ބޭލްގެ ހެޓްރިކުން ރެއާލް މެޑްރިޑް ފައިނަލަށް
ފީފާ ކްލަބް ވޯލްޑް ކަޕްގެ ދެ ވަނަ ސެމީ ފައިނަލުގައި ރޭ އޭޝިއާގެ ޗެމްޕިއަން ޖަޕާނުގެ ކަޝިމާ އެންޓްލާސް 3-1 އިން ބަލިކޮށް ޔޫރަޕްގެ ޗެމްޕިއަން ރެއާލް މެޑްރިޑް ފައިނަލަށް ދަތުރު ކޮށްފިއެވެ. ރޭގެ މެޗުގައި ރެއާލްގެ ތިން ގޯލުވެސް ޖެހީ ގަރެތް ބޭލް އެވެ.
ޔޫއޭއީގައި ކުރިއަށްދާ މި މުބާރާތުގެ ފައިނަލުގައި އަންނަ ހޮނިހިރު ދުވަހުގެ ރޭ ރެއާލް ނުކުންނާނީ ދެކުނު އެމެރިކާގެ ޗެމްޕިއަންކަން ދާދިފަހުން ހޯދި ރިވާ ޕްލޭޓްގެ މައްޗަށް ފުރަތަމަ ސެމީގައި ކާމިޔާބު ހޯދި އަލް އައިންއާ ދެކޮޅަށެވެ. ޔޫއޭއީ އަށް ނިސްބަތްވާ އަލް އައިން މުބާރާތުގައި ވާދަކުރަނީ އެގައުމުގެ ޗެމްޕިއަނުންގެ ހައިސިއްޔަތުންނެވެ. އާޖެންޓީނާގެ ގަދަބާރު ރިވާ ޕްލޭޓްގެ މައްޗަށް އަލް އައިން ސެމީގެ ފުރަތަމަ މެޗުގައި ކުރި ހޯދީ ޕެނަލްޓީ ޖަހައިގެން 5-4 އިން މޮޅުވެގެންނެވެ.
ރޭގެ މެޗުގައި ބޭލް ފުރަތަމަ ގޯލު ޖެހީ މާސެލޯގެ އެހީތެރިކަމާއެކު ފުރަތަމަ ހާފުގެ 44 ވަނަ މިނެޓުގައެވެ. ދެ ވަނަ ހާފުގައި ބޭލް ހެޓްރިކް ފުރިހަމަ ކުރީ މެޗުގެ 53 ވަނަ މިނެޓާއި 55 ވަނަ މިނެޓުގައި ޖެހި ގޯލުތަކުންނެވެ. ރޭ ބޭލް ހެދި ހެޓްރިކާއެކު ކްލަބް ވޯލްޑް ކަޕްގައި ކުޅުނު ފަސް މެޗުގައި ބޭލް ވަނީ ހަ ގޯލު ޖަހައިފައެވެ. ކްލަބް ވޯލްޑް ކަޕްގައި އެންމެ ގިނަ ގޯލު ޖަހައިފައިވަނީ ހަތް ގޯލު ޖެހި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ހެޓްރިކް ހެދުމާއެކު ރެއާލްގެ ކޯޗު ސަންޓިއާގޯ ސޮލާރީ ވަނީ ބޭލް ބަދަލުކޮށްފައެވެ. ކަޝިމާ އެންޓްލާސް ގެ ހަމައެކަނި ގޯލު ޖެހީ 78 ވަނަ މިނެޓުގައި ޝޮމާ ޑޯއީ އެވެ.
ފައިނަލް މެޗަށް ނުކުންނައިރު ރެއާލް އަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ ރިވާ ޕްލޭޓް މުބާރާތުން ކެޓުމެވެ. މި މުބާރާތުގައި ޔޫރަޕްގެ ޗެމްޕިއަނުންނަށް އަބަދުވެސް އެންމެ ރަނގަޅު ވާދައެއް ކުރަނީ ދެކުނު އެމެރިކާއިން މުބާރާތަށް ކޮލިފައިވާ ޓީމުތަކެވެ. ސަރަހައްދުގެ ޗެމްޕިއަންކަން ހޯދައި ރިވާ ޕްލޭޓް މުބާރާތަށް ކޮލިފައިވުމުން ރެއާލްއާ ދެކޮޅަށް ފައިނަލް ކުޅޭނެ ކަމަށް އެންމެ ބޮޑަށް ބެލެވުނީ ވެސް އެޓީމެވެ.
މިދިޔަ ތިން ސީޒަނުގައިވެސް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް އެންމެ ފަހުން ކުޅުނު ކްލަބް ވޯލްޑް ކަޕްގެ ދެ މުބާރާތްވެސް ރެއާލް މެޑްރިޑް ވަނީ ކާމިޔާބު ކޮށްފައެވެ. 2000 ވަނަ އަހަރު ކުޅެން ފެށި މި މުބާރާތް އެންމެ ގިނައިން ކާމިޔާބު ކޮށްފައިވަނީ ޔޫރަޕްގެ ޗެމްޕިއަނުންގެ ގޮތުގައި ކުޅޭ ޓީމުތަކުންނެވެ. ޔޫރަޕް ނޫން ޓީމަކަށް މި މުބާރާތް އެންމެ ފަހުން ކާމިޔާބު ކުރެވުނީ 2012 ވަނަ އަހަރު ޗެލްސީ ބަލިކޮށް ޗެމްޕިއަންކަން ހޯދި ބްރެޒިލްގެ ކޮރިންތިއަންސް އެވެ. މި މުބާރާތް އެންމެ ގިނައިން ކާމިޔާބު ކޮށްފައިވަނީ ބާސެލޯނާ އާއި ރެއާލް މެޑްރިޑެވެ. ކޮންމެ ޓީމަކުންވެސް ތިން ފަހަރު މި މުބާރާތް ކާމިޔާބު ކޮށްފައިވާއިރު ހޮނިހިރު ދުވަހުގެ ރޭ ކުޅޭ ފައިނަލް ކާމިޔާބު ކޮށްގެން މުބާރާތުގެ އެންމެ ކާމިޔާބު ޓީމުގެ ޝަރަފް ރެއާލަށް ލިބޭނެއެވެ.
ހޮނިހިރު ދުވަހުގެ ރޭ ރާއްޖެ ގަޑިން 9:30 ގައި ފައިނަލް މެޗު ކުޅޭނީ އަލް އައިން ނިސްބަތްވާ ޔޫއޭއީގެ ޒައިދު ސްޕޯޓްސް ސިޓީ ސްޓޭޑިއަމް ގައެވެ.
Advertisement
Leave a Reply