ނަތީޖާ ނެރެން ބޭނުންކުރާނީ ޒުވާން ކުޅުންތެރިންގެ ހަކަތަ: ފަރޭ
މިއަދު ހަވީރު ގަލޮޅު ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ ތިން ވަނަ ޑިވިޝަންގެ ފައިނަލްގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް އާ ދެކޮޅަށް ނުކުންނައިރު ރޮކް ސްޓްރީޓަށް އޮތް އެޑްވާންޓޭޖަކީ އެ ޓީމްގައި ހިމެނޭ ޒުވާން ކުޅުންތެރިންގެ ފިޓްނަސް ރަނގަޅުވުންކަމަށް ރޮކް ސްޓްރީޓްގެ ކޯޗް ފަރުހާދު އިސްމާއިލް (ފަރޭ) ބުނެފިއެވެ. ފަރޭ މިހެން ބުނެފައިވަނީ އެފްއޭއެމުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މުބާރާތުގެ ފައިނަލަށް ނުކުތުމުގެ ކުރިން ރޭ “ފަހުމިނެޓް” އަށް ދިން އިންޓަވިއުއެއްގައެވެ.
“އަހަރެން ގަބޫލު ކުރާގޮތުގައި އަހަރެމެންގެ މި ތިބީ ޒުވާން ކުޅުންތެރިން. ފިޒިކަލީ ވަރަށް ފިޓް ކުޅުންތެރިން. މި މީހުން ރަގަޅު މެންޓާލިޓީ އެއްގަ ގިވް އަޕް ނުކޮށް ރަގަޅަށް ޕްރެސްކޮށްގެން ރަގަޅު ފައިޓެއް ދީފިއްޔާ މެޗް ކާމިޔާބު ކުރެވޭނެއޭ އަހަރެން ބުނާނީ.” މެޗާ ގުޅޭ ގޮތުން ވާހަކަދައްކަމުން ކުރިން ގްރީން ސްޓްރީޓް ވެސް ދެވަނަ ޑިވިޝަނަށް ކޮލިފައިކޮށްދިނުމަށް އެހީތެރިވެދިން ކޯޗް ބުންޏެވެ.
ރޮކް ސްޓްރީޓް މުބާރާތުގެ ފައިނަލަށް އައީ ސެމީ ފައިނަލްގެ ފުރަތަމަ މެޗްގައި މުބާރާތުގައި ރަގަޅު ކުޅުމެއް ދައްކަމުން އައި ބުރު ސްޕޯޓްސް ޕެނަލްޓީ ޖަހައިގެން ބަލިކުރުމަށް ފަހުއެވެ. އެ މެޗްގެ ނަތީޖާއަކީ މިއަދުގެ މެޗަށް ނުކުތުމުގެ ކުރިން ރޮކްސްޓްރީޓްގެ ކުޅުންތެރިންނަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށާއި، އޭގެ ސަބަބުން ޓީމުގެ ކުޅުންތެރިންގެ މެދުގައި މޮޅުވާން މަސައއްކަތްކުރުމުގެ ރޫހް ކުރިއަށްވުރެ ވަރުގަދަވެފައިވާ ކަމަށް ފަރޭ ބުނެފައިވެއެވެ.
މިއަދުގެ ފައިނަލަށް ނުކުންނައިރު އެއްވަނަ ޑިވިޝަންގެ ގިނަ ޓީމްތަކަކަށް ކުރިން ކުޅެފައިވާ ރޮކް ސްޓްރީޓްގެ ކޯޗް ފަރޭ އަށް އޮތް ހަމައެކަނި ބޮލުގެ ރިހުމަކީ އެ ޓީމްގެ މުހިއްމު ކުޅުންތެރިއެއް ކަމަށްވާ ޢަބްދުﷲ މުއާޒް (އޮޓޯ) އަށް އަނިޔާވުމުގެ ސަބަބުން ނުކުޅެވުމާއި، އެ ޓީމްގެ ޓޮޕް ސްޓްރައިކަރ ނޫރިޝްއަށް ދެކާޑް ހަމަވުމުގެ ސަބަބުން މިއަދުގެ މެޗްގައި ނުކުޅެވުމެވެ. އެކަމަކު އޭގެ ބަދަލުގައި އަރާ ކުޅުންތެރިން އެމީހުން ނެތްތަން ފޫބައްދާނެ ކަމާމެދު ފަރޭއަށް އޮތް އިތުބާރު އަދި މާބޮޑެވެ.
ރޮކް ސްޓްރީޓަކީ މީގެ ގާތްގަނޑަކަށް ތިން އަހަރު ކުރިން އުފެއްދި ކްލަބެކެވެ. ރޮކް ސްޓްރީޓް ވަނީ މިދިޔަ އަހަރުގެ މުބާރާތުގެ ކްއާޓަރ ފައިނަލަށްވެސް ދަތުރުކޮށްފައެވެ. ސޯސަންމަގުގެ ވަކި ހިސާބަކަށް ނިސްބަތްވާ މި ކްލަބްގެ އަސްލަކީ ގާމަގު ސްޕޯޓްސް އެވެ. ގާމަގު ސްޕޯޓްސްގެ ބައެއް މެންބަރުންގެ މެދުގައި އުފެދުނު ހިޔާލު ތަފާތުވުންތަކެއްގެ ސަބަބުން އެ ގްރޫޕްގައި ހިމެނުނު ޒުވާން ގިނަ ކުދިން ބޭނުންވީ ވަކިން ކްލަބެއް ހަދާށެވެ. އެކަމަކު އެ އުފެދުނު ހިތްހަމަނުޖެހުންތަކާއެކުވެސް އެމީހުން ބޭނުން ނުވި އެއް ކަމަކީ “ގާމަގު” އެ ނަން އެއްކޮށް ހަނދާނުން ފޮހެލުމެވެ. ފަހުން އުފެއްދި ކްލަބްގެ ނަމަކަށް ރޮކް ސްޓްރީޓް ކިޔައިފައިވަނީވެސް އެ ސަބަބާ ހުރެއެވެ.
Advertisement
Leave a Reply