ކްލަބް ވޯލްޑް ކަޕް ކާމިޔާބުކޮށް ރެއާލް ތާރީހުގެ ތެރެއަށް

Advertisement

ކްލަބް ވޯލްޑް ކަޕް ކާމިޔާބުކޮށް ރެއާލް ތާރީހުގެ ތެރެއަށް

ޢަލީ ޝަހީމް
ރެއާލް މެޑްރިޑްގެ ކުޅުންތެރިން ކްލަބް ވޯލްޑް ކަޕް ތައްޓާއެކު

ކްލަބް ވޯލްޑް ކަޕްގެ ތަށި ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ހޯދައި މުޅިއެކު ހަތަރު ތައްޓާއެކު މުބާރާތުގެ އެންމެ ކާމިޔާބު ޓީމުގެ ޝަރަފް ސްޕެއިންގެ ރެއާލް މެޑްރިޑް ހޯދައިފިއެވެ. މިރޭ ޔޫއޭއީ ގައި އެގައުމުގެ އަލް އައިން އާއި ވާދަކޮށް ރެއާލް މެޑްރިޑް މެޗު ކާމިޔާބު ކުރީ 4-1 އިންނެވެ. ރެއާލްގެ ފަހަތުން މުބާރާތުގައި ދެ ވަނަ އަށް އެންމެ ކާމިޔާބު ޓީމަކީ ތިން ފަހަރު ތަށި ހޯދައިފައިވާ ވާދަވެރި ބާސެލޯނާ އެވެ.

އަބޫދާބީގެ ޒައިދު ސްޕޯޓްސް ސިޓީ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ރެއާލްގެ ފުރަތަމަ ގޯލު މެޗުގެ 14 ވަނަ މިނެޓުގައި ކަރިމް ބެންޒެމާގެ އެހީތެރިކަމާއެކު ޖެހީ ދާދިފަހުން ބެލޮންޑިއޯ އެވޯޑް ހޯދި ލޫކަ މޮޑްރިޗެވެ. އެޓީމުގެ ދެ ވަނަ ގޯލު 60 ވަނަ މިނެޓުގައި ޖެހީ މާކޮސް ލޮރެންތޭ އެވެ. 25 ޔާޑު ދުރުން ލޮރެންތޭ ފޮނުވާލި ބާރު ހަމަލާ ގޯލަށް ވަތްއިރު މިއީ ޕްރޮފެޝަނަލް ކެރިއަރުގައި އޭނާ ޖެހި ފުރަތަމަ ގޯލެވެ. މޮޑްރިޗް ނަގައިދިން ކޯނަރަކުން މެޗުގެ 78 ވަނަ މިނެޓުގައި ރެއާލްގެ ތިން ވަނަ ގޯލު ޖެހީ ސާޖިއޯ ރާމޮސް އެވެ. މެޗު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް އަލް އައިންގެ ހަމައެކަނި ގޯލު ކާމިޔާބު ކޮށްދިނީ ސުކާސާ ޝިއޮންޓާނި އެވެ. ރެއާލްގެ ހަތަރު ވަނަ ގޯލަކީ މެޗުގެ އިތުރު ވަގުތުގައި އަލް އައިންގެ ޔަހްޔާ މުސްތަފާ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

މެޗުގައި ރެއާލްގެ ލޫކަސް ވަޒްކޭޒް އާއި ގަރެތް ބޭލް އަށްވެސް ގޯލު ޖަހާނެ ފުރުސަތުތައް ލިބި ވަނީ ބޭކާރުވެފައެވެ. މެޗު ފެށުނުތަނާ ވަޒްކޭޒް ފޮނުވާލި ބޯޅަށް ދަނޑިއަށް އަމާޒުވިއިރު ސެމީ ފައިނަލް މެޗުގައި ހެޓްރިކް ހެދި ބޭލް ޖެހި ބައިސިކަލް ކިކް ދިޔައީ ގޯލު މަތިންނެވެ.

ރެއާލް ހޯދި ބޮޑު ކާމިޔާބީއާއެކު އެޓީމުގެ ޓޮނީ ކްރޫސް ވެފައިވަނީ އެންމެ ގިނައިން މި މުބާރާތް ކާމިޔާބުކުރި ކުޅުންތެރިޔާއަށެވެ. ރެއާލްއާއެކު ހަތަރު ފަހަރު މި މުބާރާތް ކާމިޔާބު ކުރިއިރު 2013 ވަނަ ޖަރުމަނުގެ ބަޔާން މިއުނިކާއި އެކުވެސް ކްރޫސް ވަނީ މި މުބާރާތް ކާމިޔާބުކޮށްފައެވެ.

މިއަދު މުބާރާތުގެ ތިން ވަނަ ހޮވަން ކުޅުނު މެޗުގައި ދެކުނު އެމެރިކާގެ ޗެމްޕިއަން ރިވާ ޕްލޭޓް ވަނީ އޭޝިއާގެ ޗެމްޕިއަން ކަޝިމާ އެންޓްލާސް 4-0 އިން ބަލިކޮށްފައެވެ. 2000 ވަނަ އަހަރު ކުޅެންފެށި ކްލަބް ވޯލްޑް ކަޕް މުބާރާތް މިހާތަނަށް ކާމިޔާބު ކޮށްފައިވަނީ ޔޫރަޕާއި ދެކުނު އެމެރިކާއިން މުބާރާތުގައި ކުޅެފައިވާ ޓީމުތަކުންނެވެ. ޔޫރަޕް ނޫން ކްލަބަކުން އެންމެ ފަހުން މި މުބާރާތް ކާމިޔާބުކުރީ 2012 ވަނަ އަހަރު ޗެލްސީ ބަލިކޮށް ޗެމްޕިއަންކަން ހޯދި ބްރެޒިލްގެ ކޮރިންތިއަންސް އެވެ.

 

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *