ސޯލްޝެއާ ޔުނައިޓެޑްގެ ކޯޗަކަށް ހަމަޖައްސައިފި
އިނގިރޭސި ކްލަބް މެންޗެސްޓަރ ޔުނައިޓެޑްގެ ވަގުތީ ކޯޗަކަށް އެޓީމަށް ކުރިން ކުޅުނު ނޯވޭގެ އޮލެ ގުނަ ސޯލްޝެއާ ހަމަޖައްސައިފި އެވެ. އިއްޔެ ޔުނައިޓެޑްގެ ކޯޗަކަމުން ވަކިކުރި ހޯސޭ މޮރީނިއޯގެ ބަދަލުގައި ސޯލްޝެއާ ވަގުތީގޮތުން ކޯޗުކަމަށް ހަމަޖެއްސިކަން އެ ކްލަބުން މިއަދު ވަނީ ހާމަކޮށްފައެވެ.
ސޯލްޝެއާ އަކީ 1996 ވަނަ އަހަރުން ފެށިގެން 2007 ވަނަ އަހަރާއި ހަމައަށް އެޓީމަށް ކުޅުނު ކުޅުންތެރިއެކެވެ. ޔުނައިޓެޑްގައި ކުޅުންތެރިއެއްގެ ގޮތުގައި ސޯލްޝެއާ ވަނީ ހަ ޕްރިމިއަރ ލީގާއި ދެ އެފްއޭ ކަޕް އަދި އެއް ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައެވެ. ޔުނައިޓެޑަށް ކުޅުނު 11 ސީޒަނުގައި ސޯލްޝެއާ ވަނީ 366 މެޗުގައި 126 ގޯލު ޖަހައިފައެވެ. ސޯލްޝެއާ ޔުނައިޓެޑަށް ޖަހައިދިން ގޯލުތަކުގެ ތެރެއިން އެންމެ ހާއްސަ އެއް ގޯލަކީ 1999 އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ޖެހި ގޯލެވެ. ބާސެލޯނާގެ ކޭމްޕް ނޯ ސްޓޭޑިއަމްގައި ޖަރުމަނުގެ ބަޔާން މިއުނިކް އަތުން 2-1 އިން ޔުނައިޓެޑް މޮޅުވީ ފަހު ސިކުންތުގައި ސޯލްޝެއާ ވައްދާލި ގޯލުންނެވެ.
ޔުނައިޓެޑަށް ކުޅުން ހުއްޓާލުމަށްފަހު ސޯލްޝެއާ ކޯޗިން ކެރިއަރު ފެށީ އެ ކްލަބުގެ ރިޒާވް ޓީމުންނެވެ. 2008 ވަނަ އަހަރު ރިޒާވް ޓީމާއި ހަވާލުވެ ސޯލްޝެއާ ތިން އަހަރު އެޓީމާއެކު މަސައްކަތް ކުރިއެވެ. އެއަށްފަހު 2011 ވަނަ ސޯލްޝެއާ ބަދަލުވީ ޔުނައިޓެޑަށް ބަދަލުވުމުގެ ކުރިން ކުޅުނު ކްލަބް މޯލްޑޭ އަށެވެ. ނޯވޭގެ މޯލްޑޭ ގައި ކޯޗެއް ގޮތުގައި ތިން އަހަރު މަސައްކަތް ކުރުމަށްފަހު ސޯލްޝެއާ 2014 ވަނަ އަހަރު ފެނުނީ އިނގިރޭސި ކްލަބް ކާޑިފް ސިޓީގެ ކޯޗެއްގެ ގޮތުގައެވެ. ކާޑިފް ސިޓީއަށް ކޯޗުކޮށްދިން ދުވަސްވަރު އެޓީމު ވަނީ އެ ސީޒަނުގައި ޕްރިމިއަރ ލީގުން ރެލިގޭޓް ވެފައެވެ. ސޯލްޝެއާގެ ކޯޗުކަމުގައި ލީގުގެ ފުލުގައި ނިންމާލިއިރު މުޅި ސީޒަނުގައި އެޓީމަށް ލިބުނީ އެންމެ ހަތް މޮޅެވެ. ރެލިގޭޓް ވުމުން 2014 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހާއި ހަމައަށް ސޯލްޝެއާ ވަނީ ޗެމްޕިއަންޝިޕް ފުޓްބޯޅައިގައިވެސް އެޓީމަށް އިރުޝާދު ދީފައެވެ. ސޯލްޝެއާ ކާޑިފް ޓީމަށް އިރުޝާދުދިން 30 މެޗުގެ ތެރެއިން 16 މެޗުން އެޓީމު ބަލިވިއިރު މޮޅުވީ އެންމެ ނުވަ މެޗުންނެވެ. އަދި، ފަސް މެޗުން އެއްވަރު ވިއެވެ.
