ލިވަޕޫލް ފަސްބެލުމެއް ނެތި ކުރިއަށް، މިފަހަރު ވާނީ ކިހިނެއް؟
ރޭ އިނގިރޭސި ޕްރިމިއަރ ލީގްގައި ވުލްވްސް އާ ވާދަކޮށް 0-2 އިން މޮޅުވެ ލީގްގެ އެއް ވަނައިގައި ލިވަޕޫލް ހަމަޖެހިލައިފިއެވެ. ރަށުން ބޭރުގައި ކުޅުނު މި މެޗުން މޮޅުވުމުން ލިވަޕޫލަށް ވަނީ އެއް ވަނައިގައި ހަތަރު ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. އެކަމަކު 44 ޕޮއިންޓާއެކު ދެ ވަނައިގައި އޮތް މެންޗެސްޓަރ ސިޓީއިން ޓޭބަލްގެ 15 ވަނައިގައި އޮތް ކްރިސްޓަލް ޕެލޭސްއާ މިއަދު ކުޅޭ މެޗު ކާމިޔާބުކޮށްގެން އެޓީމަށް ލިވަޕޫލާ ދޭތެރޭ މިހާރު އޮތް ފަރަގު ޕޮއިންޓަކަށް ކުޑަކުރެވޭނެއެވެ.
ރޭގެ މެޗްގެ ފުރަތަމަ ގޯލް ލިވަޕޫލްއިން ކާމިޔާބުކުރީ މެޗްގެ 18 ވަނަ މިނެޓްގައި މިސްރުގެ ފޯވާޑް މުޙައްމަދު ޞަލާޙްއެވެ. ބޯކޮށް ވެހެމުންދިޔަ ވާރޭގެ ތެރޭގައި ސަޑިއޯ މަނޭ އާއި ފަބީނިއޯ ވަރަށް ރީތިކޮށް އެކަކު އަނެކަކަށް ޕާސްކުރަމުން ގޮސް ޞަލާހްއަށް ދިން ބޯޅައެއް ޞަލާހް ވުލްވްސްގެ ގޯލަށް ވައްދާލީ އަދި މާ ހިތްގައިމުކޮށެވެ. މި މެޗްގައި ލިވަޕޫލްއިން ޖެހި ދެވަނަ ގޯލަކީ ޞަލާހް ދިން ރީތި ޕާހަކުން ލިވަޕޫލްގެ އަގުބޮޑު ޑިފެންޑަރު ނެދަލޭންޑްސްގެ ވާޖިލް ވަން ޑައިކް ކާމިޔާބުކޮށްދިން ލަނޑެކެވެ. މިއީ ލީގުގައި ލިވަޕޫލަށް ވެން ޑައިކް ކާމިޔާބުކޮށްދިން ފުރަތަމަ ގޯލެވެ. ވެން ޑައިކް ލިވަޕޫލަށް ގުޅުނު ފަހުން ލީގުގައި ކުޅުނު 32 މެޗުގައި އެޓީމުން ވަނީ 17 މެޗު ގޯލެއް ނުވަދެ ނިންމާލައިފައެވެ.
“މި މެޗްގައި އަހަރެންނަށް ވަރަށް ރަގަޅު ކަންކަން ފެނުނު. ފުރަތަމަ ގޯލް ވަރަށް ފުރިހަމަ. އަދި ހަމަ ދެވަނަ ގޯލްވެސް. ކުޅުންތެރިންގެ މަސައްކަތް ބަރާބަރު.” މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ލިވަޕޫލްގެ ކޯޗް ޔާގެން ކްލޮޕް ބުންޏެވެ.
“މި ނަތީޖާގެ ސަބަބުން އަހަރެން މިހުރީ ވަރަށް އުފާވެފަ. މިއީ އަހަރެމެންނަށް ވަރަށް ބޮޑު ކާމިޔާބެއް. ފެނުނީ މޮޅު ފުޓްބޯޅައެއް. ވަކިން ހާއްސަކޮށް ރަނގަޅު ފުޓްބޯޅައެއް ކުޅެން އުނދަގޫ މެޗެއްގަ” ވަރަށް ބޮޑަށް ހިތްހަމަޖެހިފައިހުރި ކްލޮޕް ބުންޏެވެ.
ވޭތުވެދިޔަ 10 ސީޒަނުގެ ތެރެއިން ލީގުގެ އެއް ވަނައިގައި އޮވެ މި ހިސާބުން ލީގު ގެއްލިފައިވަނީ އެންމެ ދެ ފަހަރު އެވެ. އެ ދެފަހަރުވެސް ލީގު ގެއްލުނީ ލިވަޕޫލް އަތުންނެވެ. އެއީ 09-2008 ސީޒަނާއި 14-2013 ވަނަ ސީޒަނުގައެވެ. 2014 ވަނަ އަހަރުގެ ސީޒަނުގައި އެޓީމަށް ލީގު ގެއްލުނީ އެންމެ ފަހު ތިން މެޗުންނެވެ. އެފަހަރު ލީގު ކާމިޔާބުކުރީ މެންޗެސްޓަރ ސިޓީ އެވެ. ލިވަޕޫލަށް އެންމެ ފަހުން އިނގިރޭސި ލީގު ކާމިޔާބު ކުރެވުނީ 1990 ވަނަ އަހަރު އެވެ. އޭގެ ފަހުން އެޓީމުން ލީގު ހޯދަން ކުރާ ދިގު އިންތިޒާރުގައި މިއީ އެޓީމުގެ ސަޕޯޓަރުންގެ އުއްމީދާއި އެންމެ ބޮޑަށް ގުޅިފައިވާ ފަހަރެވެ.
Advertisement
Leave a Reply