މޮރީނިއޯ ބަރާބަރު، ޔުނައިޓެޑުން ވަކިކުރިއަސް އޭނަ ދާނީ ކުރިއަށް: ސާރީ

Advertisement

މޮރީނިއޯ ބަރާބަރު، ޔުނައިޓެޑުން ވަކިކުރިއަސް އޭނަ ދާނީ ކުރިއަށް: ސާރީ

ޢަބްދުﷲ އަޝްރަފް

އިނގިރޭސި ކްލަބް މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗުކަމުން މިދިޔަ އަންގާރަ ދުވަހު ވަކިކުރި ޕޯޗްގަލްގެ ހޯސޭ މޮރީނިއޯއަށް ކޯޗެއްގެ ގޮތުގައި މުސްތަގްބަލް އަދިވެސް އެބައޮތް ކަމަށާއި ކޯޗެއްގެ ގޮތުގައި އަދިވެސް ގިނަ ކާމިޔާބީ ތަކެއް އޭނަ ހޯދާނެކަމަށް ގަބޫލުކުރާކަމަށް ޗެލްސީގެ ކޯޗް މައުރީސިއޯ ސާރީ ބުނެފިއެވެ. ސާރީ މިހެން ބުނެފައިވަނީ މިއަދު ލެސްޓާ ސިޓީއާ ދެކޮޅަށް ޗެލްސީ ކުޅޭ މެޗާ ގުޅޭގޮތުން ވާހަކަދައްކަން އިއްޔެ ބޭއްވި ނޫސް ކޮންފަރެންސްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެމުންނެވެ.

“މޮރީނިއޯ އަކީ އަހަރެން ވަރަށް ގަޔާވާ މީހެއް. އޭނަ ބުނީ ހަމަ ރަގަޅަށް. މެންޗެސްޓަރ ޔުނައިޓެޑަށް މުސްތަގްބަލް އޮތީ އޭނައާ ނުލައި. އަދި، އޭނަ އަށްވެސް މުސްތަގްބަލް އޮތީ މެންޗެސްޓަރ ޔުނައިޓެޑާ ނުލައި.” ސާރީ ބުންޏެވެ.

“އަހަރެން އުއްމީދުކުރަން އޭނަ ޓީމެއްގެ ބެންޗުން ވަރަށް އަވަހަށް ފެންނާނެކަމަށް. ބޮޑަށް އެދެނީ އިނގިރޭސި ލީގުން ފެނުން. އެކަމަކު މިތަނަކުން (ޗެލްސީ) ނޫން.” މޮރީނިއޯ އާ ގުޅޭގޮތުން އިތުރަށް ވާހަކަދައްކަމުން ސާރީ ބުންޏެވެ.

މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗް ކަމުން މޮރީނިއޯ ވަކި ކުރަން އެ ކްލަބުން ނިންމީ މި ސީޒަންގައި އެ ކްލަބުން ހޯދަމުން އަންނަ ދަށް ނަތީޖާތަކުގެ ސަބަބުންނެވެ. ޔުނައިޓެޑްގެ ކޯޗް ކަމުން މޮރީނިއޯ ވަކި ކުރިއިރު އެ ޓީމް އޮތީ ލީގްގެ އެއްވަނައިގައި އޮތް ލިވަޕޫލަށްވުރެ 19 ޕޮއިންޓް ފަހަތުން ހަ ވަނައިގައެވެ. އޭގެ އިތުރުން ޔުނައިޓެޑް އޮތީ ގަދަ ހަތަރެއްގެ ޖާގައެއް ފަސޭހައިން އަތުލެވޭ ވަރަށްވުރެވެސް ޕޮއިންޓްގެ ގޮތުން މާ ފަހަތުގައެވެ. މިވަގުތު ޓޭބަލްގެ ހަތަރު ވަނައިގައި އޮތް ޗެލްސީއާއި ޔުނައިޓެޑާ ދެމެދު 11 ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ.

މަގާމުން ވަކިކުރުމާއެކު މޮރީނިއޯ ބުނެފައިވަނީ މެންޗެސްޓަރ ޔުނައިޓެޑަށް ކޯޗްކޮށްދިނުމަކީ ލިބުނު ފަހުރެއް ކަމަށާއި، އުމުރު ދުވަހަށް އެކުވެރިކަން ދެމެހެއްޓޭނެ ރަހްމަތްތެރިންތަކެއް އޯލްޑް ޓްރެފޯޑް އިން ލިބުނު ކަމަށެވެ. މީގެ އިތުރުން މޮރީނިއޯ ބުނެފައިވަނީ ވީހާވެސް އަވަހަކަށް ފުޓްބޯޅައިގެ ތެރެއަށް އަންނަން އުއްމީދުކުރާ ކަމަށެވެ.

އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މޮރީނިއޯ ނެތުމުގެ އުނިކަން ޕްރިމިއާ ލީގުން ފެނިދާނެތޯ ސާރީ ގާތު ނޫސްވެރިއަކު އެހުމުން އޭނާ ބުނެފައިވަނީ އެކަން އެގޮތަށް ވެދާނެ ކަމަށް އޭނާއަށް ހީވާކަމަށެވެ.

“ތިއީ ހަމަ ވެދާނެ ގޮތެއް ހެން އަހަރެންނަށް ހީވޭ. އެއީ މޮރީނިއޯ ވަނީ ހުރިހާ އެއްޗެއް ކާމިޔާބުކޮށްފަ. އަދި އޭނަ މަސައްކަތްކުރި ކޮންމެ ތަނެއްގަ އޭނަ ވަނީ ކާމިޔާބުތަކެއް ހޯދައިފަ.” ސާރީ ބުންޏެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *