ޓޮޮޓެންހަމާއި ޗެލްސީ ލީގު ކަޕްގެ ސެމީ ފައިނަލަށް
އިނގިރޭސި ލީގު ކަޕްގެ ސެމީ ފައިނަަލަށް ޓޮޓެންހަމް ހޮޓްސްޕާސް އާއި ޗެލްސީ ދަތުރުކޮށްފި އެވެ. ޓޮޓެންހަމް ސެމީގެ ޖާގައެއް ޔަގީން ކުރީ ރޭ އާސެނަލް ދަނޑުގައި ކުޅުނު ކުއާޓާ ފައިނަލް މެޗު 2-0 އިން ކާމިޔާބު ކޮށްގެންނެވެ. ޗެލްސީ ސެމީ ފައިނަލަށް ދަތުރުކުރީ އަމިއްލަ ދަނޑުގައި 1-0 އިން ބޯންމައުތް ބަލިކޮށްގެންނެވެ. މި ދެޓީމުގެ އިތުރުން ސެމީގައި ވާދަކުރާނީ މެންޗެސްޓަރ ސިޓީ އާއި ލީގު ވަންގެ ޓީމު ބާޓަން އެވެ.
ސެމީ ފައިނަލުގައި ސިޓީން ބާޓްނއާ ވާދަކުރަން ޖެހޭއިރު ޓޮޓެންހަމް ނުކުންނާނީ ޗެލްސީއާ ދެކޮޅަށެވެ. ދެ ލެގު ގޮތަށް ކުޅޭ ސެމީ ފައިނަލް މެޗުތައް ކުޅޭނީ ޖެނުއަރީ 7 އަދި 21 ވަނަ ދުވަހު އެވެ. ފުރަތަމަ ލެގްގެ މެޗު ސިޓީ އާއި ޓޮޓެންހަމުން ކުޅޭނީ އަމިއްލަ ދަނޑުގައެވެ. ސިޓީ ވަނީ އެންމެ ފަހުގެ ފަސް މުބާރާތުގެ ތެރެއިން ތިން މުބާރާތް ކާމިޔާބު ކޮށްފައެވެ.
ބާޓަން އަކީ ލީގު ކަޕްގެ ސެމީ ފައިނަލާ ހަމައަށް އަލަށް ދަތުރުކުރި ޓީމެކެވެ. އެޓީމު ލީގުގައި ކަޕްގައި ވާދަކުރާ މިއީ 10 ވަނަ ސީޒަނެވެ. އެޓީމަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ 2009 ވަނަ އަހަރުގެ ނެޝަނަލް ލީގުގެ ޗެމްޕިއަންކަމެވެ.
ރޭ އާސެނަލްގެ ދަނޑުގައި ޓޮޓެންހަމް ފެނުނީ ވަރުގަދަކޮށެވެ. މެޗުގެ ފުރަތަމަ ގޯލު ޑެލެ އަލީ ނަގައިދިން ބޯޅައަކުން 20 ވަނަ މިނެޓުގައި ޖެހީ ސޮން ހެއުން މިން އެވެ. މެޗުގެ ދެ ވަނަ ގޯލު 59 ވަނަ މިނެޓުގައި ޖެހީ އަލީ އެވެ. އަލީގެ ގޯލަށްފަހު އާސެނަލްގެ ސަޕޯޓަރަކު އެއްލި ޕްލާސްޓިކް ފުޅިއަކުން ވަނީ އޭނާގެ ގައިގައި ޖެހިފައެވެ. މިއީ ލަންޑަންގެ ވާދަވެރި މި ދެ ކްލަބް 18 ދުވަސްތެރޭ ކުޅުނު ދެ ވަނަ މެޗެވެ. ލީގު މެޗުން އާސެނަަލް މޮޅުވިއިރު ރޭގެ މޮޅަކީ ޓޮޓެންހަމުން ހިފި ބަދަލެކެވެ. މިއީ 15-2014 ވަނަ ސީޒަނަށްފަހު ޓޮޓެންހަމް ސެމީ ފައިނަލަށް ދިޔަ ފުރަތަމަ ފަހަރެވެ. އެފަހަރު ފައިނަލުގައި އެޓީމު ބަލިވީ ޗެލްސީ އަތުންނެވެ.
ރޭގެ މެޗުގައި އާސެނަލްގެ ހެންރިކް މިކިތާރްޔަން އާއި އާރޮން ރަމްސޭ ފުރަތަމަ ހާފުގައި ފޮނުވާލި ދެ ހަމަލާ ޓޮޓެންހަމްގެ ކީޕަރު ޕައުލޯ ގަޒާނިގާ ވަނީ މަތަކޮށްފައެވެ. މެޗުގެ ދެ ވަނަ ހާފުގައި އެލެކްޒެންޑާ ލަކަޒެޓް އާއި ޕިއޭ އެމެރިކް އޮބާމަޔަން ފޮނުވާލި ދެ ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. ޓޮޓެންހަމުން މެޗުގެ ދެ ވަނަ ހާފުގައި ކްރިސްޓިއަން އެރިކްސަން ފޮނުވާލި ބޯޅަ އާސެނަލްގެ ކީޕަރު ޕީޓާ ޗެކް ވަނީ މަތަކޮށްފައެވެ.
މިއީ އޮގަސްޓް މަހުގެ ފަހުން ޖެހިޖެހިގެން ދެ މެޗުން އާސެނަލް ބަލިވި ފުރަތަމަ ފަހަރެވެ. ސީޒަންގެ ފުރަތަމަ ދެމެޗުގައި އެޓީމު ބަލިވީ ސިޓީ އާއި ޗެލްސީ އަތުންނެވެ.
މެޗަށްފަހު ޓޮޓެންހަމްގެ ކޯޗު މައުރިސިއޯ ޕޮޗެޓީނޯ ބުނީ ސެމީގައި ޗެލްސީއާ ކުޅެންޖެހޭ މެޗު ވަރަށް އުނދަގޫ ވާނެކަމަށެވެ.
“ޗެލްސީ މެޗަކީ ވަރަށް އުނދަގޫ މެޗެއް. އަނެއްކާވެސް ލަންޑަނުގެ ޓީމަކާ ކުޅެން މި ޖެހެނީ. އަހަރެމެން މިހާރުވެސް ވެޓްފޯޑާއި، ވެސްޓް ހޭމް އަދި އާސެނަލާ ކުޅެފިން. އެކަމަކު ސެމީ ފައިނަލަށް ދަތުރުކުރެވުމަކީ ވަރަށް ބޮޑު އުފަލެއް” ޓޮޓްންހަމާއެކު މިހާތަނަށް ތައްޓެއް ހޯދިފައިނުވާ ކޯޗު ބުންޏެވެ.
ރޭ އަމިއްލަ ދަނޑުގައި ޗެލްސީ ސެމީ ފައިނަލަށް ދަތުރުކުރީ މެޗު ނިމެން ހަ މިނެޓަށް ވެފައިވަނިކޮށް އެޑެން ހަޒާޑް ޖެހި ގޯލުން މޮޅުވެގެންނެވެ. މި މެޗުގައި ހަޒާޑާއި ޕެޑްރޯ އަށް ލަނޑު ޖަހާނެ އިތުުރު ފުރުސަތުތައް ލިބި ވަނީ ބޭކާރު ވެފައެވެ. ރޭގެ މެޗުގައި ގޯލު ޖަހަން ބޯންމައުތަށް ލިބުނު ފުރުސަތުތައް އެޓީމަށް ބޭނުން ހިފޭގޮތެއް ނުވިއެވެ. އެޓީމުގެ ކަލުމް ވިލްސަން އާއި ލީސް މޯސެޓް ފޮނުވާލި ދެ ހަމަލާ ޗެލްސީގެ ކީޕަރު ކެޕާ އަރިޒަބަލަގާ ވަނީ މަތަކޮށްފައެވެ. އަދި، މެޗުގެ ފަހު މިނެޓުގައި ލިބުނު ހިލޭ ޖެހުމަކުންވެސް ގޯލެއް ކާމިޔާބު ކުރުމާއި ގާތަށް ބޯންމައުތުން ޖެހިލިއެވެ. އެކަމަކު އެޓީމުގެ ރަޔަން ފްރޭސާ އާއި ވިލްސަން ޖެހި ބޯޅަތައް ޗެލްސީ ޓީމުން ވަނީ ބްލޮކް ކޮށްފައެވެ.
މެޗަށްފަހު ޗެލްސީގެ އެސިސްޓެންޓް ކޯޗު ޖިއަންފްރެންކޯ ޒޯލާ ބުނީ ތަފަތާކަށްވީ މެޗުގައި ގެނައި ބަދަލުތައް ކަމަށެވެ. ޗެލްސީން ވަނީ ދެ ވަނަ ހާފުގައި މިވަގުތު ރަނގަޅު ފޯމެއްގައި ތިބި ޕެޑްރޯ އާއި ހަޒާޑް ކުޅެން އަރުވައިފައެވެ.
“ތަފާތަކަށްވީ އަހަރެމެން ގެނައި ބަދަލުތައް. ޕެޑްރޯ އާއި އެޑެން ކުޅެން އެރުމުން އަހަރެމެންގެ ހިތްވަރު އިތުރުވި. އެޑެން އަކީ 20 މިނެޓަށް އަރައިފައިވެސް ބޮޑު ތަފާތެއް ގެނެވޭނެ ފަދަ ކުޅުންތެރިއެއް” ޒޯލާ ބުންޏެވެ.
Advertisement
Leave a Reply