ޕެނަލްޓީ ޖަހައިގެން މޮޅުވެ ސިޓީ ސެމީ އަށް
އިނގިރޭސި ލީގު ކަޕްގެ ކުއާޓާ ފައިނަލުގައި ރޭ ލެސްޓާ ސިޓީއާ ވާދަކުރި މެޗު ޕެނަލްޓީ ޖަހައިގެން މޮޅުވެ މެންޗެސްޓަރ ސިޓީ ސެމީ ފައިނަލަށް ދަތުުރު ކޮށްފި އެވެ. ރޭ ލެސްޓާގެ ދަނޑުގައި ކުޅުނު މެޗު ފުރިހަމަ ވަގުތު ހަމަވިއިރު އޮތީ 1-1 އިން އެއްވަރު ވެފައެވެ. ޕެނަލްޓީގައި ސިޓީ އަށް ކުރި ލިބުނީ 3-1 އިންނެވެ. ރޭ ލީގު ވަންގައި ކުޅޭ ބާޓަން ވެސް ވަނީ ޗެމްޕިއަންޝިޕްގެ ކްލަބް މިޑްލްސްބަރާ ގެ މައްޗަށް ރަށުން ބޭރުގައި 1-0 އިން ކުރި ހޯދައި ސެމީގެ ޖާގައެއް ހޯދައިފައެވެ.
މިޑްލްސްބަރާ އަތުން ބާޓަން މޮޅުވި ލަނޑު ޖަހައިދިނީ ޖޭކް ހެސްކެތު އެވެ. މިއީ އެ ކްލަބުގެ ތާރީހުގައިވެސް ލީގު ކަޕްގެ ސެމީއަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ.
ސިޓީން މެޗުގެ ހަމައެކަނި ގޯލު 14 ވަނަ މިނެޓުގައި ޖެހީ މި ސީޒަނުގައި ދެ ވަނަ ފަހަރަށް އަނިޔާއިން ރަނގަޅުވެ ރޭ ފުރަތަމަ އެގާރައިގައި ކުޅުނު ކެވިން ޑި ބްރޭނާ އެވެ. މިއީ މިދިޔަ ސީޒަނުގައި ސިޓީއަށް މުހިއްމު ގޯލުތަކެއް ޖަހައިދިން ޑި ބްރޭނާ މި ސީޒަނުގައި ޖެހި ފުރަތަމަ ގޯލެވެ. ފުރަތަމަ ހާފުގައި ލެސްޓާގެ ފަރާތުން ދަށް ކުޅުމެއް ފެނުނު ނަމަވެސް ދެ ވަނަ ހާފުގައި ކުޅުން ރަނގަޅުކޮށް މެޗުގެ 73 ވަނަ މިނެޓުގައި މާކް އޯލްބްރައިޓަންގެ ގޯލުން މެޗުގެ ނަތީޖާ ހަމަަހަމަ ކުރި އެވެ.
ޕެނަލްޓީގައި ލެސްޓާއިން ޖެހި ހަތަރު ޕެނަލްޓީގެ ތެރެއިން ތިން ޕެނަލްޓީ ވައްދައެއް ނުލެވުނެވެ. ލެސްޓާގެ ޕެނަލްޓީތައް ހިފެހެއްޓުމުގައި މޮޅު ކުޅުމެއްދެއްކީ ސިޓީގެ ޒުވާން ކީޕަރު އަރިޔަނިޓް މުރިޗް އެވެ. އުމުރުން އެންމެ 20 އަހަރުގެ ކޮސޯވޯ އަށް ނިސްބަތްވާ ކީޕަރު ވަނީ ލެސްޓާގެ ކަގްލާ ސޮޔުންކޫ އާއި ޖޭމްސް މެޑިސަން ޖެހި ޕެނަލްޓީ ހިފަހައްޓައިފިައެވެ. އެޓީމުގެ ކްރިސްޓިއަން ފުޗްސް ޖެހި ޕެނަލްޓީީ ބޭރަށް ދިިޔައިރު އެޓީމަށް ވައްދާލެވުނީ އިންގްލެންޑްގެ ޑިފެންޑަރ ހެރީ މެގުއާ ޖެހި ޕެނަލްޓީ އެކަންޏެވެ. ސިޓީން ޖެހި ޕެނަލްޓީތަކުގެ ތެރެއިން ރަހީމް ސްޓްލިން ޖެހި ޕެނަލްޓީ މަތިން ދިޔައިރު ގަބްރިއެލް ޖީސޫސް އާއި އޮލެކްސެންޑަ ޒިންޗެންކޯ އަދި އިލްކާއީ ގުންޑޮގާން ވަނީ ޕެނަލްޓީ ވައްދާލައިފައެވެ.
މެޗަށްފަހު ގާޑިއޯލާ ބުނީ މެޗު ވަރަށް އުނދަގޫކަމަށާއި ލެސްޓާގެ ދަނޑަކީ އަބަދުވެސް އުނދަގޫ ދަނޑެއް ކަމަށެވެ. ލީގު ކަޕްގެ ސެމީ ފައިނަލަށް ސިޓީ ދަތުުރުކުރި އިރު އެޓީމު އަންނަނީ ހުރިހާ މުބާރާތެއްގައި ކުޅެމުންނެވެ. ލީގުގެ ދެ ވަނައިގައި އޮތް އިރު ޗެމްޕިއަންސް ލީގުގައި އެޓީމު ނުކުންނާނީ ޖަރުމަނުގެ ޝާލްކޭއާ ދެކޮޅަށެވެ.
ލީގު ކަޕްގެ ކުއާޓާ ފައިނަލުގައި މިރޭވެސް ދެ މެޗު ކުޅޭނެއެވެ. އާސެނަލާއި ޓޮޓެންހަމް ހޮޓްސްޕާސް ވާދަކުރާއިރު އަމިއްލަ ދަނޑުގައި ޗެލްސީ ނުކުންނާނީ ބޯންމައުތާ ދެކޮޅަށެވެ.
Advertisement
Leave a Reply