ޔުނައިޓެޑުން ލިބުނު ފުރުސަތަށް ފަހުރުވެރިވަން: މޮރީނިއޯ

Advertisement

ޔުނައިޓެޑުން ލިބުނު ފުރުސަތަށް ފަހުރުވެރިވަން: މޮރީނިއޯ

ޢަލީ ޝަހީމް

މެންޗެސްޓަރ ޔުނައިޓެޑަށް ކޯޗުކަން ކުރުމަކީ ވަރަށް ބޮޑަށް ފަހުރުވެރިވާ ކަމެއްކަމަށާއި، ޓީމުގެ މައްސަލަތަކާމެދު ވާހަކަ ދައްކަން ބޭނުންނުވާ ކަމަށް އެޓީމުގެ ކޯޗުކަމުގެ މަގާމުން އަންގާރަ ދުވަހު ވަކިކުރި ހޯސޭ މޮރީނިއޯ ބުނެފި އެވެ. މޮރީނިއޯ މިހެން ބުނީ  އިއްޔެ ނެރުނު ބަޔާނެއްގައެވެ.

މި ސީޒަނުގައި ނެރެމުން އައި ދަށް ނަތީޖާތަކުގެ ސަބަބުން ޔުނައިޓެޑް މިވަގުތު އޮތީ 26 ޕޮއިންޓާއެކު ލީގު ތާވަލުގެ ހަ ވަނައިގައެވެ. މޮރީނިއޯގެ އިރުޝާދުގެ ދަށުން ލީގުގައި އެންމެ ފަހުން ލިވަޕޫލާ ކުޅުނު މެޗުން 3-1 އިން ވަނީ ބަލިވެފައެވެ. ލީގުގެ އެއް ވަނައިގައި އޮތް ލިވަޕޫލާ ޔުނައިޓެޑާއި ދެމެދު 19 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.

Advertisement

މޮރީނިއޯ މަގާމުން ވަކިކުރުމަށްފަހު އިއްޔެ ޔުނައިޓެޑުން ވަނީ ކުރިން އެ ކްލަބުގައި ގިނަ ކާމިޔާބީތަކެއް ހޯދައިފައިވާ އޮލެ ގުނަ ސޯލްޝެއާ ސީޒަން ނިމެންދެން ވަގުތީ ކޯޗަކަށް ހަމަޖައްސައިފައެވެ.

މޮރީނިއޯ ޔުނައިޓެޑްގައި ހޭދަކުރި ދެ އަހަރާއި ބައިގެ މުއްދަތުގައި އެޓީމަށް ވަނީ ޔޫރޮޕާ ލީގާއި ލީގު ކަޕް އަދި ކޮމިއުނިޓީ ޝީލްޑް ކާމިޔާބު ކޮށްދީފައެވެ. މިދިޔަ ސީޒަނުގައި ލީގުގެ ދެ ވަނައިގައި ނިންމާލިއިރު އެފްއޭ ކަޕްގެ ފައިނަލުގައި ބަލިވީ ޗެލްސީ އަތުންނެވެ. އެކަމަކު މި ސީޒަން ފެށުނު ފަހުން މޮރީނިއޯ ވަނީ ޓީމުގެ މެނޭޖްމަންޓަށް އަދި ބައެއް ކުޅުންތެރިންގެ ކުޅުމަށްވެސް ތަކުރާރުކޮށް ފާޑުކިޔައިފައެވެ. ޓީމުގެ މެނޭޖްމަންޓަށް މޮރީނިއޯ އެންމެ ބޮޑަށް ފާޑުކީ އާ ސީޒަނަށް ކުޅުންތެރިން ގެނައުމުގައި އެއްބާރުލުން ނުލިބުމުންނެވެ.

“ފުރަތަމަ ދުވަހުން ފެށިގެން ޔުނައިޓެޑްގެ މި ބެޖަށް އަހަރެން ފަހުރުވެރިވަން އަދި އަހަރެން ގަބޫލުކުރަން ޔުނައިޓެޑްގެ ސަޕޯޓަރުން އެކަން ދަންނާނެ ކަމަށް” މޮރީނިއޯ ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

މޮރީނިއޯ ބުނީ އޭނާއާއެކު މަސައްކަތް ކުރި ބައެއް މީހުންނަކީ އަބަދުވެސް އޭނާގެ ރަހްމަތެރިންނަށް ވާނެކަމަށެވެ.

“އަހަރެންގެ ޕްރޮފެޝަނަލް ގަބޫލުކުރަންތައް އެންމެނަށްވެސް އެނގޭނެ. އަހަރެންގެ މަސައްކަތް ނިމޭ ކޮންމެ ފަހަރަކުވެސް ފުރިހަމަ އިހުތިރާމް އަދާކުރަން. އަދި އަހަރެންނާ އެއްކޮށް މަސައްކަތް ކުރި މީހުންނާ ގުޅޭގޮތުން ވާހަކައެއް ނުދައްކަން” ކޯޗިން ކެރިއަރުގައި ގިނަ ކާމިޔާބީތަކެއް ހޯދައިފައިވާ ކޯޗު ބުންޏެވެ.

ކުރިން ޗެލްސީ، ރެއާލް މެޑްރިޑް އަދި އިންޓަ މިލާންގައި ކާމިޔާބީތައް ހޯދި ކޯޗު ބުނީ ޔުނައިޓެޑާ ނުލައި އޭނާއަށް ކުރިމަގެއް އޮތް ކަމަށް ގަބޫލުކުރާ ކަމަށެވެ.

“އަހަރެން ނެތި މެންޗެސްޓަރ ޔުނައިޓެޑަށް ކުރިމަގު އެބައޮތް އަދި އަހަރެންނަށް ވެސް ޔުނައިޓެޑާ ނުލައި ކުރިމަގު އެބައޮތް. އެހެންވީމަ އަހަރެން މިވަގުތު އިހުސާތަކާ ގުޅޭގޮތުން ސަޕޯޓަރުންނާ ވާހަކަ ދައްކަންވީ ކީއްވެ؟” ސްކައި ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި މޮރީނިއޯ ބުންޏެވެ.

މޮރީނިއޯ ބުނީ ބައެއް މެނޭޖަރުން ކްލަބް ދޫކޮށްލުމަށްފަހު ކަންތައް ވާގޮތް ވަރަށް ތަފްސީލުކޮށް ކިޔައިދޭ ކަމަށާއި، އެކަމަކު އޭނާ އަކީ އެކަހަލަ މީހެއް ނޫންކަމަށެވެ.

ޔުނައިޓެޑްގެ ކޯޗުކަމުން ވަކިކުރުމުން މޮރީނިއޯ މިހާރު ވަނީ ލަންޑަނުގައި ހުންނަ އޭނާގެ ގެއަށް ބަދަލުވެފައެވެ. ގެއަށް ބަދަލުވުމަށްފަހު މޮރީނިއޯ ވަނީ ކޯޗިން އަށް އެނބުރި އަންނަންދެން އޭނާއަށް އިހުތިރާމް ކުރުމަށް މީޑިއާގެ ކިބައިން އެދިފައެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *