ހަޔަކަށް ޖަހައި އެވަޓަން ވިހެލުމަށްފަހު ޓޮޓެންހަމުން ސިޓީ އަތުލަނީ

Advertisement

ހަޔަކަށް ޖަހައި އެވަޓަން ވިހެލުމަށްފަހު ޓޮޓެންހަމުން ސިޓީ އަތުލަނީ

ޢަބްދުﷲ އަޝްރަފް

އިނގިރޭސި ޕްރިމިއަރ ލީގްގައި ރޭ އެވަޓަން އާ ދެކޮޅަށް ޓޮޓެންހަމް ހޮޓްސްޕާސް ކުޅުނު މެޗް 2-6 ގެ ތަފާތު ބޮޑު ނަތީޖާއަކުން ޓޮޓެންހަމް ކާމިޔާބުކޮށްފިއެވެ. ރަށުން ބޭރުގައި ކުޅެ ޓޮޓެންހަމުން މި ހޯދި މޮޅާއެކު އެ ޓީމް ވަނީ 42 ޕޮއިންޓް ހޯދައި ޓޭބަލްގެ ތިން ވަނައަށް އަރައިފައެވެ. މިހާތަނަށް ކޮންމެ ޓީމެއްވެސް ލީގުގައި 18 މެޗް ކުޅެފައިވާއިރު ޓޮޓެންހަމް އޮތީ ދެ ވަނައިގައި އޮތް ސިޓީ އަށްވުރެ އެންމެ ދެ ޕޮއިންޓް ފަހަތުގައެވެ. ޓޭބަލްގެ އެއްވަނައިގައި އޮތް ލިވަޕޫލާއި ޓޮޓެންހަމާއި ދެމެދު އޮތީ ހަ ޕޮއިންޓްގެ ތަފާތެވެ.

ރޭގެ މެޗްގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ އެވަޓަން އިންނެވެ. މެޗްގެ 21 ވަނަ މިނެޓްގައި މި ގޯލް އެވަޓަން އަށް ކާމިޔާބުކޮށްދިނީ ކުރިން އާސެނަލްއަށް ކުޅުނު ފޯވާޑް ތިއޯ ވޮލްކޮޓެވެ. އެކަމަކު ލީޑް ލިބުމުން އެވަޓަންއަށް ލިބުނު އުފާވެރިކަން ދެމިއޮތީ އެންމެ ހަ މިނެޓަށެވެ. މެޗްގެ 27 ވަނަ މިނެޓްގައި ޓޮޓެންހަމުން ގޯލެއް ޖަހައި ނަތީޖާ ހަމަހަމަ ކުރިއެވެ. މި ގޯލް ވަރަށް ހަނި އޭންގަލަކުން ޓޮޓެންހަމަށް ކާމިޔާބުކޮށްދިނީ އެ ޓީމަށް ކުޅޭ ދެކުނު ކޮރެޔާގެ ފޯވާޑް ސޮން ހެއުން މިން އެވެ. ޓޮޓެންހަމްއަށް މެޗްގައި ލީޑް ނަގައިދިނީ ޑެލި އަލީ އެވެ. އަލީ ޖެހި މި ގޯލަކީ ސޮން އެވަޓަންގެ ގޯލާ އަމާޒުކޮށް ފޮނުވާލި ބޯޅައެއް އެ ޓީމްގެ ކީޕަރު ޖޯޑަން ޕިކްފޯޑް މަތަކުރުމާއެކު ކުޅުމުގެ ތެރެއަށް ދިއުމުން އެ ބޯޅަ އަތުލައި ގޯލްގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކުރި ލަނޑެކެވެ. ޓޮޓެންހަމުން ތިން ވަނަ ގޯލް ޖަހައި ލީޑް ފުޅާކުރީ މެޗްގެ ފުރަތަމަ ހާފް ނިމެން ތިން މިނެޓަށް ވެފައި ހުއްޓައެވެ. އެޓީމަށް ލިބުނު ހިލޭ ޖެހުމެއް ކިއެރަން ޓްރިޕިއާ ފޮނުވާލުމުން ގޯލް ދަނޑީގައި ޖެހިފައި ނުކުތް ބޯޅަ އެވަޓަންގެ ގޯލް ދާގަނޑުގައި ތަތްކޮށްލީ ހެރީ ކޭން އެވެ.

މެޗްގެ ފަހު ހާފް ފެށިގެން ތިން ވަނަ މިނެޓްގައި އަނެއްކާވެސް ލަނޑެއް ފެނުނީ ޓޮޓެންހަމްގެ ފަރާތުންނެވެ. މި ގޯލް ޓޮޓެންހަމަށް ކާމިޔާބުކޮށްދިނީ ކްރިސްޓިއަން އެރިކްސަން އެވެ. އެރިކްސަންގެ ލަނޑަށްފަހު އޭގެ ތިން މިނެޓް ފަހު އެވަޓަންއިން ލަނޑެއް ޖަހައި ފަރަގު ކުޑަކުރިއެވެ. މެޗްގައި އެވަޓަންއިން ޖެހި ދެވަނަ ގޯލް ކާމިޔާބުކޮށްދިނީ ގިލްފީ ސިގާޑްސަން އެވެ. އެކަމަކު އެ ލަނޑާއެކު އިތުރަށް ހިތްވަރު ނެރެ އެވަޓަންއަށް ކުޅުން ރަގަޅު ނުކުރެވި އުޅެނިކޮށް ޓޮޓެންހަމުން އިތުރު ދެ ގޯލް ޖަހައި އެވަޓަންގެ ހިތް މަރާލިއެވެ. ޓޮޓެންހަމްގެ ފަހު ދެ ގޯލް ކާމިޔާބުކޮށްދިނީ ސޮން އާއި ކޭން އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *