އެންވައިޖީ ވޮލީބޯޅަ ޗެމްޕިއަންޝިޕް ނިލަންދޫގައި ފަށައިފި

Advertisement

އެންވައިޖީ ވޮލީބޯޅަ ޗެމްޕިއަންޝިޕް ނިލަންދޫގައި ފަށައިފި

ޢަލީ ޝަހީމް
މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ނިލަންދޫ ޔަންގް ޖެނެރޭޝަން

ފ. ނިލަންދޫގެ ޔަންގް ޖެނެރޭޝަން އިން އިންތިޒާމުކޮށްގެން ނިލަންދެ އަތޮޅަށް ހުޅުވާލި “އެންވައިޖީ މެންސް ވޮލީބޯޅަ ޗެމްޕިއަންޝިޕް 2018” ގެ ކުޅުން އިއްޔެ ހަވީރު އެރަށުގައި ފަށައިފި އެވެ.

މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ޝަރަފްވެރި މެހްމާން، ވޮލީ ބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ ޖެނެރަލް ސެކްރެޓަރީ މުޙައްމަދު ޝާފީ އާއި އިންޓަރނޭޝަނަލް ވޮލީ ރެފްރީ ހުސައިން ޙަމީދާއި، ފ. ނިލަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ޖަލީލް ބައިވެރިވެލެއްވިއެވެ.

Advertisement

މުބާރާތް ހުޅުވުމުގެ ގޮތުން ފުރަތަމަ މެޗުގައި އިއްޔެ ހަވީރު ބައްދަލުކުރީ ފ. ނިލަންދޫ ކަޒިންސް ޓީމާއި ފ. މަގޫދޫ ޒުވާނުންގެ ކްލަބެވެ. މި މެޗު 3-1 އިން ކާމިޔާބުކުރީ މިދިޔަ އަހަރުގެ ޗެމްޕިއަންކަން ހޯދި ކަޒިންސް ޓީމެވެ. މި މުބާރާތުގައި ރާއްޖޭ މަޝްހޫރު ކުޅުންތެރިންނާއި ރާއްޖޭން ބޭރުގެ ކުޅުންތެރިންވެސް ކުޅެއެވެ. ނިލަންދޫ ކަޒިންސް ޓީމުގައި އިސްމާއީލް ސާޖިދު (ކުޑަކާއްޓޭ) އާއި އަޝްފާގް އާދަމް (އައްކަޅޭ) ހިމެނޭއިރު މަގޫދޫ ޓީމުގައި އަހުމަދު އަބްދުލްކަރީމް (ލޯންގޭ) އާއި އަލީ ހުޒާމް (ހުޒާންޓޭ) ހިމެނެއެވެ.

މެޗުގައި ކަޒިންސް ޓީމު ތިން ސެޓުވެސް ގެންދިޔައީ ފުރަތަމަ ސެޓު 21-25 އިން މަގޫދޫ ގެންގޮސްފައިވަނިކޮށެވެ. ކަޒިންސް ޓީމުގެ ސެޓުތައް ގެންދިޔައީ 25-10، 25-19 އަދި 25-15 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ކަޒިންސް ޓީމަށް މޮޅު ކުޅުމެއްދެއްކި ކުޑަކާއްޓޭ އެވެ.

މުބާރާތުގެ ދެ ވަނަ މެޗުގައި ބައްދަލުކުރީ ފ. ނިލަންދޫ އެސްޖީސީ ސްޕޯޓްސް އާއި ފ. ފީއަލީ އެކުވެރި ޒުވާނުންގެ ގުޅުމެވެ. މި މެޗުގެ ޝަރަފްވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެލެއްވީ ލޯކަލް ގަވަމެންޓް އޮތޯރިޓީގެ ނައިބް ރައީސާ މިންނާ އަބްދުއްރަޝީދު އެވެ. އެސްޖީސީ ޓީމުގައި އަހުމަދު ފަޒާލް އާއި ސްރީލަންކާގެ ސަދުން ހިމެނޭއިރު ފީއަލީ އެކުވެރި ޒުވާނުންގެ ގުޅުން ޓީމުގައި ސްރީލަންކާގެ ޖަނިތާ ސޫރަތް ހިމެނެއެވެ.

ރޭ ކުޅުނު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ސްރީލަންކާގެ ސަދުން. ފޮޓޯ: ނިލަންދޫ ޔަންގް ޖެނެރޭޝަން

ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗު 3-2 އިން ކާމިޔާބު ކުރީ އެސްޖީސީ ސްޕޯޓްސް އިންނެވެ. މެޗުގެ ފުރަތަމަ ދެ ސެޓުވެސް ގެންދިޔައީ ފީއަލީ އެކުވެރި ޒުވާނުންގެ ގުޅުމުންނެވެ. ފުރަތަމަ ސެޓު 23-25 އިން އެޓީމު ކުރިހޯދި އިރު ދެ ވަނަ ސެޓު ގެންދިޔައީ 22-25 އިންނެވެ. ފަހަތުން އަރައި ތިން ސެޓު އެސްޖީސީން ކާމިޔާބު ކުރީ 26-24، 25-21 އަދި 15-10 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އެސްޖީސީގެ ލަންކާ ކުޅުންތެރިޔާ ސަދުން އެވެ.

މުބާރާތުގައި ވާދަކުރާ ޓީމުތަކުން ލީގު އުސޫލުން އެއް ބުރު ކުޅުމަށްފަހު އެއް ވަނަ ހޯދާ ޓީމަށް ފައިނަލުގެ ސީދާ ޖާގައެއް ލިބޭނެއެވެ. ފައިނަލުގެ ދެ ވަނަ ޖާގަ ލިބޭނީ ދެ ވަނަ ޓީމާއި ތިން ވަނަ ޓީމު ކުޅެގެން މޮޅުވާ ބަޔަކަށެވެ. މުބާރާތުގައި މިއަދު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ފީއަލީ އެކުވެރި ޒުވާނުންގެ ރޫހާއި ކަޒިންސް ޓީމެވެ. އަދި، މިރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި މަގޫދޫ ޒުވާނުންގެ ކްލަބް ނުކުންނާނީ އެސްޖީސީ ސްޕޯޓްސް އާ ދެކޮޅަށެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 28 ވަނަ ދުވަހު އެވެ.

މި މުބާރާތް ކުރިއަށް ގެންދިއުމުގައި ނިލަންދޫގެ ކައުންސިލާއި، ދާއިރާގެ މެމްބަރު ޑރ.އަބްދުﷲ ހަލީލާއި ބޭންކް އޮފް މޯލްޑިވްސް، އެމްޓީސީސީ އަދި އަމިއްލަ ބައެއް ފަރާތްތަކުން ވެދެއްވާފައިވާ އެހީތެރިކަން އިންތިޒާމު ކޮމިޓީން ވަނީ ފާހަގަ ކޮށްފައެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *