ހަމަނުޖެހުން ބޮޑުވެ ކުޅުން ހުއްޓާލި މެޗާމެދު ގޮތެއް ނުނިމި ދިގުލަނީ
ނ. އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތް “ސިޔާމް މައުރޫފް ސޮކާ ކަޕް 2018” ގެ ސެމީ ފައިނަލުގައި އިއްޔެ ހަވީރު ކެނދިކުޅުދޫ އާއި ކުޑަފަރި ބައްދަލުކުރި މެޗުގައި ހިނގި ބޮޑު ހަމަނުޖެހުމާއިއެކު ކުޅުން ހުއްޓާލަން ޖެހުނުއިރު އެމެޗުގެ ނަތީޖާއާމެދު އަދިވެސް ގޮތެއް ނިމިފައި ނުވާކަމަށް “ފަހުމިނެޓް” އަށް މައުލޫމާތު ލިބިއްޖެ އެވެ.
އިއްޔެގެ މެޗުގައި ހަމަނުޖެހުން ހިންގި ކުޅުންތެރިންނަށް ފިޔަވަޅު އަޅާނެ ކަމަށްބުނެ މެޗުގެ ނަތީޖާއާމެދު ގޮތެއް ނިންމުން ރޭގެ 12 ޖެހުމާ ހަމައަށް ފަސްކޮށް އެ މައުލޫމާތު މުބާރާތް އިންތިޒާމު ކުރާ ފަރާތުންވަނީ ދެޓީމަށްވެސް އަރުވައިފައެވެ. އެކަމަކު ނާރެސް މީޑިއާއާ ހަވާލާދީ ކެނދިކުޅުދޫ ޓީމުގެ އޮފިޝަލަކު ބުނެފައިވަނީ ރޭގެ 12 ޖެހުމާ ހަމައަށް ގޮތެއް ނިންމައި ޓީމުތަކަށް އަންގާފައިނުވާ ކަމަށެވެ.
ބައެއް ކުޅުންތެރިން ރެފްރީ އަށް ހަމަލާ ދިނުމާއި، ސަޕޯޓަރުން ދަނޑަށް އެރުމުގެ ސަބަބުން މެޗު ކުރިއަށް ނުގެންދެވި 87 ވަނަ މިނެޓުގައި ހުއްޓާލިއިރު 2-1 އިން ކުރީގައި އޮތީ ކެނދިކުޅުދޫ އެވެ. ކެނދިކޮޅު ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ގޯލު ކެނދިކުޅުދޫ ޓީމުން ޖެހިއިރު އޭގެފަހުން ކުޑަފަރި ޓީމުން ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. އެއަށްފަހު މެޗުގެ ދެ ވަނަ ހާފުގައި ކެނދިކުޅުދޫ ޓީމުން ވަނީ އިތުރު ގޯލެއް ޖަހައި ލީޑު ނަގައިފައެވެ.
އެތައް ސަތޭކަ ސަޕޯޓަރުންނެއްގެ ކުރިމަތީގައި ކުޅެމުންދިޔަ މި މެޗު ހޫނުވީ 87 ވަނަ މިނެޓުގައި ކުޑަފަރީގެ ކުޅުންތެރިއަކަށް މެޗު އިންސާފު ކުރަމުންދިޔަ ލާއޯސްގެ ރެފްރީ ރަތްކާޑު ދެއްކުމުންނެވެ. ރަތްކާޑު ދެއްކުމުން ކުޑަފަރީގެ ކުޅުންތެރިން އެކަމާއި ހިތްހަމަ ނުޖެހި ރެފްރީއަށް ހަމަލާދިނުމުން ކުޑަފަރީ ޓީމުގެ ބެންޗުގައި ތިބި ކުޅުންތެރިންނާއި ސަޕޯޓަރުންވެސް ވަނީ ދަނޑަށް އަރައި ހަމަނުޖެހުން ހިންގައިފައެވެ. މައްސަލަ އިތުރަށް ގޯސްވެ ކޮންޓްރޯލުން ނެއްޓުނީ ކުޑަފަރީ ސަޕޯޓަރުން ދަނޑަށް އެރުމުން ކެނދިކުޅުދޫގެ ސަޕޯޓަރުންވެސް ހިތްހަމަ ނުޖެހުން ފާޅުކުރަން ފެށުމުންނެވެ.
އެވަގުތު ފުލުހުންގެ ސެކިއުރިޓީ ޓީމުން ދެޓީމުގެ ސަޕޯޓަރުންނަށް ދަނޑުން ފޭބުމަށް ނަސޭހަތްތެރިވުމުން ކެނދިކުޅުދޫގެ ސަޕޯޓަރުން ވަނީ މެޗު ކުޅުމަށް ފުރުސަތު ދިނުމުގެ ގޮތުން ދަނޑުން ފައިބައިފައެވެ. އެކަމަކު ލާއޯސްގެ ރެފްރީންގެ ޓީމުގެ ނިންމުންތަކާމެދު ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައިތިބި ކުޑަފަރީގެ ސަޕޯޓަރުން ވަނީ އިރުއޮއްސުނު އިރުވެސް ދަނޑުން ފައިބަން އިންކާރުކޮށްފައެވެ. ކުޑަފަރީގެ ސަޕޯޓަރުން ދަނޑުން ނުފޭބުމުން މުބާރާތް އިންތިޒާމުކުރާ ފަރާތުން ވަނީ މެޗުގެ ކުޅުން މެދުކަނޑާލައިފައެވެ.
ނ. އަތޮޅުގެ ރަށްތަކުގައި މެދުގައިކުޅެވޭ ފޯރިގަދަ މި މުބާރާތަކީ ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދާއި ނ. ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފްގެ އިސްނެންގެވުމުގެ މަތިން ނ. އަތޮޅުގެ ފުޓްބޯޅަ ކުރި އެރުމުގެ ގޮތުން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މުބާރާތެކެވެ.
އެ އަތޮޅުގެ އެތައް ސަތޭކަ ސަޕޯޓަރުންވެސް އަބަދުވެސް ޓީމަށް ތަރުހީބު ދިނުމަށް ކޮންމެ އަހަރަކުވެސް މުބާރާތް ބާއްވާ ރަށަށް ޒިޔާރަތް ކުރާއިރު ހަމަނުޖެހުން ހިނގައިގެން މެޗެއް ހުއްޓާލަން ޖެހުނު މިއީ ފުރަތަމަ ފަހަރެވެ.
މިފަހަރުގެ ޗެމްޕިއަން ޓީމަށް 6 ލައްކަ ރުފިޔާގެ އިނާމެއް ހުށަހަޅާފައިވާއިރު، ރަނަރަޕް ޓީމަށް އެއްލައްކަ ރުފިޔާ ވަނީ ހުށަހަޅައިފައެވެ. އަދި، އެންމެ ރަނގަޅަށް ސަޕޯޓްކުރާ ޓީމަކަށް 15 ހާސް ރުފިޔާ ދޭގޮތަށް ވަނީ ނިންމައިފައެވެ.
މުބާރާތުގެ ސެމީ ފައިނަލުގެ ދެ ވަނަ މެޗުގައި މިއަދު ކުޅޭނީ ގްރޫޕް ބީގެ އެއް ވަނަ ހޯދި ހޮޅުދޫ އާއި ގްރޫޕް އޭ ގެ ދެ ވަނަ ހޯދި ހެނބަދޫ އެވެ. ކެނދިކޮޅު ފުޓްބޯޅަ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 3:45 ގައެވެ.
Advertisement
Leave a Reply