އޮޒިލް ނުފެންނަ މައްސަލައިގައި އެމެރީ ވާހަކަ ދައްކައިފި

Advertisement

އޮޒިލް ނުފެންނަ މައްސަލައިގައި އެމެރީ ވާހަކަ ދައްކައިފި

ޢަލީ ޝަހީމް

އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ބާންލީއާ ވާދަކުރާ މެޗުގެ ޓީމުގައި އާސެނަލްގެ މެސުތު އޮޒިލް ހިމެނޭނެކަމަށާއި، އެޓީމަށް އޮޒިލް ބޭނުންވާކަމަށް ކޯޗު އުނާއި އެމެރީ ބުނެފިއެވެ. އެމެރީ މިހެން ބުނީ މިއަދުގެ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އޮޒިލްގެ މުސްތަގްބަލާއި ގުޅޭގޮތުން ކުރި ސުވާލަކަށް ޖަވާބުދެމުންނެވެ.

އުމުރުން 30 އަހަރުގެ އޮޒިލް އަށް ފަހަކަށް އައިސް އާސެނަލް ކުޅުނު މެޗުތަކުގެ ފުރަތަމަ އެގާރައިން ފުރުސަތު ލިބިފައެއް ނުވެއެވެ. އޮޒިލްގެ ބޭނުން އާސެނަލުން ނުހިފަނީ ކޯޗުގެ ޓެކްޓިކަލް ސަބަބަކާއި ގުޅިގެން ކަމަށް މީޑިއާއިން މީގެ ކުރިން ވަނީ ރިޕޯޓް ކޮށްފައެވެ. ފުރަތަމަ އެގާރައިން ފުރުސަތު ނުލިބުމާއި، ކުޅެން ލިބޭ ވަގުތު މަދުވުމުގެ ސަބަބުން މި ޖެނުއަރީ މަހުގެ ޓްރާންސްފާ ބާޒާރުގައި އޮޒިލް އެހެން ޓީމަކަށް ބަދަލުވުމާއި ގުޅޭގޮތުންވެސް ވާހަކަ ދެކެވުނެވެ.

ވޭތުވެދިޔަ ހަފްތާތަކުގައި އަނިޔާގެ ސަބަބުން އޮޒިލްގެ ކުޅުން ނުފެނުނު އިރު، އިނގިރޭސި ލީގު ކަޕްގެ ކުއާޓާ ފައިނަލުގައި ޓޮޓެންހަމް ހޮޓްސްޕާސް އަތުން އާސެނަލް ބަލިވި މެޗުގައި ޓީމުގައިވެސް އޮޒިލް ހިމެނިފައެއް ނުވެއެވެ. އެކަމަކު އޭގެ ކުރިން ޔޫރޮޕާ ލީގުގެ ގްރޫޕް ސްޓޭޖުގައި ގަރަބާގް އާ ދެކޮޅަށް ކުޅުނު މެޗުގައި އޮޒިލް ވަނީ ފުރަތަމަ އެގާރައިގައި ހިމެނިފައެވެ. އެ މެޗަކީ ނޮވެމްބަރ 11 ގެ ފަހުން ފުރަތަމަ އެގާރައިގައި ހިމެނިގެން އޮޒިލް ކުޅުނު ފުރަތަމަ މެޗެވެ.

“ކޮންމެ ކުޅުންތެރިއަކުވެސް ބޭނުންވާނީ ކުޅެން އަދި ޓީމުން ބޭނުންވާ ވަގުތު އެހީތެރިވާން. މެޗެއްގަ ނުކުޅެވޭނަމަ ކޮންމެ ކުޅުންތެރިއަކުވެސް މާޔޫސްވާނެ” 2013 ވަނަ އަހަރު ސްޕެއިންގެ ރެއާލް މެޑްރިޑުން އާސެނަލަށް ބަދަލުވި އޮޒިލްއާ ގުޅޭގޮތުން ސުވާލުކުރުމުން އެމެރީ ބުންޏެވެ.

އެމެރީ ބުނީ އާސެނަލާއެކު އޮޒިލް އަށް ކުރިމަގު އެބައޮތްކަމަށެވެ.

“އޮޒިލްއާ އަހަރެން ވާހަކަދެއްކިން. އަދި ބުނިން އަހަރެމެން އޮޒިލްގެ ފަރާތުން ބޭނުންވާ ކަންތައްތައް. އޮޒިލްގެ ކިބައިގައި އެބަހުރި އަހަރެމެން ބޭނުންވާ ޝައުގުވެރިކަމާ ހުނަރު އަދި ރަނގަޅު ސިފަތައްވެސް” އެމެރީ ބުންޏެވެ.

އާސެނަލަށް 2013 ވަނަ އަހަރު ބަދަލުވުމަށްފަހު އޭރު އެޓީމުގެ ކޯޗަކަށް ހުރި އާސެން ވެންގާގެ އިރުޝާދުގެ ދަށުން އޮޒިލް ވަނީ ޓީމުގެ ފުރަތަމަ އެގާރައިގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ. އެޓީމަށް މިހާތަނަށް ކުޅެދިން 210 މެޗުގައި 41 ގޯލު އޮޒިލް ޖަހައިފައިވާއިރު އޭނާ އެންމެ ބޮޑަށް ފާހަގަ ކުރެވެނީ އެހެން ކުޅުންތެރިންނަށް ފުރުސަތުތައް ތަނަވަސްކޮށްދިނުމުގައި މޮޅު ކުޅުންތެރިއެއްގެ ގޮތުގައެވެ.

ލީގުގައި މިއަދު ހަވީރު ބާންލީއާ ދެކޮޅަށް ނުކުންނައިރު އާސެނަލް އޮތީ 34 ޕޮއިންޓާއެކު ފަސް ވަނައިގައެވެ. ލީގުގައި އެންމެ ފަހުން ރަށުން ބޭރުގައި އެޓީމު ވަނީ ސައުތެމްޓަން އަތުން ބަލިވެފައެވެ. އާސެނަލްއާ ބާންލީ ބައްދަލުކުރާ މެޗު ފަށާނީ ރާއްޖެ ގަޑިން މިއަދު ހަވީރު 5:30 ގައެވެ.

 

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *