ސިޓީން ބަލި އެންމެ ތަންކޮޅެއްވެސް ނުފެނޭ: ކްލޮޕް

ލިވަޕޫލް މިވަގުތު ރަނގަޅު ފޯމެއްގައި އޮތަސް މި ސީޒަނުގައި އެޓީމާ އެންމެ ގާތުން ވާދަކުރާ ޗެމްޕިއަން ސިޓީގެ އެއްވެސް ބަލިފައެއް ނެތް ކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފިއެވެ. މިރޭ ޕްރިމިއަރ ލީގުގައި ވުލްވްސް އާ ދެކޮޅަށް ރަށުން ބޭރުގައި ކުޅޭ މެޗުގެ ކުރިން ކްލޮޕް ވަނީ ސިޓީގެ ކުޅުމަށް ތައުރީފް ކޮށްފައެވެ.
ލީގުގައި 17 މެޗު ކުޅެވުނުއިރު 45 ޕޮއިންޓާއެކު އެއް ވަނައިގައި އޮތީ ލިވަޕޫލެވެ. އެއް ޕޮއިންޓް ފަހަތުން ސިޓީ ދެ ވަނައިގައި އޮތްއިރު މިފަހަރު ލީގަށް އެންމެ ވާދަކުރާނެކަމަށް ބެލެވެނީވެސް މި ދެޓީމެވެ. މިމަހުގެ ކުރީކޮޅު ޗެލްސީ އަތުން ސިޓީ ބަލިވުމުން ލީގުގައި މިހާރު ބަލިނުވެ އޮތް ހަމައެކަނި ޓީމަކީ ލިވަޕޫލެވެ. މިރޭގެ މެޗު ލިވަޕޫލް ކާމިޔާބު ކޮށްފިނަމަ ސިޓީއާ ލިވަޕޫލާ ދެމެދު ހަތަރު ޕޮއިންޓުގެ ފަރަގެއް އޮންނާނެއެވެ.
ލިވަޕޫލުން ވަނީ މިދިޔަ ހަފްތާގައި ވާދަވެރި މެންޗެސްޓަރ ޔުނައިޓެޑް 3-1 އިން ބަލިކޮށްފައެވެ. ލީގުގައި ގާތްގާތުގައި މިދުވަސްވަރު ގިނަ މެޗުތަކެއް ކުޅެންޖެހޭއިރު ކްލޮޕް ބުނީ އެޓީމާ ވާދަކުރަން އޮތް ސިޓީން ބަލި އެންމެ ތަންކޮޅެއްވެސް ނުފެންނަ ކަމަށެވެ.
“ތެދަށް ބުނަންޏާ އަދިވެސް ބަލިކުރަން ޖެހޭ ޓީމަކީ ސިޓީ. އަހަރެން ސިޓީ އަށް އިހުތިރާމް ކުރަން. އެމީހުންނަކީ ވަރަށް މޮޅު ޓީމެއް. މިދިޔަ ސީޒަނުގަ އެމީހުން ސަތޭކަ ޕޮއިންޓް ހޯދި. އެމީހުން އަދިވެސް އޮތީ މިދިޔަ ސީޒަނުގައި އޮތް ފޯމުގައި. އެޓީމުގެ ނަތީޖާތަކަކީ ނަސީބޭ ބުނެވޭކަށް ނެތް” ކްލޮޕް ބުންޏެވެ.
ކްލޮޕް ބުނީ ސިޓީން މިދިޔަ ސީޒަނުގައި ހޯދީ ކާމިޔާބީ ވަރަށް ހާއްސަކަމަށެވެ. އެޓިމުން ލީގު ހޯދުމުގައި ވަނީ ލީގުގައި މީގެ ކުރިން ހެދިފައިނުވާ ގިނަ ރެކޯޑުތަކެއް މުގުރާލައިފައެވެ.
“އެމީހުންގެ އެއްވެސް ބަލިފައެއް ނެތް. ފަހަރެއްގަ އެވަޓަންއާ ކުޅުނު މެޗުގެ ފުރަތަމަ ފަނަރަ މިނެޓުގަ ބައެއް ޕާސްތައް މިސްކޮށްލުމާ ކުޅުން ތަންކޮޅެއް ދަށްކޮށް ފެނުނު. ޗެމްޕިއަންސް ލީގުގެ މެޗަކަށްފަހު އެއީ ވެދާނެ ކަމެއް. އެކަމަކު އެ މެޗުގަވެސް ގޭމު ތެރެއަށް ވަނުމަށްފަހު އެޓީމުން ހޯދީ ފަސޭހަ މޮޅެއް” ކްލޮޕް ބުންޏެވެ.
ލީގުގައި ލިވަޕޫލް މިރޭ ވުލްވްސް އާ ދެކޮޅަށް ނުކުންނައިރު ސިޓީ މާދަމަރޭ ނުކުންނާނީ ކްރިސްޓަލް ޕެލޭސްއާ ދެކޮޅަށެެވެ. މިރޭގެ މެޗަށް ނުކުންނައިރު ލިވަޕޫލްގެ ޑިފެންޑަރ ޓްރެންޓް އެލެކްޒެންޑަރ އާނޯލްޑް ހުރީ އަނިޔާގައެވެ.
ލިވަޕޫލާ ދެކޮޅަށް ނުުކުންނަ ވުލްވްސް މިވަގުތު އޮތީ 25 ޕޮއިންޓާއެކު ލީގު ތާވަލުގެ ހަތް ވަނައިގައެވެ. މިދިޔަ ސީޒަނުގައި ޗެމްޕިއަންޝިޕް ކާމިޔާބުކޮށް ލީގަށް ކޮލިފައިވި ވުލްވްސް އަންނަނީ މި ސީޒަނުގައި ބޮޑެތި ޓީމަތަކާ ދެކޮޅަށް ރަނގަޅު ވާދައެއް ކުރަމުންނެވެ. މެންޗެސްޓަރ ގެ ދެ ކްލަބާއި ކުޅެ އެއްވަރުކުރި އިރު އާސެނަލް އަތުންވެސް އެޓީމު ވަނީ ޕޮއިންޓެއް ހޯދައިފައެވެ. އަދި، އަމިއްލަ ދަނޑުގައި ޗެލްސީ ބަލިކުރިއިރު ގަދަ ހައެއްގައި އުޅޭ ޓީމުތަކުގެ ތެރެއިން އެޓީމު ހަމައެކަނި ބަލިވީ ޓޮޓެންހަމް އަތުންނެވެ.
ވުލްވްސް އާ ލިވަޕޫލް ވާދަކުރާ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން މެންދަމު އެކެއް ޖަހާއިރު އެވެ.
Advertisement


Leave a Reply