އެންމެ ގިނަ ކްލަބަށް ކުޅުނު ޑިފެންޑަރު ކޯޗެއްގެ ގޮތުގައި ވިދަނީ

Advertisement

އެންމެ ގިނަ ކްލަބަށް ކުޅުނު ޑިފެންޑަރު ކޯޗެއްގެ ގޮތުގައި ވިދަނީ

ޢަބްދުﷲ އަޝްރަފް
ފަރޭ ރޮކް ސްޓްރީޓުގެ ބެންޗުގައި. ކޯޗިންގެ ޅަފަތުގައިވެސް ފަރޭ ވަނީ ކާމިޔާބީތަކެއް ހޯދާފައި. ފޮޓޯ: އިމޭޖަސް.އެމްވީ

އުމުރުން ވަރަށް ހަގު އިރުވެސް ފ. ނިލަންދޫއަށް އުފަން ފަރުހާދު އިސްމާއިލް (ފަރޭ) ރަށުގެ ގިނަ ބަޔަކު ފާހަގަކުރަމުން އައީ އުމުރަށްވުރެ ފުޓްބޯޅައިގެ ވިސްނުން ދޮށި ކުޅުންތެރިއެއްގެ ގޮތުގައެވެ. ކުޑަކުއްޖެއްގެ ގޮތުގައި ހުއްޓަސް ރަށުގެ ޒުވާނުން ފުޓްބޯޅަ ކުޅޭއިރު ފަރޭ ބައިވެރިކުރަމުން އައި އެއް ސަބަބަކީ އެއީއެވެ. އޭގެ އެއް ނަތީޖާއަކަށްވީ އުމުރުން 15 އަހަރު ނުފުރެނީސް ރަށުން ބޭރު ޓީމްތަކަށްވެސް ކުޅުމުގެ ފުރުސަތު އޭނާއަށް ލިބެން ފެށުމެވެ. އެންމެ ޅައިރުގެ އެ ތަޖްރިބާތަކާއެކު މިއަދުވެސް ފަރޭ ފެންނަނީ އަމިއްލަ ފުޓްބޯޅަ ކެރިއަރ ބައްޓަން ކުރުމުގައި ދުރަށް ވިސްނާ މީހެއްގެ ގޮތުގައެވެ. ޓޮޕް ލެވަލްގައި ކުޅޭ ކުޅުންތެރިއެއްގެ ގޮތުގައި ހުރި ފަރޭ ތިން ވަނަ ޑިވިޝަންގެ ތަށި ރޮކް ސްޓްރީޓުން އުފުލާލިއިރު އެ ޓީމަށް އިރުޝާދުދޭން ހުރުން އެއީ އޭގެ އެއް މިސާލެވެ.

ރޮކް ސްޓްރީޓްގެ ކޯޗެއްގެ ގޮތުން ތިން ވަނަ ޑިވިޝަންގެ ފުޓްބޯޅައިގައި ފަރޭ މިކުރި ދަތުރަކީ އޭނާގެ ކޯޗިން ކެރިއަރ ގެ އަލަތު ތަޖްރިބާއެއް ނޫނެވެ. ކޯޗިންގައި ފަރޭގެ ފެށުން މީގެ ގާތްގަނޑަކަށް އަށް އަހަރު ކުރިން އައީ އޭރު ތިން ވަނަ ޑިވިޝަންގައި ކުޅުނު އެކަމަކު މިހާރު އެއްވަނަ ޑިވިޝަންގައި ރަގަޅު ވާދައެއް ކުރަމުން އަންނަ ކްލަބް ގްރީން ސްޓްރީޓްސްއާއެކު އެވެ. ރޮކް ސްޓްރީޓަށް ފުރަތަމަ ފަހަރުން ތަށި ޔަގީންކޮށްދެވުނު ކަމަށް ވިޔަސް ގްރީން އާއެކު ފަރޭއަށް ކުރަންޖެހުން މަސައްކަތް މާ ބުރަވިއެވެ. ދެވަނަ ޑިވިޝަނަށް ކޮލިފައިވުމަށް ހިފާ އަމާޒް ޔަގީންކުރެވުނީ ތިން އަހަރުގެ އިންތިޒާރަކަށް ފަހުއެވެ. ގްރީން ސްޓްރީޓްސް ދެވަނަ ޑިވިޝަނަށް ކޮލިފައިކޮށްދިން އަހަރުގެ ފައިނަލްގައި މަހިބަދޫ އަތުން ބަލިވި ނަމަވެސް ގްރީންއާއެކު ހޯދުނު ކާމިޔާބީގެ އުފާވެރިކަން ފަރޭ އަށް މާބޮޑުވިއެވެ. އޭގެ ސަބަބުވެސް އޭނާ ބުނެދިނެވެ.

ފަރޭ ރޮކް ސްޓްރީޓް ޓީމުގެ ކުޅުންތެރިންނާއެކު. އޭނާގެ ކޯޗުކަމުގައި އެޓީމު ވަނީ ތިން ވަނަ ޑިވިޝަން ކާމިޔާބު ކޮށްފައި. ފޮޓޯ: ފޭސްބުކް

“އަސްލު ހަގީގަތަށް ބުނަންޏާ ގްރީން ސްޓްރީޓްސްގެ ކާމިޔާބު މަށަށް މާ އަސަރުގަދަ. އެހެން މި ބުނަނީ މިފަހަރު އަސްލު ވަރަށް ކޮލިޓީ ކުޅުންތެރިންތަކެއް އަހަރެންނަށް ލިބުނު. އެކަމަކު ގްރީން ސްޓްރީޓްސްގަ ހުރި ފަހަރު އެޓީމްގަ ނުހުންނާނެ ވަކި ކުޅުންތެރިއަކު އެއީ ސެކަންޑް ޑިވިޝަންގަވެސް ކުޅެވިދާނެ ކުޅުންތެރިއެކޭ ބުނާވަރުގެ މީހަކު. އޭރު ތިބީ ވަރަށް އާދައިގެ ކުޅުންތެރިން. އެމީހުން ހަމަ އަހަރެން ބުނިގޮތް ހަދައިގެން ހެސް ކިޔާފަ މަސައްކަތްކޮށްގެން ކާމިޔާބު ހޯދީ. އެގޮތަށް ދިމާވީމަ އަސްލު އެ ކުރެވުނު އިހްސާސްތައް މާ އުފާވެރި.”  ތިން ވަނަ ޑިވިޝަންގެ ތަށި ރޮކް ސްޓްރީޓަށް ކާމިޔާބުކޮށްދިނުމަށްފަހު “ފަހުމިނެޓް” އަށް ދިން އިންޓަވިއުއެއްގައި ފަރޭ ބުންޏެވެ.

ކޯޗިންގެ ކެރިއަރ ގައި މިހާތަނަށް ގާތްގަނޑަކަށް އަށް އަހަރު ފަރޭ ހޭދަކޮށްފައިވިޔަސް އޭނާގެ އަތުގައި އަދި ކޯޗިންއާ ގުޅޭ އެއްވެސް ފާހެއް ނެތެވެ. ކޯޗިންގައި އެހެން ލެވެލްއަކަށް ދާން ބޭނުންކަމަށް ވާނަމަ އެ ދާއިރާއިން ޓްރެއިނިން ހޯދުމަކީ މުހިއްމު ކަމެއް ކަމަށް ފަރޭ ގަބޫލުނުކުރަނީ އެއް ނޫނެވެ. އެކަން ކުރުމަށް އޭނާއަށް އަދި ކުރިމަތިވެފައި އޮތް ގޮންޖެހުންތައް ގިނައީ އެވެ.

“އަސްލު އެފްއޭއެމުން ކޯޗިން ކޯސްތައް ގިނަ ފަހަރަށް ރާވާފަ ހުންނަނީ ޕްރީސީޒަން ފެށޭ ހިސާބުގަ. އޭރު އޮންނަނީ ކްލަބްތަކުގެ ޓްރެއިނިން ފެށިފަ. ދެން ވާ ގޮތަކީ ޕޭ ކުރާ ޓީމެއްގެ ޕްރެކްޓިސް ކަޓުވާލާފަ އެއަށް ދާކަށްވެސް ނުކެރޭ. ޕްރީ ސީޒަން ވީމަ ވަރަށް ހާޑްކޮށް އެ މީހުންގެ ޓްރެއިނިންގް ތައްވެސް ގެންދަނީ. އެހެންވީމަ އެ ދޭތި ފުށު އަރާތީ އަދި ބައިވެރިނުވެވި މިދަނީ.” ޓްރެއިނިން ޕްރޮގްރާމެއްގައި ބައިވެރިވުމަށް ހުރަސްތަކާ ބެހޭ ގޮތުން ވާހަކަދައްކަމުން ފަރޭ ބުންޏެވެ.

ކޯޗިންގެ ދާއިރާއިން ތަމްރީންތަކެއް ހެދުމުގެ ފުރުސަތު ލިބިފައި ނެތަސް އޭނާއާއެކު މަސައްކަތްކުރި ގިނަ ކުޅުންތެރިން ފަރޭ ފާހަގަކުރަމުން އަންނަނީ ބަރާބަރު މީހެއްގެ ގޮތުގައެވެ. އެއްވެސް ޓްރެއިނިންގް އަކާ ނުލައި އެވަރުގެ މަގްބޫލްކަމެއް ކުޅުންތެރިންގެ މެދުގައި އޮންނާނީ ގައިމުވެސް ކޯޗެއްގެ ވައްޓަފާޅި އޭނާގެ ކިބައިގައި ހުރީމައެވެ. އެހުރިހާ ކަމެއް ފަރޭ ހޯދައިގަންނަނީ ކިހިނެއް ހެއްޔެވެ؟

“އަހަރެންނަކީ 2003 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ބޮޑެތި ހުރިހާ ކްލަބްތަކަކަށް ކުޅެފަ ހުރި މީހެއް ވީމަ ވަރަށް ކޮލިޓީ ކޯޗުންނާ ދިމާވެފަ ހުރީ. ވަރަށް ކަމުދާ އެކްސަސައިޒެއް ނޫނީ ކުރިން ނޭނގެ އެއްޗެއް ހަދައިފިއްޔާ ގެއަށްގޮސް ނޯޓްކޮށްލަނީ. ދެން ކޯޗިން އަށް ޓީމަކަށް ދެވިއްޖެއްޔާ އެއިން ކޮންމެވެސް އެކައްޗެއް އެޕްލައިކޮށްލަނީ. ދެން ވީޑިއޯ އެއްޗެހި ބަލަނީ އެކްސަސައިޒް އެއްޗެހި އެ ހަދަނީ ކޮން ބޭނުމެއްގަ ތޯ. އެއީ ކޮން ކަހަލަ މޫވް ތަކެއް ތޯ. ކޮންކަހަލަ ސިޓުއޭޝަން ތަކަކަށްތޯ އެ ހަދަނީ އެ އެއްޗެހި ބަލައިގެން ދަސްކުރަނީ” މިއަހަރުގެ ދިވެހި ޕްރިމިއާ ލީގްގައި އަތޮޅުތެރެއިން ބައިވެރިވި ޓީމްތަކުގެ ތެރެއިން އެންމެ ރަގަޅު ނަތީޖާ ހޯދި ނިލަންދޫ ޓީމުގެ ކޯޗިން ސްޓާފުންގެ ތެރޭގައިވެސް ހިމެނުނު ފަރޭ ބުންޏެވެ.

ފަރޭ ތިން ވަނަ ޑިވިޝަން ތައްޓާއެކު. ކްލަބް ގްރީން ސްޓްރީޓްސް ދެ ވަނަ ޑިވިޝަނަށް ޕްރޮމޯޓް ކޮށްދިނީވެސް ފަރޭ. ފޮޓޯ: ފޭސްބުކް

ކުޅުންތެރިއެއްގެ ގޮތުގައި ފަރޭ ގެ ކެރިއަރ ފެށިގެން އައިއިރު އޭނާ ފެނުނީ އަރިމަތިން އެޓޭކަށް ކުޅޭ ކުޅުންތެރިއެއްގެ ގޮތުގައެވެ. އެކަމަކު  ކްލަބް ވެލެންސިޔާއަށް އޭނާ ކުޅެމުން އަންނަނިކޮށް ޓީމްގެ ވާތްފަރާތުން ފަހަތަށް ކުޅޭ ދެ ކުޅުންތެރިންނަށް އަނިޔާވުމާ ގުޅިގެން އޭރުގެ ވެލެންސިޔާގެ ކޯޗަކަށް ހުރި އިނގިރޭސިވިލާތުގެ އެރިކް ވިލިއަމްސްއަށް ފަރޭ އެ މަގާމަށް ކުޅުވަން މަޖްބޫރުވިއެވެ. އެއާއެކު އެކަންވީ ފަރޭގެ މުޅި ފުޓްބޯޅަ ކެރިއަރަށްވެސް އައި ބޮޑު ބަދަލެއްގެ ފެށުން ކަމަށެވެ.

“ޗޮއިސްއެއް ނެތިގެން ޓްރައިކޮށްލަން ކޯޗް ބުނެގެން ފެށީ ލެފްޓް ބެކަކަށް. ފެށި ދުވަހު ގޯލެއްވެސް ޖެހުނު. މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ލިބުނު. އެހިސާބުން ދެން ހިތައް އެރީ އެތަނަށް ކުޅޭނީއޭ. އޭގެ ފަހުން ދެން ރައިޓް ބެކަށް ނޫނީ ލެފްޓް ބެކަށް ނޫނީ ޑިފެންސް ލައިންގެ ކޮންމެވެސް މަގާމަކަށް ކުޅެމުން މި އަންނަނީ. ނެޝަނަލް ޓީމަށް ކުޅުނު އިރުވެސް ކުޅުނީ ލެފްޓް ބެކް ނޫނީ ރައިޓް ބެކަށް.” 32 އަހަރުގެ ފަރޭ ބުންޏެވެ.

ކޯޗެއްގެ ގޮތުގައި ފަރޭގެ އިންޑިވިޖުއަލް ކާމިޔާބީ ބޮޑު ކަމަށް ފާހަގަ ވިޔަސް ކުޅުންތެރިއެއްގެ ގޮތުގައިވެސް އެއީ ތަފާތު މީހެކެވެ. ފަރޭގެ ކިބައިގައި ހުރި ފުޓްބޯޅައިގެ ހުނަރު ކޯޗް އަލީ ސުޒޭންއަށް 2003 ވަނަ އަހަރު ފެނުނު ހިސާބުން ފެށިގެން ރާއްޖޭގެ އެންމެ މަތީ ފެންވަރުގައި މެދުކެނޑުމެއް ނެތި އޭނާ އަންނަނީ ކުޅެމުންނެވެ. އޭގެ ފަހުން މިވޭތުވެދިޔަ 15 އަހަރު ދުވަހުގެ ތެރޭގައި އެއް ވަނަ ޑިވިޝަންގެ އަށް ކްލަބަކަށް ފަރޭ ވަނީ ކުޅެފައެވެ. އެއް ކުޅުންތެރިއަކު އެއް ވަނަ ޑިވިޝަންގެ އެންމެ ގިނަ ކްލަބަށް ކުޅެގެން އެވޯޑެއް ދޭ ކަމަށް ވާނަމަ އެ އެވޯޑް ހައްގުވާނެ އެކަކަށް ޔަގީނުންވެސް ފަރޭ ވާނެއެވެ. ފަރޭ ވަނީ ގާތްގަނޑަކަށް ހަތަރު ވަރަކަށް އަހަރު ރާއްޖޭގެ ގައުމީ ޓީމުގައިވެސް ހިމެނިފައެވެ.

ކޯޗިންގައި ކާމިޔާބީތަކެއް ލިބެމުން އައި ނަމަވެސް ފަރޭ އަދި ހުރީ ކުޅުން ހުއްޓާލާ ގޮތަކަށް ނޫނެވެ. ކުޅުންތެރިއެއްގެ ގޮތުގައި އަދި އޭނާ ހާސިލްކުރަން ބޭނުންވާ އެއް ކަމެއް އެބައޮތެވެ. އެއީ ޓޮޕް ލެވަލްގައި ކުޅޭ އެންމެ ދުވަސްވީ ކުޅުންތެރިޔާގެ ގޮތުގައި އޭނަގެ ނަން ހިމެނެންދެން ފުޓްބޯޅަ ކެރިއަރ ކުރިއަށް ގެންދިއުމެވެ. މީގެ އިތުރުން ފިޒިކަލް ޓްރޭނަރެއްގެ ގޮތުގައި ގައުމީ ޓީމުގައި މަސައްކަތްކުރަން ލިބުމަކީ އޭނާ ގެ ވަރަށް ބޮޑު ހުވަފެނެކެވެ. މިހާތަނަށް ފަރޭ ހާސިލްކޮށްފައިވާ ކަންކަމަށް ބަލާއިރު އެއީ ނުވާނެ ކަންކަމޭ ބުނެވޭކަށް ނެތެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *