ރިބެރީގެ ރެކޯޑާއެކު ބަޔާން މިއުުނިކް ދެ ވަނައަށް
ޖަރުމަން ބުންޑަސްލިގާ ގައި އެއިންޓްރަކްޓް ފްރެންކްފަޓް އަތުން 3-0 އިން މޮޅުވެ، ބަޔާން މިއުނިކް ތާވަލުގެ ދެވަނައަށް ޖެހިލައިފިއެވެ.
ފުރަތަމަ ހާފް ނިމެން ދިހަ މިނެޓަށް ވެފައި ވަނިކޮށް ބެޔާންގެ ފުރަތަމަ ލަނޑު، ލެވެންޑޯސްކީގެ އެހީތެރިކަމާއެކު ޖަހައިދިނީ ފްރޭންކް ރިބެރީ އެވެ.
ދެވަނަ ލަނޑު މެޗުގެ 79 ވަނަ މިނިޓުގައި ރިބެރީ ކާމިޔާބު ކޮށްދިނީ ޖޯޝުއާ ކިމިޗްގެ އެހީތެރި ކަމާއެކު އެވެ. މިއާއެކު އުމުރުން 35 އަހަރާއި 259 ދުވަސް ފުރިފައިވާ ރިބެރީ ވެފައިވަނީ ބުންޑެސްލިގާ މެޗެއްގައި ބެޔާން އަށް އެއްގޯލަށް ވުރެ ގިނަ ލަނޑު ޖަހައިދިން އެންމެ ދުވަސްވީ ކުޅުންތެރިޔާއަށެވެ.
ބެޔާންގެ ތިންވަނަ ލަނޑު ފުރުހަމަ ވަގުތު ހަމަވާން މިނިޓަކަށް ވެފައި ވަނިކޮށް ކާމިޔާބު ކޮށްދިނީ ރަފީނިއާ އެވެ. އޭނާ މި ލަނޑު ޖެހީ ފްރެންކްފަޓްގެ ކީޕަރު، ކެވިން ޓްރެޕްގެ ބޯމަތިން ބޯޅަ ގޯލްގެތެރެއަށް ފޮނުވާލައިގެންނެވެ.
ބެޔާން ވަނީ ލީގުގައި އެޓީމް އެންމެ ފަހުން ކުޅުނު ފަސް މެޗުން ވެސް މޮޅުވެފައެވެ. އަދި މިއާއެކު އެޓީމް ވަނީ 17 މެޗުން 42 ޕޮއިންޓް ހޯދައިގެން ލީގް ތާވަލުގެ އެއްވަނާގައި އޮތް ބޮރޫޝިއާ ޑޯޓްމުންޑާ ދެމެދު އޮތް ފަރަގު ހަ ޕޮއިންޓަށް ކުޑަކޮށްފައެވެ.
Advertisement
Leave a Reply