ޔުވެންޓަސް މޮޅުވިއިރު ވާދަވެރިޔާވެސް ދޫދިނުމެއްނެތި ކުރިއަށް
އިޓާލިއަން ލީގްގައި ރޭ ރޯމާ އާ ވާދަކޮށް ޓޭބަލްގެ އެއް ވަނައިގައި އޮތް ޔުވެންޓަސް 0-1 އިން މޮޅުވެއްޖެއެވެ. އަމިއްލަ ރަށުގައި ޓޭބަލްގެ ދިހަ ވަނައިގައި މިހާރު އޮތް ރޯމާއާ ދެކޮޅަށް ކުޅެ ހޯދި މޮޅާއެކު އެޓީމު މިހާރު ކުރީގައި އޮތީ އަށް ޕޮއިންޓްގެ ލީޑެއްގައެވެ. ލީގުގައި މިހާތަނަށް ކުޅުނު 17 މެޗުން 49 ޕޮއިންޓް ޔުވެންޓަސް އިން ހޯދައިފައިވާއިރު ދެވަނައިގައި 41 ޕޮއިންޓާއެކު އޮތީ ނަޕޯލީ އެވެ. ނަޕޯލީ ވަނީ ލީގްގައި ރޭ އަމިއްލަ ދަނޑުގައި ކުޅެ އެސްޕީއޭއެލް ބަލިކޮށްފައެވެ. 33 ޕޮއިންޓާއެކު ތިންވަނައިގައި އޮތް އިންޓަ މިލާންއަށް ރޭ ވީވަރަކީ ރަށުން ބޭރުގައި ޗިއެވޯ އާ ކުޅެ 1-1 އިން އެއްވަރުކުރުމެވެ.
މި ސީޒަންގައި އަދި މިހާތަނަށް ލީގްގައި ބަލިވެފައިނުވާ ޔުވެންޓަސްއިން ރޭ ކުޅުނު މެޗްގައި އެޓީމުން ކާމިޔާބުކުރި ހަމައެކަނި ލަނޑު ރޯމާގެ ގޯލަށް ވައްދާލީ އެ ޓީމަށް ކުޅޭ ކްރޮއޭޝިޔާގެ ފޯވާޑް މާރިއޯ މަންޒުކިޗް އެވެ. މެޗްގެ 35 ވަނަ މިނެޓްގައި މަންޒުކިޗް ގޯލް ޖަހައިފައިވަނީ މަޓިއަ ޑި ޝިގްލިއޯ ނަގައިދިން ހުރަހެއް ބޮލުންޖަހައި ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ. މީގެ އިތުރުންވެސް މި މެޗްގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ޔުވެންޓަސްގެ ޑަގްލަސް ކޮސްޓާ ރޯމާގެ ގޯލްގެ ތެރެއަށް ބޯޅައެއް ވައްދާލިއެވެ. އެކަމަކު ވަރަށް ގިނަ އިރުތަކެއް ވަންދެން ވީޑިޔޯ ރީޕްލޭ ބެލުމަށްފަހު ވީއޭއާރުގެ އެހީތެރިކަމާއެކު އެއީ ގޯލެއް ނޫންކަމަށް ރެފްރީ ނިންމިއެވެ. އަދި، ހަމަ މި މެޗްގައި ޔުވެންޓަސްގެ ކެޕްޓަން ޖިއޯޖިއޯ ކިއެލީނީ ބޮލުން ޖަހައި ރޯމާގެ ގޯލަށް ވައްދާލި ބޯޅައެއްވެސް އޭނާ ފައުލްކުރި ކަމަށް ބަލައި ރެފްރީ ވަނީ ގޯލެއް ނޫންކަމަށް ނިންމައިފައެވެ.
ރޭގެ މެޗްގައި ޔުވެންޓަސްއިން ރޯމާގެ ގޯލާ އަމާޒުކޮށް ފޮނުވާލި 20 ހަމަލާގެ ތެރެއިން 10 ހަމަލާ ފޮނުވާލީ އެ ޓީމަށް ކުޅޭ ޕޯޗްގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މީގެ ތެރެއިން ތިން ހަމަލާއެއް ރޯމާގެ ކީޕަރު ރޮބިން އޮލްސެން ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ. މީގެ އިތުރުން އޮލްސެން ވަނީ މި މެޗްގައި ޔުވެންޓަސްގެ އެލެކްސް ސަންޑްރޯ ފުރަތަމަ ހާފްގައި ފޮނުވާލި ދެ ހަމަލާއެއްވެސް މަތަކޮށްފައެވެ.
Advertisement
Leave a Reply