ކެނދިކުޅުދޫއާ ކުޑަފަރީގެ ސެމީ ފައިނަލް މެޗު މިއަދު

Advertisement

ކެނދިކުޅުދޫއާ ކުޑަފަރީގެ ސެމީ ފައިނަލް މެޗު މިއަދު

ޢަލީ ޝަހީމް
މުބާރާތުގެ މެޗެއްގެ ތެރެއިން. ފޮޓޯ: ސިޔާމް މައުރޫފް ސޮކާ ކަޕް

ނ. އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ ސިޔާމް މައުރޫފް ސޮކާ ކަޕްގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު މުބާރާތް ބާއްވާ، ކެނދިކުޅުދޫ އާއި ކުޑަފަރި ވާދަކުރާނެއެވެ. ނ. އަތޮޅުގެ ރަށްތަކުގައި މެދުގައިކުޅެވޭ ފޯރިގަދަ މި މުބާރާތަކީ ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދާއި ނ. ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފްގެ އިސްނެންގެވުމުގެ މަތިން ނ. އަތޮޅުގެ ފުޓްބޯޅަ ކުރި އެރުމުގެ ގޮތުން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މުބާރާތެކެވެ.

މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ކެނދިކުޅުދޫ ޓީމުން ޔަގީންކުރީ 11 ޕޮއިންޓާއެކު ގްރޫޕް އޭ ގެ އެއް ވަނަ ހޯދައިގެންނެވެ. ކުޑަފަރި މުބާރާތުގެ ސެމީއަށް ދަތުރުކުރީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މިދިޔަ އަހަރުގެ ރަނަރަޕް ލަންދޫގެ މައްޗަށް 2-1 އިން ކާމިޔާބު ހޯދައި ގްރޫޕް ބީ ގެ ދެ ވަނަ ޓީމުގެ ގޮތުގައެވެ.

ގްރޫޕް ސްޓޭޖުގެ މެޗުތައް ނިމުނުއިރު ކެނދިކުޅުދޫގެ ފަހަތުން ގްރޫޕް އޭ ގެ ދެ ވަނަ ހޯދީ 10 ޕޮއިންޓް ހޯދި ހެނބަދޫ އެވެ. މިދިޔަ އަހަރުގެ ޗެމްޕިއަންކަން ހޯދި މިލަދޫ އަށް ހަތް ޕޮއިންޓާއެކު ތިން ވަނަ ލިބުނުއިރު ހަތަރު ވަނައަށް ދިޔަ މަނަދޫއަށްވެސް ހަތް ޕޮއިންޓް ލިބިފައިވެއެވެ. ފަސް ވަނަ ލިބުނު މަގޫދޫ އަށް ފަސް ޕޮއިންޓް ލިބުނުއިރު ގްރޫޕުގެ ފުލަށް ދިޔައީ އެއް ޕޮއިންޓް ލިބުނު މާޅެންދޫ އެވެ.

ގްރޫޕް ބީ އިން 2015 އަދި 2016 ވަނަ އަހަރުގެ ޗެމްޕިއަންކަން ހޯދި ވެލިދޫ 12 ޕޮއިންޓާއެކު އެއް ވަނަ ހޯދިއިރު ކުޑަފަރީ އަށް ދެ ވަނަ ލިބުނީ ނުވަ ޕޮއިންޓާ އެކުއެވެ. ހަތަރު ޕޮއިންޓާއެކު ލަންދޫ އަށް ތިން ވަނަ ލިބުނުއިރު ހަ އެ އަދަދަށް ޕޮއިންޓް ލިބިގެން ހަތަރު ވަނަ ލިބުނީ މާފަރަށެވެ. ގްރޫޕުގެ ފުލަށް ދިޔައީ ހުރިހާ މެޗަކުން ބަލިވި ވެލިދޫ އެވެ. މުބާރާތުގެ ސެމީ ފައިނަލުގެ ދެ ވަނަ މެޗުގައި މާދަމާ ހަވީރު ހޮޅުދޫ އާއި ހެނބަދޫ ވާދަކުރާނެއެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 26 ވަނަ ދުވަހު އެވެ.

އެންމެ ފުރަތަމަ މި މުބާރާތް ބޭއްވީ 2014 ވަނަ އަހަރު ކުޑަފަރީގައެވެ. އެފަހަރު މުބާރާތް ކާމިޔާބު ކުރީ މަނަދޫ ޓީމެވެ. އޭގެ ފަހުން ސިޔާމް މައުރޫފް ސޮކާ ކަޕަށް މުބާރާތުގެ ނަން ރީބްރޭންޑް ކޮށް 2015 އަހަރު ކުޑަފަރީގައި ބޭއްވި މުބާރާތާއި އަދި 2016 ވަނަ އަހަރު ކެނދިކުޅުދޫގައި ބޭއްވި މުބާރާތް ކާމިޔާބު ކުރީ ނ. ހޮޅުދޫ އެވެ. މިދިޔަ އަހަރުގެ މުބާރާތް މާޅެންދޫގައި ބޭއްވިއިރު އެ މުބާރާތް ކާމިޔާބު ކުރީ މިލަދޫ އެވެ. މިލަދޫން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި 1-0 އިން ނ. ލަންދޫ ބަލިކޮށްގެންނެވެ.

މިފަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 600،000 ރުފިޔާ ދޭގޮތަށް ހަމަޖައްސާފައިވާއިރު ރަނަރަޕް ޓީމަށް ދޭނީ 100،000 ރުފިޔާ އެވެ. އަދި ފެއާޕްލޭ ޓީމަށް ޓީމަށް 25،000 ރުފިޔާ ދޭއިރު  އެންމެ މޮޅު ސަޕޯޓަރުން ހޮވައި އެރަށަކަށް 15،000 ރުފިޔާ ދޭގޮތަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތުގެ ޝަރަފްވެރި މެހެމާނުންގެ ގޮތުގައި ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ތަރިން ވޭތުވެދިޔަ ދެ އަހަރު ވަނީ ބައިވެރިވެފައެވެ. 2016 ވަނަ އަހަރު ފައިނަލް މެޗުގެ ޝަރަފްވެރި މެހްމާނަކަށް ބާސެލޯނާ އަދި ސްޕެއިންގެ ލެޖެންޑް ކާލޮސް ޕުޔޮލް ހަމަޖެއްސިއިރު މިދިޔަ އަހަރުގެ މުބާރާތުގެ ޝަރަފްވެރި މެހްމާނަކަށް ރާއްޖެ ޒިޔާރަތްކުރީ ދާދި ފަހުން ފުޓްބޯޅަ ކުޅުން ހުއްޓާލި ފޯވާޑް ޑިޑިއޭ ޑްރޮގްބާ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *