އެންމެ އަގުބޮޑު މުބާރާތް އަލުން ކާމިޔާބުކުރަން ހޮޅުދޫ އެކަތިގަނޑަކަށް
އަތޮޅު ތެރޭގައި ބާއްވަމުން އަންނަ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތުގެ ގޮތުގައި ފާހަގަކުރެވިފައިވާ ސިޔާމް މައުރޫފް ސޮކަރ ކަޕްގެ އެންމެ ކާމިޔާބު އެއް ޓީމަކަށް ޔަގީނުންވެސް ހޮޅުދޫ ވާނެއެވެ. މުޅި އަތޮޅަށް ހުޅުވައިލައިގެން އެ މުބާރާތް 2015 ވަނަ އަހަރު ބާއްވަން ފެށިފަހުން މިހާތަނަށް ބޭއްވުނު ތިން މުބާރާތުގެ ތެރެއިން ދެ މުބާރާތުގެ ތަށި އެމީހުން ވަނީ އުފުލައިލައިފައެވެ. އެކަމަކު ފުރަތަމަ ދެ މުބާރާތް ހޮޅުދޫއިން ކާމިޔާބުކުރި ނަމަވެސް ޖެހިގެންއައި މުބާރާތުގެ ސެމީފައިނަލްގައި މުބާރާތުގެ ތަށި ހޯދި މިލަދޫއާ ވާދަކޮށް ބަލިވީ ހިތްދަތި ގޮތަކަށެވެ. މިއަހަރުގެ މުބާރާތާއި ހޮޅުދޫއިން ކުރިމަތިލީ އެ ތަޖްރިބާ އަލުން ތަކުރާރު ނުކުރުމުގެ ވަރުގަދަ އަޒުމްގައެވެ.
އާބާދީގައި ގާތްގަނޑަކަށް 2200 މީހުން ދިރިއުޅޭ ހޮޅުދޫ އަކީ ފުޓްބޯޅަ ފޯރި ގަދަ ރަށެކެވެ. ވަކި އުމުރެއް ކިޔާނެ ކަމެއް ނެތެވެ. 1980 ގެ ފަހުކޮޅާއި ނުވަދިހައިގެ ކުރީ ކޮޅު ނ. އަތޮޅު ނިސްބަތްވާ ޒޯނުގެ ރަސްކަން ފުޓްބޯޅައިގައި ކުރަމުން އައި ހޮޅުދޫއިންނެވެ. ސިޔާމް މައުރޫފް ސޮކަރ ކަޕް އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލިފަހުން ބޭއްވި ހުރިހާ މުބާރާތެއްގެ ސެމީ ފައިނަލުން ޖާގަ ހޯދި ހަމައެކަނި ޓީމަކީވެސް ހޮޅުދޫ އެވެ. މީގެ އިތުރުން ހޮޅުދޫ އަކީ ބޮޑެތި ފުޓްބޯޅަ މުބާރާތްތައް ގަވައިދުން އިންތިޒާމްކޮށް ބާއްވަމުން އަންނަ ރަށެކެވެ. ރަށުގައި ހިންގަމުން އަންނަ ސްޕޯޓްސް އެކަޑަމީގައި އެންމެ ވަރުގަދައަށް ޓްރެއިނިންގް ދެވޭ އެއް ކުޅިވަރަކީވެސް ފުޓްބޯޅައެވެ.
