައި ދެޓީމަށްވެސް ގޯލު ޖަހާނެ މާ ހުސް ފުރުސަތެއް ލިބިފައެއް ނުވިއެވެ. މުބާރާތުގައި ހުރިހާ މެޗެއް ކާމިޔާބުކުރަމުންދިޔަ ހޮޅުދޫ ޓީމުން ތިން ގޯލުވެސް ޖެހީ ދެ ވަނަ ހާފުގައެވެ. ހެނބަދޫގެ ޑިފެންޑަރު ކައިރިން ނައްޓާލުމަށްފަހު ފުރަތަމަ ގޯލު މެޗުގެ 51 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ އަބްދުލް ވަދޫދް އެވެ. އެޓީމުގެ ދެ ވަނަ ގޯލު ލިބުނު ޕެނަލްޓީއަކުން މެޗުގެ 71 ވަނަ މިނެޓުގައި ޖެހީ މުހައްމަދު ފާރިޝް އިބްރާހީމް އެވެ. މެޗު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް ހެނބަދޫގެ ދެ ޑިފެންޑަރުން ކައިރިން ވަރަށް ރީއްޗަށް ނައްޓާލުމަށްފަހު ތިން ވަނަ ގޯލުވެސް ޖެހީ މި މުބާރާތުގައި ހޮޅުދޫ ޓީމަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ ފާރިޝް އެވެ.
މި މުބާރާތަކީ ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދާއި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފްގެ އިސްނެންގެވުމުގެ މަތިން ނ އަތޮޅުގެ ރަށްތަކުގައި ފުޓްބޯޅައިގެ ފޯރި އިތުރުކޮށް ހުނަރުވެރި ކުޅުންތެރިން އުފެއްދުމުގެ މަގްސަދުގައި ކުރިއަށްގެންދާ މުބާރާތެކެވެ.
މި މުބާރާތް އެންމެ ފުރަތަމަ ބޭއްވީ 2014 ވަނަ އަހަރު ކުޑަފަރީގައެވެ. އެފަހަރު މުބާރާތް ކާމިޔާބު ކުރީ މަނަދޫ ޓީމެވެ. އޭގެ ފަހުން 2015 އަހަރު ކުޑަފަރީގައި ބޭއްވި މުބާރާތާއި އަދި 2016 ވަނަ އަހަރު ކެނދިކުޅުދޫގައި ބޭއްވި މުބާރާތް ކާމިޔާބު ކުރީ ނ. ހޮޅުދޫ އެވެ. މިދިޔަ އަހަރުގެ މުބާރާތް މާޅެންދޫގައި ބޭއްވިއިރު އެ މުބާރާތް ކާމިޔާބު ކުރީ މިލަދޫ އެވެ. މިލަދޫން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި 1-0 އިން ނ. ލަންދޫ ބަލިކޮށްގެންނެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ހަލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ކަނޑައަޅައިފައެވެ. ރަނަރަޕް ޓީމަށް އެއްލައްކަ ދޭ ގޮތަށް ނިންމާފައިވާއިރު ފެއަރ ޕްލޭ ޓީމަށް 25،000 ރުފިޔާ ކަނޑައަޅައިފައިވެއެވެ. މީގެ އިތުރުން އެންމެ މޮޅު ސަޕޯޓަރުން ހޮވައި އެރަށަކަށް 15،000 ރުފިޔާ ދޭގޮތަށް ވަނީ ނިންމާފައެވެ.
މި މުބާރާތުގެ ޝަރަފްވެރި މެހެމާނުންގެ ގޮތުގައި ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ތަރިން ވޭތުވެދިޔަ ދެ އަހަރު ވަނީ ބައިވެރިވެފައެވެ. 2016 ވަނަ އަހަރު ފައިނަލް މެޗުގެ ޝަރަފްވެރި މެހްމާނަކަށް ބާސެލޯނާ އަދި ސްޕެއިންގެ ލެޖެންޑް ކާލޮސް ޕުޔޮލް ހަމަޖެއްސިއިރު މިދިޔަ އަހަރުގެ މުބާރާތުގެ ޝަރަފްވެރި މެހްމާނަކަށް ރާއްޖެ ޒިޔާރަތްކުރީ ޗެލްސީގައި މޮޅު ކުޅުމެއް ދެއްކި ޑިޑިއޭ ޑްރޮގްބާ އެވެ.
މުބާރާތް ބާއްވާ ކެނދިކުޅުދޫ އާއި އެންމެ ކާމިޔާބު ޓީމު، ހޮޅުދޫގެ ވާދަކުރާ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި އަންނަ ބުދަ ދުވަހު އެވެ.
Advertisement
Leave a Reply