މޮރީނިއޯ މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗުކަމުން ވަކިކޮށްފި

އިނގިރޭސި ކްލަބް މެންޗެސްޓަރ ޔުނައިޓެޑް ކޯޗުކަމުން ހޯސޭ މޮރީނިއޯ ވަކިކޮށްފި އެވެ. މޮރީނިއޯ ވަކިކުރިކަން ކްލަބުން ވަނީ ދާދި ދެންމެއަކު ޔަގީންކޮށްދީފައެވެ.
މޮރީނިއޯ ޓީމުން ވަކިކުރީ އެޓީމުން ނެރެމުން އަންނަ ދަށް ނަތީޖާތަކުގެ ސަބަބުންނެވެ. އެޓީމުގައި މޮރީނިއޯ ވަނީ ދެ އަހަރާއި ބައިގެ މުއްދަތެއްގައި އިރުޝާދު ދީފައެވެ. ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުން ފުރުސަތު ލިބުނު ނަމަވެސް އެޓީމުގެ ފަރާތުން ފެނުނީ ދަށް ކުޅުމެކެވެ. އަނެއްކޮޅުން ލީގުގައި ނެރެމުން އަންނަ ދަށް ނަތީޖާތަކުގެ ސަބަބުން އެޓީމު މިވަގުތު އޮތީ ތާވަލުގެ ހަ ވަނައިގައެވެ. ލީގުގެ އެއް ވަނައިގައި އޮތް ލިވަޕޫލާއި އެޓީމާ ދެމެދު 19 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.
“މޮރީނިއޯ ކްލަބަށް ކޮންދިން ހިދުމަތަށް ޝުކުރު އަދާކުރަން އަދި ކުރިއަށް އޮތް ތަނުގައި ކާމިޔާބަށް އެދެން. މި ސީޒަން ނިމެންދެން މިވަގުތަށް ކްލަބުން ކެއާޓޭކާ މެނޭޖަރެއް ހަމަޖައްސާނެ. އަދި ކްލަބުން ފުލް ޓައިމް މެނޭޖަރެއް ހޯދުމުގެ މަސައްކަތް ކުރާނެ” މެންޗެސްޓަރ ޔުނައިޓެޑުން ނެރުނު ބަޔާނުގައި ވެއެވެ.
މި ސީޒަނުގައި މޮރީނިއޯގެ ކޯޗުކަމުގައި ޔުނައިޓެޑަށް ލިބުނު 26 ޕޮއިންޓަކީ 91-1990 ސީޒަނުން ފެށިގެން އެޓީމު އެންމެ ދަށް ފެށުމެވެ. 2016 ވަނަ އަހަރު މޮރީނިއޯ ޔުނައިޓެޑްގެ ކޯޗުކަމާއި ހަވާލުވީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން 2019 ވަނަ އަހަރާއި ހަމައަށެވެ. މޮރީނިއޯ ވަނީ ޔުނައިޓެޑާއެކު ފުރަތަމަ ސީޒަނުގައި ޔޫރޮޕާ ލީގާއި ލީގު ކަޕް ކާމިޔާބު ކޮށްފައެވެ. މިދިޔަ ސީޒަން ހުސްއަތާ ނިންމާލިއިރު މި ސީޒަނުގައި މިހާރު އެޓީމަށް ވަނީ ގަދަ ހަތަރެއްގެ އުއްމީދު ވެސް ހަނިވެފައެވެ.
މޮރީނިއޯ ޔުނައިޓެޑްގައި ހޭދަކުރި މުއްދަތުގައިވެސް ޔުނައިޓެޑްގެ ބައެއް ކުޅުންތެރިންނާއި މައްސަލަ ޖެހިފައިވެއެވެ. ދުނިޔޭގެ ރެކޯޑް އަގަކަށް ޔުނައިޓެޑާއި ގުޅުނު ޕައުލް ޕޮގްބާ ވައިސް ކެޕްޓަނުގެ މަގާމުން ވަކިކުރިއިރު ފަހަކަށް އައިސް ޕޮގްބާ އަށް ފުރަތަމަ އެގާރައިން ފުރުސަތު ލިބެނީ މަދު މެޗެއްގައެވެ.
ކޯޗިންގެ ދާއިރާއިން އާއްމުންގެ ސަމާލުކަމަށް މޮރީނިއޯ އައީ ޕޯޓޯއާއެކު 2004 ވަނަ އަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ހިސާބުންނެވެ. އެއަށްފަހު ޗެލްސީއަށް ބަދަލުވެ މޮރީނިއޯ ވަނީ ޖެހިޖެހިގެން ދެ ސީޒަނުގައި އެޓީމަށް ލީގު ކާމިޔާބު ކޮށްދީފައެވެ. ޗެލްސީގައި ނަތީޖާތައް ދަށްވުމުގެ ސަބަބުން ވަކިކުރުމުން މޮރީނިއޯ ދެން ފެނުނީ އިޓަލީގެ އިންޓަ މިލާނުންނެވެ. އެޓީމުގައި މޮރީނިއޯ ވަނީ 2010 ވަނަ އަހަރު ޗެމްޕިއަންސް ލީގައި އިޓާލިއަން ކަޕާއި ލީގު ވެސް ކާމިޔާބު ކޮށްފައެވެ. އިންޓައިގައި ހޭދަކުރި މުއްދަތަށްފަހު މޮރީނިއޯ ދެން ފެނުނީ ރެއާލް މެޑްރިޑުންނެވެ. ރެއާލް މެޑްރިޑުގައި ލީގު ކާމިޔާބު ކުރުމަށްފަހު 2013 ވަނަ ޗެލްސީއާ ދެ ވަނަ ފަހަރަށް މޮރީނިއޯ ގުޅުނެވެ. އެޓީމަށް ލީގު ކާމިޔާބު ކޮށްދިނުމަށްފަހު މޮރީނިއޯ މަގާމުން ވަކިކުރީ 2015 ވަނަ އަހަރު އެވެ. އެއަށްފަހު މޮރީނިއޯ ފެނުނީ ޔުނައިޓެޑްގެ ކޯޗުކަމުންނެވެ.
Advertisement


Leave a Reply