ސިޓީ އާއި ޗެލްސީ ބަލިވެއްޖެ، އުފާވެރިކަން ލިވަޕޫލަށް

Advertisement

ސިޓީ އާއި ޗެލްސީ ބަލިވެއްޖެ، އުފާވެރިކަން ލިވަޕޫލަށް

ޢަލީ ޝަހީމް
ސިޓީ ކޮޅަށް ގޯލު ޖެހުމަށްފަހު ޓައުންސެންޑް އުފާފާޅު ކުރަނީ

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކްރިސްޓަލް ޕެލޭސް އަތުން ބަލިވެ ލީގު ހޯދުމުގެ ރޭހުގައި ސިޓީއަށް އުނދަގޫތަކެއް ކުރިމަތި ވެއްޖެއެވެ. އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލޭސްއާ ވާދަކޮށް ޕެޕް ގާޑިއޯލާގެ ސިޓީ ބަލިވީ 3-2 އިންނެވެ. އަނެއްކޮޅުން އަމިއްލަ ދަނޑުގައި ޗެލްސީވެސް މިރޭ ވަނީ 1-0 އިން ލެސްޓާ ސިޓީ އަތުން ބަލިވެފައެވެ. ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި ސައުތެމްޓަން އަތުން ބަލިވި އާސެނަލް މިއަދު ވަނީ އަމިއްލަ ދަނޑުގައި 3-1 އިން ބާންލީ ބަލިކޮށްފައެވެ.

މިރޭ ކްރިސްޓަލް ޕެލޭސް ހޯދި މޮޅަކީ ސިޓީގެ ދަނޑުގައި 1990 ވަނަ އަހަރަށްފަހު އެޓީމަށް ލިބުނު ފުރަތަމަ މޮޅެވެ. މިރޭ މެޗަށް ނުކުތްއިރު ލީގުގައި އަމިއްލަ ދަނޑުގައި ސިޓީން ވަނީ ކުޅުނު ހުރިހާ މެޗެއްވެސް ކާމިޔާބު ކޮށްފައެވެ. މިދިޔަ ސީޒަނުގައި ޕެލޭސްގެ ދަނޑުގައި ސިޓީ ކުޅުނު މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ. އެމެޗުގައި ސިޓީއަށް ޕެލޭސްގެ ގޯލު ފޫއަޅުވާލަން އުނދަގޫވުމުން މިރޭގެ މެޗަށް ނުކުތްއިރު ގާޑިއޯލާ ވަނީ އެކަން ފާހަގަ ކޮށްފައެވެ. މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ގާޑިއޯލާ ބުނީ ޕެލޭސް ބަލިކުރަން ސިޓީ މިރޭ ވަރަށް މޮޅަށް ކުޅެން ޖެހޭނެކަމަށެވެ. ސިޓީ މިރޭ ބަލިވުމުން އެންމެ ބޮޑު އުފާވެރިކަމެއް ލިބުނީ ލިވަޕޫލަށެވެ. ލިވަޕޫލް 1990 ވަނަ އަހަރު އެންމެ ފަހުން ލީގު ހޯދި އިރުވެސް ސިޓީ ވަނީ އަމިއްލަ ދަނޑުގައި ޕެލޭސް އަތުން ބަލިވެފައެވެ.

Advertisement

ލީގުގެ އެއް ވަނައިގައި 48 ޕޮއިންޓާއެކު އޮތް ލިވަޕޫލާއި ދެ ވަނައިގައި 44 ޕޮއިންޓާއެކު އޮތް ސިޓީއާ ދެމެދު މިހާރު ހަތަރު ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. ތާވަލުގެ ތިން ވަނައިގައި 39 ޕޮއިންޓާއެކު އޮތީ އެއް މެޗު މަދުން ކުޅެފައިވާ ޓޮޓެންހަމް ހޮޓްސްޕާސް އެވެ. މިރޭ ޗެލްސީ ބަލިވެ އާސެނަލް މޮޅުވުމުން މި ދެޓީމަށްވެސް މިހާރު ލިބިފައިވަނީ 37 ޕޮއިންޓެވެ. އެކަމަކު ގޯލުގެ ތަފާތުން ޗެލްސީ އަށް ހަތަރު ވަނަ ލިބޭއިރު އާސެނަލް އޮތީ ފަސް ވަނައިގައެވެ.

ސިޓީއާ ޕެލޭސް ބައްދަލުކުރި މެޗުގެ ފުރަތަމަ ގޯލު 27 ވަނަ މިނެޓުގައި ޑިފެންޑަރ ފަބިއަން ޑެލްފް ނަގައިދިން ހުރަހަކުން ބޮލުން ގޯލުގެ ތެރެއަށް ވައްދާލީ އިލްކާއީ ގުންޑޮގާން އެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ޕެލޭސް އިން ވަނީ ގާތްގާތުގައި ދެގޯލު ޖަހައި ސިޓީ ހާސްކޮށްލައިފައެވެ. ޕެލޭސްގެ ފުރަތަމަ ގޯލު 33 ވަނަ މިނެޓުގައި ޖެފެރޭ ޝްލުޕް ޖެހިއިރު ދެ ވަނަ ގޯލު އޭގެ ދެ މިނެޓުފަހުން ޖެހީ އެންދްރެސް ޓައުންސެންޑް އެވެ. ޓައުންސެންޑްގެ މި ގޯލަކީ ލީގުގައި ފެނުނު އެންމެ ރީތި އެއް ގޯލެވެ.

މެޗުގެ ދެ ވަނަ ހާފުގައި ސިޓީން ރަނގަޅަށް ހަމަނުޖެހި އުޅެނިކޮށް ޕެލޭސް އިން ވަނީ ލިބުނު ޕެނަލްޓީއަކުން ތިން ވަނަ ގޯލު ޖަހައި ސިޓީ މާޔޫސްކޮށްލުވައިފައެވެ. މި ގޯލު އެޓީމަށް ޖަހައިދިނީ ލުކާ މިލިވޮއެވިޗް އެވެ. ޕެލޭސް އިން ތިން ގޯލުގެ ލީޑެއް ނެގުމާއެކު ގާޑިއޯލާ ވަނީ އެޓީމުގެ ބެންޗުގައި ތިބި ސާޖިއޯ އަގުއޭރޯ އާއި ރިޔާދް މާރޭޒް އަދި ކެވިން ޑި ބްރޭނާ ކުޅެން އަރުވައިފިއެވެ. ސިޓީއަށް ގެނައި ބަދަލުތަކާ އެކުވެސް އެޓީމަށް ލަނޑު ޖަހާނެ މާ ހުސް ފުރުސަތެއް ތަނަވަސް ކުރެވިފައެއް ނުވެއެވެ. ސިޓީން މެޗުގައި ލީޑު ކުޑަކުރީ 85 ވަނަ މިނެޓުގައި ޑި ބްރޭނާ ޖެހި ހިތްގައިމު ގޯލުންނެވެ. ދެ ވަނަ ގޯލަށްފަހު ސިޓީން ވަނީ ބާކީ ފަސް މިނެޓުގައި އިތުރު ގޯލެއް ޖަހަން ވަރަށް ބޮޑަށް މަސައްކަތް ކޮށްފައެވެ. އެކަމަކު އެޓީމަށް އޭގެ ފަހުން ލިބުނު ފުރުސަތުތައް ހުއްޓުވުމުގައި ޕެލޭސްގެ މުޅި ޓީމު ވަނީ މޮޅު ކުޅުމެއް ދައްކައިފައެވެ.

މިރޭ ލެސްޓާ ސިޓީން ޗެލްސީ ބަލިކުރީ 51 ވަނަ މިނެޓުގައި ޖެމީ ވާޑީ ޖެހި ގޯލުންނެވެ. މިއީ ލީގުގެ ގަދަ ހަ ޓީމާއި ދެކޮޅަށް އެންމެ ފަހުން ކުޅުނު 15 މެޗުގައި ވާޑީ ޖެހި 13 ވަނަ ގޯލެވެ. ޗެލްސީއަށް މިރޭ ގޯލު ޖަހަން އެންމެ ރަނގަޅު ފުރުސަތުތައް ލިބުނީ އެޑެން ހަޒާޑަށެވެ. ހަޒާޑް ފުރަތަމަ ހާފުގައި ފޮނުވާލި ބޯޅަ ގޯލުގެ ހުރަސް ދަނޑީގައި ޖެހުނުއިރު ދެ ވަނަ ހާފުގައި ފޮނުވާލި ބާރު ހަމަލާ ލެސްޓާގެ ގޯލްކީޕަރު ކެސްޕާ ޝްމައިކަލް ވަނީ ހުށިޔާރު ކަމާއެކު މަތަކޮށްފައެވެ. މިރޭ ޗެލްސީ ބަލިވިއިރު ލީގުގައި އެންމެފަހުން އަމިއްލަ ދަނޑުގައި ކުޅުނު 12 މެޗުންވެސް އެޓީމު ބަލިވެފައެއް ނުވެއެވެ.

ލީގުގައި އާސެނަލް މިރޭ 3-1 އިން ބާންލީ ބަލިކުރިއިރު ތަފާތު ދެއްކީ ދެ ގޯލު ޖެހީ ޕިއޭ އެމެރިކް އޮބަމަޔާން އެވެ. އޮބަމަޔާން ފުރަތަމަ ގޯލު 14 ވަނަ މިނެޓުގައި ޖެހިއިރު ދެ ވަނަ ގޯލު ޖެހީ 48 ވަނަ މިނެޓުގައެވެ. ލީގުގައި އާސެނަލަށް ކުޅުނު 31 މެޗުގައި އޮބަމަޔާން ވަނީ 22 ގޯލު ޖަހައިފައެވެ. އާސެނަލް ދެ ގޯލުގެ ލީޑެއްގައި އޮއްވައި ބާންލީގެ އޭޝްލީ ބާންސް ވަނީ މެޗުގެ 63 ވަނަ މިނެޓުގައި ލީޑު ކުޑަކޮށްފައެވެ. އާސެނަލްގެ ތިން ވަނަ ގޯލު މެސުތު އޮޒިލް ދިން ބޯޅައަކުން އިތުރު ވަގުތުގައި ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުން އެލެކްސް އިވޯބީ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *