ތިން ވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ރޮކް ސްޓްރީޓަށް

Advertisement

ތިން ވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ރޮކް ސްޓްރީޓަށް

ޢަލީ ޝަހީމް
ޗެމްޕިއަންކަން ހޯދި ރޮކް ސްޓްރީޓް ޓީމު ތައްޓާއެކު. ފޮޓޯ: އެފްއޭއެމް

އެފްއޭއެމް ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ރޮކް ސްޓްރީޓް ސްޕޯޓްސް ކްލަބުން ކާމިޔާބު ކޮށްފިއެވެ. އެޓީމު ޗެމްޕިއަންކަން ހޯދީ މިއަދު ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި 2-0 އިން ސުޕަ ޔުނައިޓެޑް ބަލިކޮށްގެންނެވެ. ފައިނަލަށް ގޮސްފައިވާ ދެޓީމުގެ ހައިސިއްޔަތުން މެޗަށް ނުކުތް އިރުވެސް މި ދެޓީމަށް އޮތީ އަންނަ އަހަރުގެ ދެ ވަނަ ޑިވިޝަނުގެ ޖާގައެއް ޔަގީންވެފައެވެ.

މިއަދުގެ މެޗަށް ނުކުތްއިރު ރޮކް ސްޓްރީޓްގެ ފޯވާޑް ހަސަން ނޫރިޝް ހުރީ ސަސްޕެންޝަނުގައެވެ. އެޓީމުގެ ކޯޗަކަކީ ފުރަތަމަ ޑިވިޝަންގެ ގިނަ ކްލަބްތަކަށް ކުޅުނު އަދި ކްލަބް ގްރީން ސްޓްރީޓްސް ވެސް ދެ ވަނަ ޑިވިޝަނަށް ޕްރޮމޯޓް ކޮށްދިން ތަޖުރިބާކާރު ކުޅުންތެރިޔާ ފަރުހާދު އިސްމާއީލް (ފަރޭ) އެވެ. ސުޕަ ޔުނައިޓެޑްގެ ކޯޗަކީ ކުރިން ފުޓްބޯޅަ ކުޅުނު އަބްދުލް މުހުސިން ހަމީދު (ޖޭފޯ) އެވެ.

Advertisement

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ. މެޗުގެ ދެ ވަނަ ހާފުގައި ރޮކް ސްޓްރީޓުން ވަނީ ކުރިން ފުރަތަމަ ޑިވިޝަނުގެ ގިނަ ކްލަބްތަކަކަށް އަދި ގައުމީ ޓީމަށްވެސް ކުޅުނު ހަލުވި ފޯވާޑް އަބްދުﷲ މުއާޒް (އޮޓޯ) ކުޅެން އަރުވައިފައެވެ. މެޗުގައި ރޮކް ސްޓްރީޓުން ލީޑު ނެގީ 57 ވަނަ މިނެޓުގައި ހުސައިން އަބްދުލް މަޖީދު ޖެހި ގޯލުންނެވެ.

ރޮކް ސްޓްރީޓުން ގޯލެއް ޖެހުމުން ސުޕަ ޔުނައިޓެޑުން ވަނީ ކުރިއަށް ޖެހި މެޗުގެ ނަތީޖާ ހަމަހަމަ ކުރަން މަސައްކަތް ކޮށްފައެވެ. ސުޕަ ޔުނައިޓެޑުން ކުރިއަށް ޖެހިގެން ކުޅުމުގެ ފައިދާ ނަގައި ރޮކް ސްޓްރީޓުން 75 ވަނަ މިނެޓުގައި ދެ ވަނަ ގޯލު ޖެހިއެވެ. މި ގޯލު އެޓީމަށް ކާމިޔާބު ކޮށްދިނީ ޓީމުގެ ކެޕްޓަން އަހުމަދު ނާހިލް އިބްރާހީމް އެވެ. ނާހިލް އަކީ 19 އަހަރުން ދަށުގެ ގައުމީ ޓީމުގައި ހިމެނޭ އުމުރުން އެންމެ 16 އަހަރުގެ ކުޅުންތެރިއެކެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށްވެސް ހޮވުނީ ރޮލް ސްޓްރީޓާއެކު މޮޅު ކުޅުމެއް ދެއްކި ނާހީލް އެވެ. އެންމެ މޮޅު ކީޕަރަކަށް ބުރު ސްޕޯޓްސް ކްލަބްގެ އަބްދުﷲ އަރުޝަން ހޮވުނުއިރު މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ހޮވުނީ ބައުސް ސްޕޯޓްސް ކްލަބެވެ.

 

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *