ފުރާވަރުގެ ކުދިން ކުށާ ދުރުކުރުވަން ދުވާފަރުގައި ފުޓްބޯޅަ މުބާރާތެއް

Advertisement

ފުރާވަރުގެ ކުދިން ކުށާ ދުރުކުރުވަން ދުވާފަރުގައި ފުޓްބޯޅަ މުބާރާތެއް

ޢަލީ ޝަހީމް
މުބާރާތުގައި މިއަދު ކުޅުނު މެޗުގެ ތެރެއިން. ފޮޓޯ: ދުވާފަރު ޓީން ކަޕް

ރ. ދުވާފަރުގެ ފުރާވަރުގެ ކުދިންނަށް އަމާޒުކޮށްގެން “ދުވާފަރު ޓީން ކަޕް 2018” ގެ ނަމުގައި ފުޓްބޯޅަ މުބާރާތެއް މިއަދު އެރަށުގައި ފަށައިފިއެވެ. މިއީ އެރަށުގެ މުއައްސަސާތައް ގުޅިގެން ދުވާފަރުގައި ބާއްވާ މިފަދަ ފުރަތަމަ މުބާރާތެވެ. ސިކްސް އަ ސައިޑް ގޮތަށް ކުޅޭ މި މުބާރާތުގައި އެރަށުގެ ހަތަރު ޓީމަކުން ވަނީ ބައިވެރިފައެވެ. މުބާރާތް އަމާޒުކޮށްފައިވަނީ 12 އަހަރާއި 16 އަހަރާއި ދެމެދުގެ ކުދިންނަށެވެ.

ދުވާފަރު ފުޓްބޯޅަ ދަނޑުގައި މުބާރާތް ކުރިއަށްދާނީ މިއަދުން ފެށިގެން މިމަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށެވެ. ލީގު އުސޫލުން ކުޅޭ މި މުބާރާތުގެ ފައިނަލުން ފުރުސަތު ލިބޭނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމަށެވެ. މި މުބާރާތުގައި ބައިވެރިވެފައިވަނީ އެކުވެރިން، ސީބީއެސް-އޭ، ސީބީއެސް-ބީ އަދި ޓީއާރު ބީޗް އެވެ.

ޓީން ކަޕްގައި މިއަދު ކުޅުނު މެޗު ފެށުމުގެ ކުރިން ދެޓީމުގެ ކުޅުންތެރިން. ފޮޓޯ: ދުވާފަރު ޓީން ކަޕް

މުބާރާތް ފެށުމުގެ ގޮތުން މިއަދު ހަވީރު ކުޅުނު މެޗުގައި ބައްދަލުކުރީ ސީބީއެސް-ބީ އާއި އެކުވެރިން ފުޓްބޯޅަ ޓީމެވެ. މި މެޗުގެ 2-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ސީބީއެސް-ބީ އެވެ. މެޗުގެ ފުރަތަމަ ހާފުގައި ސީބީއެސް-ބީ ޓީމަށް ގޯލުތައް ޖަހައިދިނީ މާއިދް އަދި އިޔާދު އެވެ. އެކުވެރިން ޓީމުގެ ހަމައެކަނި ގޯލު ދެ ވަނަ ހާފުގައި ޖެހީ އަބްދުﷲ ލޫތް އެވެ. މުބާރާތުގައި މާދަމާ ކުޅޭ މެޗުގައި ބައްދަލުކުރާނީ ސީބީއެސް-އޭ އާއި ޓީއާރު ބީޗް އެވެ.

މި މުބާރާތް ބޭއްވުމުގެ މަގްސަދަކީ އަހުލާގު ރަނގަޅު ކުދިންތަކެއް އުފެއްދުމާއި، ޗުއްޓީ ތެރޭގައި ކުށްކުރާ ކުދިންގެ އަދަދު މަދުކޮށް ފުޓްބޯޅައަށް ހުނަރުވެރި ކުދިން ތައާރަފް ކުރުންކަމަށް މުބާރާތް އިންތިޒާމުކުރާ ފަރާތުން ބުނެއެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *