ސޯލްޝެއާގެ ފުރަތަމަ މެޗުގައި ޔުނައިޓެޑް ތަފާތު ދައްކައިފި

Advertisement

ސޯލްޝެއާގެ ފުރަތަމަ މެޗުގައި ޔުނައިޓެޑް ތަފާތު ދައްކައިފި

ޢަލީ ޝަހީމް

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކާޑިފް ސިޓީއާ ވާދަކުރި މެޗު 5-1 އިން ކާމިޔާބުކޮށް އާ ކޯޗު އޮލެ ގުނަ ސޯލްޝެއާ އާއެކު މެންޗެސްޓަރ ޔުނައިޓެޑުން ފެށުން ރަނގަޅު ކޮށްފިއެވެ. މި ސީޒަނުގައި ނެރެމުން އައި ދަށް ނަތީޖާތަކުގެ ސަބަބުން ހޯސޭ މޮރީނިއޯ މަގާމުން ދުރުކޮށް ސޯލްޝެއާ ވަގުތީ ގޮތުން ޔުނައިޓެޑްގެ ކޯޗަކަށް ހަމަޖެއްސީ މިދިޔަ ބުދަ ދުވަހު އެވެ.

މިރޭ ކާޑިފް ކޮޅަށް ޖެހި ފަސް ގޯލަކީ 2013 ވަނަ އަހަރުގެ މެއި މަހުގެ ފަހުން ލީގުގައި އެޓީމުން މި އަދަދަށް ގޯލު ޖެހި ފުރަތަމަ ފަހަރެވެ. އެޓީމުގެ ކާމިޔާބު ކޯޗު ސަރ އެލެކްސް ފާގަސަންގެ ވަދާއީ މެޗުގައި ވެސްޓް ބްރޮމްއާއި ވާދަކޮށް 5-5 އިން އެއްވަރުވި ފަހުން ވޭތުވެދިޔަ ފަސް އަހަރާއި ބައިގެ މުއްދަތުގައި އެޓީމަށް ލީގުގެ އެއްވެސް މެޗެއްގައި ފަސް ގޯލު ޖެހިފައެއް ނުވެއެވެ. މި މުއްދަތުގައި އެޓީމާއި ވާދަވެރި މެންޗެސްޓަރ ސިޓީ ވަނީ 33 މެޗުގައި ފަސް ގޯލު ޖަހައިފައެވެ.

Advertisement

މި މޮޅާއެކު މިހާތަނަށް ކުޅުނު 18 މެޗުން ޔުނައިޓެޑަށް ލިބިފައިވަނީ 29 ޕޮއިންޓެވެ. ތާވަލުގެ ހަ ވަނައިގައި އެޓީމު އޮތްއިރު އެޓީމުގެ ކުރީގައި އޮތް އާސެނަލާއި ޗެލްސީ އަށް ވަނީ 37 ޕޮއިންޓް ލިބިފައެވެ.

މެޗުގެ ފުރަތަމަ ގޯލު ތިން ވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމަކުން ޖެހީ މާކަސް ރަޝްފާޑް އެވެ. އެޓީމުގެ ދެ ވަނަ ގޯލު ޕައުލް ޕޮގްބާ ދިން ޕާހަކުން 29 ވަނަ މިނެޓުގައި ޖެހީ އެންޑަ ހެރޭރާ އެވެ. ޔުނައިޓެޑުން ދެ ގޯލުގެ ލީޑެއްގައި އޮއްވައި ކާޑިފް އިން ވަނީ މެޗުގެ 38 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ގޯލު ޖަހައިފައެވެ. މި ގޯލު ކާޑިފް އަށް ކާމިޔާބުކޮށްދިނީ ވިކްޓޯ ކަމަރަސާ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޖެސޭ ލިންގާޑް ދިން ޕާހަކުން އެންތަނީ މާޝިއަލް ޖެހި ހިތްގައިމު ގޯލާއެކު އެޓީމުން ނަތީޖާ 3-1 އަށް ބަދަލުކޮށްލިއެވެ.

ދެ ވަނަ ހާފުގައިވެސް މޮޅަށް ކުޅުނު ޔުނައިޓެޑުގެ ޖެސޭ ލިންގާޑް ވަނީ ދެ ގޯލު ޖަހައި ފަސް ލަނޑު ހަމަކޮށްފައެވެ. ލިންގާޑުގެ ފުރަތަމަ ގޯލު ލިބުނު ޕެނަލްޓީއަކުން 57 ވަނަ މިނެޓުގައި ޖެހިއިރު މެޗުގެ ފަސް ވަނަ ގޯލު ޕޮގްބާ ދިން ޕާހަކުން ލިންގާޑް ޖެހީ ފަހު މިނެޓުގައެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *