ރަން ގޯލްގެ ވެރިޔާ މިހާރު މުޅިން އެހެން ކަމެއްގައި

Advertisement

ރަން ގޯލްގެ ވެރިޔާ މިހާރު މުޅިން އެހެން ކަމެއްގައި

ޢަބްދުﷲ އަޝްރަފް
މުޚްތާރު ފުޓްބޯޅަ ލެޖެންޑް ޒަވީ އާއެކު. މިހާރު ކުރަނީ މުޅިން އެހެން މަސައްކަތެއް. ފޮޓޯ: ފޭސްބުކް

އެއީ 2008 ވަނަ އަހަރުގެ ޖޫން މަހުގެ 14 ވަނަ ދުވަހެވެ. ސާފް ޗެމްޕިއަންޝިޕްގެ ފައިނަލްގައި އިންޑިޔާއާ ދެކޮޅަށް ރާއްޖެ ކުޅުނު ފައިނަލް މެޗް ބަލަން ގިނަ އަދަދެއްގެ ދިވެހިން ސްރީލަންކާގެ ސުގަތަދާސަ ސްޓޭޑިއަމްއަށް ވަދެ ތިއްބެވެ. މެޗް ބަލަން މާލެއިން ލަންކާއަށް ދިޔަ އެތައް ސަތޭކަ ބަޔަކާއި، ލަންކާގައި ދިރިއުޅޭ މީހުންގެ ތެރެއިން ދަނޑަށް ވަތް މީހުންނާއެކު އެ އަދަދު އެތައް ހާހަކަށް އަރާނެކަން ޔަގީނެވެ. މެދުކެނޑުމެއްނެތި ދިވެހި ޓީމަށް އެ ސަޕޯޓަރުން ދެމުންއައި ސާބަހުގެ އަޑު މެޗް ނިމިނިމި އޮއްވާ އިންޑިޔާ ކޮޅަށް ރާއްޖެއިން ވައްދާލި ގޯލާއެކު ފަޅައިގެންދިޔައެވެ. އެ ވަގުތުކޮޅުގެ ހަނދާން ފުޓްބޯޅައަށް ލޯބި ކުރާ ކޮންމެ ދިވެއްސަކު އާކުރިއަސް އެންމެ ފުރަތަމަ ހަނދާނަށް އަންނާނެ އެއް ނަމަކީ އެ މުހިއްމު ގޯލް ކާމިޔާބުކޮށްދިން އއ. ތޮއްޑޫއަށް އުފަން މުޚްތާރު ނަސީރު (ޓޫކިލޯ) ގެ ނަންކަން ޔަގީނެވެ.

2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ގައުމީ ޓީމާއެކު މުހްތާރު ކުރިމަތިލި ފުރަތަމަ މުބާރާތެވެ. އޭރު ކްލަބް ވެލެންސިޔާއަށް ކުޅެމުން އައި މުހްތާރު ހުރީ ޓީމްގެ އެހެން ކުޅުންތެރިންނެކޭ އެއްގޮތަށް މުބާރާތާ ދޭތެރޭ ބޮޑު އުއްމީދެއްކޮށްގެންނެވެ. އެކަމަކު އޭރުވެސް އެ މުބާރާތުގެ އެންމެ ހާއްސަ ގޯލް މުހްތާރުގެ ފަރާތުން އަތުވެދާނެ ކަމަކަށް އޭނާ ހީކޮށްފައެއްވެސް ނެތެވެ. އެކަމާ ކުޑަކޮށްވެސް މުހްތާރު ވިސްނެންފެށީ ސެމީ ފައިނަލްގައި ސްރީލަންކާ ބަލިކޮށް ފައިނަލަށް ޓީމް ދަތުރުކުރި ހިސާބުން ފެށިގެންނެވެ.

Advertisement

މުޚްތާރު އެފްއޭއެމް އިން 2008 ވަނަ ހޮވި އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު. ފޮޓޯ: ފޭސްބުކް

“މުބާރާތް ފަށައިގެން އެހިސާބަށް ދިޔައިރު ހުރިހާ ކްލަބެއްގެ ކުޅުންތެރިން ގޯލް ޖަހައިފި. ފައިނަލް މެޗާ ހަމަޔަށް އައިއިރު އޮތީ ހަމައެކަނި ވެލެންސިޔާ ޓީމުން ހިމެނުނު ކުޅުންތެރިންނަށް ގޯލެއް ނުޖެހި. ދެން ޖަންބޭ (މުޙައްމަދު ޖަމީލު) އޭރުވެސް ކިޔާ ވެލެންސިޔާ ކުޅުންތެރިއެކޭ ދެން ޖަހާނީ މި ގޯލް ޖަހަންޏާ. ދެން އެހެންވެގެން ވަރަށް ހިތުގަ އޮތް އެގޯލް ޖަހާނަމޭ. ވަރަށް ހިތްހަމަޖެހުނު އެގޯލް ޖެހުނީމަ.” ސަރަހައްދީ މުބާރާތަކުން ފުރަތަމަ ފަހަރަށް ރާއްޖެއަށް ރަން މެޑެލް ލިބުމުގެ އުފާވެރި ހަނދާން އާ ކުރަމުން މުޚްތާރު ބުންޏެވެ.

މުޚްތާރުގެ ހުނަރު ފުރަތަމަ ފަހަރަށް ގަލޮޅު ދަނޑުން ފެނުނީ 2003 ވަނަ އަހަރު މާލޭގައި ބޭއްވި ޒޯން ޗެމްޕިއަނުންގެ މުބާރާތުގައި އއ. ރަސްދޫ ފުޓްބޯޅަ ޓީމަށް ކުޅެނިކޮށެވެ. އެއަހަރު ގެ މުބާރާތުގެ ފައިނަލަށް ރަސްދޫ ގެންގޮސްދިނުމުގައި މުހިއްމު ދައުރެއް މުހްތާރު އަދާކުރިއެވެ. އެއާއެކު ބޮޑެތި ކްލަބްތަކުގެ ލޯ މުހްތާރަށް އަމާޒުވެ ބައެއް ބޮޑެތި ޓީމްތަކުގެ ހުށަހެޅުން އޭނައަށް ލިބެންފެށިއެވެ. އެގޮތުން ހަމަ އެ އަހަރު އޮތް ޕޮމިސްކަޕް ފުޓްބޯޅަ މުބާރާތުގައި ނިއުރޭޑިއަންޓުން މުހްތާރުގެ ބޭނުން ހިފިއެވެ. އޭގެ ފަހުން އެއްވަނަ ޑިވިޝަންގެ ގިނަ ކްލަބްތަކަކަށް މުހްތާރު ކުޅެފައިވެއެވެ. ރާއްޖޭގެ އެންމެ މަތީ ފެންވަރުގައި ދިހަ އަހަރަށްވުރެ ގިނަ ދުވަހު ފުޓްބޯޅަ ކުޅުމަށްފަހު މުހްތާރު ކުޅުމާ ދުރަށް ދިޔައީ އޭނާގެ ކަނާތު ފަޔަށް ލިބުނު އަނިޔާ ރަގަޅުނުވެ ގިނަ ދުވަސްތަކެއް ވާން ފެށުމުންނެވެ.

މިނިވަން ޗެމްޕިއަންޝިޕް އަތޮޅު ޗެމްޕިއަންކަމުގެ ޝީލްޑާއެކު މުޚްތާރު. ރަށު ފުޓްބޯޅައިގައި މިހާރުވެސް ކޮންމެވެސް ވަރަކަށް ހަރަކާތްތެރިވޭ. ފޮޓޯ: ފޭސްބުކް

މިހާ ހިސާބުން އުފެދޭ ސުވާލަކީ ރާއްޖެއަށް ބައިނަލްއަގްވާމީ ފުޓްބޯޅައިގެ ފުރަތަމަ ރަން މެޑަލް ކާމިޔާބުކޮށްދިން ގޯލް ޖެހި ކުޅުންތެރިޔާ މިހާރު ކޮބައިހެއްޔެވެ؟
“މިހާރު މި ކުރަމުން އަންނަނީ ގެސްޓް ހައުސް ވިޔަފާރި. ގާތްގަނޑަކަށް ތިން އަހަރެއްހާ ދުވަސްވެއްޖެ މި މަސައްކަތުގަ އުޅޭތާ.” އުފަން ރަށް ތޮއްޑޫގައި ހުރެ “ފަހުމިނެޓް” އަށް ދިން އިންޓަވިއުއެއްގައި މުހްތާރުގެ މިހާރުގެ ދިރިއުޅުމާ ގުޅޭގޮތުން ވާހަކަދައްކަމުން އޭނާ ބުންޏެވެ. މުހްތާރު ހުރީ އެ މަސައްކަތުން ލިބޭ ކުރިއެރުމާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހިފައެވެ. އެއާއެކު ރަޝިޔާގެ ފަތުރުވެރިންގެ ބޮޑު މަގްބޫލްކަމެއް ހޯދައިފައިވާ ތޮއްޑޫގެ ރިލެކްސް ރެސިޑެންސް ފަތުރުވެރިންނަށް ހިތްހަމަޖެހުން ހޯދައިދޭ ތަނަކަށް ހެދުމަށްޓަކައި މުހްތާރު އަންނަނީ ބުރަކޮށް މަސައްކަތްކުރަމުންނެވެ. ގިނަ އަހަރުތަކެއް ވަންދެން ޝައުގުވެރިކަމާއެކު ފުޓްބޯޅަ ކުޅެމުން އައި ހަލުވި ކުޅުންތެރިޔާއަށް ފުޓްބޯޅައާ މާބޮޑަށް ދުރުގައި ހުންނަން ޖެހުނު ސަބަބަކީ އެއީއެވެ.

ފުޓްބޯޅައާ މިވަގުތު ތަންކޮޅެއް ދުރުގައި ހުރިނަމަވެސް މުޚްތާރުގެ ވިސްނުން ފުޓްބޯޅައަކާ ދުރަކަށް ނުދެއެވެ. ތޮއްޑޫގެ ކުޑަކުދިންނަށް ފުޓްބޯޅައިގެ ހުނަރު ދަސްކޮށްދީ އެކުދިން ގައުމީ ފެންވަރުގައި ވާދަކުރާ ކުދިންނަށް ހެދުމަކީ މުހްތާރުގެ ހުވަފެނެކެވެ. އެކަމަށްޓަކައި މީގެ އަހަރުތަކެއް ކުރިން އޭނާ ބައެއް ފަރާތްތަކާ މަޝްވަރާވެސް ކުރިއެވެ. އެކަމަކު އޭރު އެކުރެވުނު މަސައްކަތުން އެކަށީގެންވާ ނަތީޖާއެއް ނުނުކުތުމުންނާއި، އަމިއްލަ ވިޔަފާރި ކުރިއަށްގެންދިޔުމުގައި ބުރަކޮށް އުޅެންޖެހުމުގެ ސަބަބުން އެކަން މަޑުޖެހިފައި އޮތީއެވެ. ކަން އެހެން ވެފައި އޮތަސް މުހްތާރު މިހާރު އަލުން އަމާޒު ހިފައިފައި ހުރީ ވީހާވެސް އަވަހަކަށް އެ މަސައްކަތް ފަށާށެވެ.

މުޚްތާރު ރަށުގައި ހިންގާ ގެސްޓް ހައުސް.

ގެސްޓް ހައުސް ވިޔަފާރީގައި ބުރަކޮށް އުޅެން ޖެހުމުގެ ސަބަބުން ފުޓްބޯޅަ ބަލަން ވަގުތު ހުސްނުކުރެވުނު ނަމަވެސް ގައުމީ ޓީމް މާލޭގައި ކުޅޭ މެޗްތައް ބަލަން ވަގުތު ހުސްކޮށްގެން މުޚްތާރު މާލެ އާދެއެވެ. ގައުމީ ފުޓްބޯޅަ ޓީމަކީ އަދިވެސް އޭނާގެ ހިތުގެ އެއް ބައެވެ. ގައުމީ ޓީމާ މެދު މުޚްތާރުގެ ހިތުގައި ލޯބި އޮތް މިންވަރުން ދިވެހި ފުޓްބޯޅަ އާ މެދު އޭނާގެ ހިތުގައި އޮތް ޝައުގު ހާމަވެއެވެ.

ފުޓްބޯޅައަށް ލޯބިކުރާ ގިނަ ދިވެހިންނެކޭ އެއްގޮތަށް ދިވެހި ފުޓްބޯޅައިގެ މިއަދުގެ ހާލަތާ މެދު މުހްތާރުގެ ހިތުގައިވެސް އޮތީ މާޔޫސް ކަމެވެ. މުހްތާރު ގަބޫލުކުރާ ގޮތުގައި ދިވެހި ފުޓްބޯޅަ ވެއްޓިފައި މިއޮތް އަޑިގަޑުން ސަލާމަތްކުރުމަށްޓަކައި ކަންތައްތަކެއް ބަދަލުކުރަންޖެހެއެވެ.

“އެންމެ މުހިއްމު ކަމަކަށް ފުޓްބޯޅައިގެ ތެރެއަށް ސިޔާސީ ކަންކަން ނުވެއްދުން. ދެން އެފްއޭއެމަށް ފުޓްބޯޅަ ކުރިއަރުވަން އެނގޭ މީހުން އެބަ އަންނަންޖެހޭ. އަދި އަތޮޅުތެރެއަށް ހާއްސަ އިސްކަމެއް ދީގެން އަތޮޅުތެރޭގައި އޮތް ފުޓްބޯޅައިގެ ހުނަރު ތަރައްގީ ކުރަން އެބަޖެހޭ.” ދިވެހި ފުޓްބޯޅައިގެ ހާލަތު ރަގަޅުކުރުމަށް ކޮންމެހެން ކުރަންހުރި ކަންކަން 38 އަހަރުގެ މުހްތާރު ކިޔައިދިނެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *