ގައުމީ ކްރިކެޓް ޓީމް ބޭރުގެ މުބާރާތެއްގައި ވާދަކުރަނީ

މި މަހު ކުވައިތުގައި ފަށާ ވެސްޓަން ރީޖަން ޓީ 20 ކްރިކެޓް މުބާރާތުގައި ބައިވެރިވާ ރާއްޖޭގެ ގައުމީ ޓީމް މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ގަތަރުގެ ވެރިރަށް ދޯހާގައި ތަމްރީންތަކެއް ފުރިހަމަ ކުރަމުން އެބަގެންދެއެވެ. މި ތަމްރީންތައް ފުރިހަމަކުރުމަށްޓަކައި ގައުމީ ޓީމް ދޯހާއަށް ފުރީ މިދިޔަ އާދީއްތަ ދުވަހުއެވެ.
ކްރިކެޓް ބޯޑުން މައުލޫމާތުދީފައިވާ ގޮތުގައި މި ތަމްރީން ދަތުރުގައި ގަތަރުގެ ގައުމީ ޓީމާއެކު އެކުވެރިކަމުގެ ދެ މެޗް ކުޅޭނެއެވެ. ގަތަރުގައި ތަމްރީންތައް ފުރިހަމަކުރުމަށްފަހު ޓީމް ދާނީ ސީދާ ކުވައިތަށެވެ. 15 ދުވަހުގެ މުއްދަތަށް ގައުމީ ކްރިކެޓް ޓީމް ރާއްޖެއިން ބޭރަށް މިކުރާ ދަތުރުގައި ސާދަ ކުޅުންތެރިންނާއި ހަތަރު އޮފިޝަލުން ބައިވެރިވެއެވެ.
އޭޝިއަން ކްރިކެޓް ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ވެސްޓާން ރީޖަން ޓީ 20 ކްރިކެޓް މުބާރާތުގައި ރާއްޖެ ވާދަކުރާ ފުރަތަމަ މެޗްގައި ނުކުންނާނީ ޑިސެމްބަރު 23 ވަނަ ދުވަހު ކުވައިތާ ދެކޮޅަށެވެ. ދެވަނަ މެޗްގައި ޑިސެމްބަރު 24 ވަނަ ދުވަހު ބަހުރެއިން އާ ވާދަކުރުމަށް ފަހު ޖެހިގެން އަންނަ ދުވަހު ކުޅޭ މެޗްގައި ބައްދަލުކުރާނީ ސައޫދީ އަރަބިއްޔާ އާ ދެކޮޅަށެވެ. މުބާރާތުގައި ރާއްޖެ ކުޅޭ ފަހު މެޗްގައި މި މަހުގެ 27 ވަނަ ދުވަހު ނުކުންނާނީ ގަތަރާ ދެކޮޅަށެވެ.
Advertisement


Leave a Reply