ކާޑިފް ސިޓީގައި ހޭދަކުރި ނާކާމިޔާބު ދުވަސްތަކަށްފަހު 2015 ވަނަ އަނެއްކާވެސް ތިން އަހަރާއި ބައިގެ މުއްދަތަކަށް ސޯލްޝެއާ މޯލްޑޭ އަށް ބަދަލުވިއެވެ. އެ އަހަރު ސޯލްޝެއާ ވަނީ ޔޫރޮޕާ ލީގުގައި އެޓީމު ހިމެނުނު ގްރޫޕުން އެއް ވަނަ ހޯދައި ގަދަ 32 ޓީމުގެ ތެރޭގައި ހިމެނިފައެވެ. އެޓީމު ޔޫރޮޕާ ލީގުން ކެޓީ ޗެމްޕިއަން ސެވިއްޔާ އަތުން 3-1 ގެ އެގްރިގޭޓް ނަތީޖާއަކުން ބަލިވެގެންނެވެ. މިއަދު ރަސްމީކޮށް ޔުނައިޓެޑްގެ ކޯޗުކަމާއި ހަވާލުވުމާއި ހަމައަށް ސޯލްޝެއާ ހުރީ މޯލްޑޭގެ ކޯޗުކަމުގައެވެ.
ޔުނައިޓެޑާއި ހަވާލުވުމަށްފަހު ސޯލްޝެއާ ބުނީ ޔުނައިޓެޑަށް އާދެވުމަކީ ވަރަށް ބޮޑު އުފަލެއްކަމަށެވެ.
“ޔުނައިޓެޑަކީ އަހަރެންގެ ހިތުގައި އަބަދުވެސް އޮންނަ ކްލަބެއް. އަލުން މި ޓީމަށް އާދެވުމަކީ ވަރަށް ބޮޑު އުފަލެއް. މި ކްލަބުގެ ސްޓާފުންނާއި އެހެން އެންމެން އަދި ކްލަބްގައި ތިބި ހުނަރުވެރި ކުޅުންތެރިންނާއެކު މަސައްކަތް ކުރަން އަހަރެން މިހުރީ ކެތްމަދުވެފަ” 45 އަހަރުގެ ސޯލްޝެއާ ބުންޏެވެ.
ސޯލްޝެއާއެކު ޔުނައިޓެޑްގެ އެސިސްޓެންޓް މެނޭޖަރަކަށް ހުންނާނީ މައިކް ފީލަން އެވެ. އަދި ކޯޗުންގެ ގޮތުގައި ތިބޭނީ މިދިޔަ ސީޒަނަށްފަހު ކުޅުން ހުއްޓާލި މައިކެލް ކެރިކް އަދި ކިއެރަން މެކެނާ އެވެ.
ޔުނައިޓެޑްގެ ކޯޗުކަމާ ސޯލްޝެއާ ހަވާލުވިއިރު ލީގުގައި އެޓީމު އޮތީ 26 ޕޮއިންޓާއެކު ހަ ވަނައިގައެވެ. ލީގުގެ އެއް ވަނައިގައި އޮތް ލިވަޕޫލާއި އެޓީމާއި ދެމެދު 19 ޕޮއިންޓުގެ ފަރަގެއް އޮތް އިރު ހަތަރު ވަނައިގައި އޮތް ޗެލްސީ އާއި 11 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. ސޯލްޝެއާގެ ފުރަތަމަ މެޗުގައި އަންނަ ހޮނިހިރު ދުވަހުގެރޭ ރަށުން ބޭރުގައި ނުކުންނާނީ ކުރިން ކޯޗުކޮށްދިން ކްލަބް ކާޑިފް ސިޓީއާ ދެކޮޅަށެވެ.
Advertisement
Leave a Reply