ފަހިމަގު ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަންކަން ޔޫތް ފޯޓީ ހޯދައިފި
ހދ. ވައިކަރަދޫގެ ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ “ފަހިމަގު ފުޓްސަލް ޗެލެންޖް 2018” ގެ ޗެމްޕިއަންކަން ޔޫތް ފޯޓީ ހޯދައިފިއެވެ. ވައިކަރަދޫ ޒުވާނުން އިސްނަގައިގެން އެރަށުގައި ބޭއްވި ފަހިމަގު ފުޓްސަލް ޗެލެންޖުގެ ފުރަތަމަ މުބާރާތް ޔޫތް ފޯޓީ ހޯދީ ފައިނަލުގައި އިއްޔެ ހަވީރު އީސްޓް ރުއްގަނޑާއި ކުޅުނު މެޗު 1-1 އިން އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން 3-2 އިން މޮޅުވެގެންނެވެ.
ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗުގެ ފުރަތަމަ ގޯލު އަށް ވަނަ މިނެޓުގައި ޖެހީ އީސްޓް ރުއްގަނޑު ޓީމަށްކުޅޭ ރަށުން ބޭރު ކުޅުންތެރިޔާ ލަހުފާން އެވެ. ފުރަތަމަ ހާފު ނިމުނުއިރު އީސްޓް ރުއްގަނޑު ޓީމު 1-0 އިން ކުރީގައި އޮތްނަމަވެސް ދެ ވަނަ ހާފުގައި ޔޫތް ފޯޓީ ޓީމުން ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ޔޫތް ފޯޓީ ޓީމުގެ ނަތީޖާ ހަމަހަމަ ކުރުމުގެ ކުރިން ދެ ވަނަ ހާފުގެ 11 ވަނަ މިނެޓުގައި އީސްޓް ރުއްގަނޑުގެ ގޯލްކީޕަރު ޝާފީ ވަނީ ލިބުނު އަނިޔާއަކާއި ގުޅިގެން ބަދަލުކުރަން ޖެހިފައެވެ. ޔޫތް ފޯޓީން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ އޭގެ ދެ މިނެޓު ފަހުން އިބްރާހީމް އިރުފާގު ޖަހައިދިން ގޯލުންނެވެ. މެޗު އެއްވަރުވުމުން ޖެހި ޕެނަލްޓީގައި އީސްޓް ރުއްގަނޑުގެ މައްޗަށް ކުރި ހޯދައި ޔޫތް ފޯޓީން މުބާރާތް ކާމިޔާބު ކުރިއެވެ.
އަށް ޓީމު ބައިވެރިވި މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމް ހޯދީ އުތުރު ނައިންޓީސް ގެ ހުސައިން ހުމައިދެވެ. އެންމެ ގިނަ ގޯލު ޖެހީ ޗެމްޕިއަން ޔޫތް ފޯޓީ ޓީމުގެ އިބްރާހީމް އަގީލް އެވެ. މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ އުތުރު ނައިންޓީސްގެ އިބްރާހީމް ފަޒީލް އާއި ޔޫތް ފޯޓީގެ އިބްރާހިމް އިރުފާގު، ވާޑްސް ޓީމުގެ ދެ ކުޅުންތެރިން ކަމަށްވާ އިބްރާހީމް ވަޖީހް އާއި އަބްދުﷲ ތަސްނީމް އަދި އީސްޓް ރުއްގަނޑު ޓީމުގެ ލަހުފާން އެވެ. މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ހޮވުނީ އެފްސީ ޖަރާސީމެވެ.
ފަހިމަގު ފުޓްސަލް ޗެލެންޖުގެ އިންތިޒާމް ކޮމިޓީން ބުނީ މި މުބާރާތް ކުރިއަށްގެންދިއުމުގެ ބޭނުމަކީ ރަށުގެ ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކުރުމާއި ދުޅަހެޔޮ ޒުވާން ޖީލެއް ބިނާކޮށް އަދި އިޖުތިމާއީ ގޮތުން ރަށުގެ ރައްޔިތުން ބަދަހިކުރުން ކަމަށެވެ. އަދި، މި މުބާރާތުގެ ސަބަބުން ރަށުގެ ރައްޔިތުންގެ މެދުގައި ގުޅުން ހަރުދަނާވެގެން ދާނެކަމަށް މުބާރާތް އިންތިޒާމުކުރި ފަރާތުން ބުންޏެވެ.
މިފަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް ވަނީ 8000 ރުފިޔާ ދިންއިރު ރަނަރަޕް ޓީމަށް 4000 ރުފިޔާ ވަނީ ދީފައެވެ. މުބާރާތް އިންތިޒާމުކުރި ވައިކަރަދޫ ޒުވާނުންގެ ޓީމުން ބުނީ އަންނަ އަހަރުވެސް މީގެ ދެ ވަނަ މުބާރާތް ކުރިއަށް ގެންދިއުމަށް މިހާރު ނިންމާފައިވާކަމަށެވެ. އަންނަ އަހަރުގެ މުބާރާތް ޑިސެމްބަރ 10 ވަނަ ދުވަހު ފަށަން ޝެޑިއުލްކޮށް މުބާރާތުގެ ޗެމްޕިއަން ޓީމަށް 10،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 5000 ރުފިޔާ ދޭނެކަމަށް ފަހިމަގު ފޯރި ޒުވާނުންގެ ޓީމުން ބުންޏެވެ.
Advertisement
Leave a Reply