މިއަހަރުގެ ސިޔާމް މައުރޫފް ކަޕް ފުޓްބޯޅަ މުބާރާތް ނ. އަތޮޅުގެ އުތުރު ބިތުގައި އޮތް ކެނދިކުޅުދޫގައި މިހާރު ކުރިއަށްދާއިރު ހޮޅުދޫއިން މުބާރާތުގައި މިހާތަނަށް ވަނީ ރަގަޅު ނަތީޖާ ތަކެއް ހޯދައިފައެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖްގެ އެންމެ ފަހު މެޗްގައި އަވަށްޓެރި ވެލިދޫއާ ދެކޮޅަށް ނުކުންނައިރު އެޓީމުން މިހާރުވެސް އޮތީ ސެމީ ފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފައެވެ. ހޮޅުދޫއިން މުބާރާތް ފެށީވެސް ބޮޑު މޮޅަކުންނެވެ. މުބާރާތުގެ ފުރަތަމަ މެޗްގައި ރާއްޖެއަށް ގޯލްޑް ހޯދައިދިން ހަމައެކަނި ދެ ކެޕްޓަނުން ނިސްބަތްވާ މާފަރާ ބައްދަލުކޮށް ހޮޅުދޫއިން މެޗް ކާމިޔާބުކުރީ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ދެވަނަ މެޗްގައި ރައްޔިތުންގެ މަޖްލީހްގެ މީދޫ ދާއިރާގެ މެންބަރު އަދި މުބާރާތް އެފަރާތަކަށް ނިސްބަތްވާ އަހްމަދު ސިޔާމް މުހައްމަދުގެ އުފަން ރަށް ކުޑަފަރީއާ ވާދަކޮށް ހޮޅުދޫއިން ކުރި ހޯދީ 0-1 އިންނެވެ. އެންމެ ފަހުން ކުޅުނު މެޗްގައި އަތޮޅުގެ ނިސްބަތުން ފުޓްބޯޅައިގައި ރަނގަޅު ކާމިޔާބީ ތަކެއް ހޯދައިފައިވާ ލަންދޫއާ ވާދަކޮށް މޮޅުވީވެސް ހަމަ އެ ނަތީޖާއިންނެވެ.
މިސަބަބުތަކާ ހުރެ މިއަހަރުގެ މުބާރާތާ ދޭތެރޭ ޓީމުން ކުރަމުން އަންނަ އުއްމީދު ކުޑަ ތަންކޮޅެއް އުހަށް މިވަނީ އަރައިފައެވެ.
“އުއްމީދު ވަރަށް ބޮޑު. އެއީ މި ރިޒަލްޓްތައް އަންނަ ގޮތުން ވަރަށް ހޯޕް އެބައޮތް އަސްލުގަ. އަނެއް ކޮޅުން ވަރަށް ތައްޔާރުވެފަ ޓީމް މިއޮތީ މިދިޔަ އަހަރުގެ މުބާރާތުގަ ކުރަންޖެހުނު އެ ހިތި ތަޖްރިބާ މިފަހަރު ތަކުރާރުކުރާކަށް އެއްވެސް ކުޅުންތެރިއަކު ބޭނުމެއް ނުވޭ” ހޮޅުދޫ ޓީމުގެ ފަރާތުން “ފަހުމިނެޓް” އާ ވާހަކަދެއްކި އެ ޓީމްގެ އެސިސްޓެންޓް ކޯޗް މުޙައްމަދު ތޮލާލު ބުންޏެވެ.
ހޮޅުދޫ ޓީމުން ގަބޫލުކުރާ ގޮތުގައި ކޮންމެ މެޗެއްވެސް އެމީހުން ނަގަނީ އަނެއްކޮޅުން ކުޅޭ ޓީމަށް ދޭންޖެހޭ އިހްތިރާމް ދިނުމާއެކު ސީރިއަސްކޮށެވެ. އެކަމަކު މިފަހަރުގެ މުބާރާތުގެ ތަށި ހޯދުމަށް އެމީހުން ކުރަމުން އަންނަ މަސައްކަތުގައި އެންމެ ބޮޑު ޗެލެންޖެއް ކުރިމަތިވާނެ ކަމަށް ބެލެވެނީ ކެނދިކުޅުދޫގެ ފަރާތުންކަމަށް ހުޅުދޫ ޓީމަށް ގަބޫލުކުރެވެއެވެ. މުބާރާތް ކުރިއަށް ދަނީ ކެނދިކުޅުދޫގައި ކަމަށް ވެފައި ހޯމް އެޑްވާންޓޭޖް އެމީހުންނަށް އޮތުމާއި، މިހާތަނަށް ކެނދިކުޅުދޫއިން ދައްކައިފައިވާ ކުޅުމަށް ބަލާއިރު އެއްވެސް ޓީމަކަށް ކެނދިކުޅުދޫއަކީ ބަލިކުރަން ފަސޭހަ ނުވާނެކަމަށް ހޮޅުދޫ ޓީމުން ތިބީ ގަބޫލުކޮށްގެންނެވެ.
ކޮންމެ ގޮތަކަށް ކަން އޮތަސް ހޮޅުދޫ ޓީމުން މިމުބާރާތާ ދޭތެރޭ ބޮޑު އުއްމީދެއް ކުރާ އަދި ވަރަށް މުހިއްމު ސަބަބެއް އެބަ އޮތެވެ. އެއީ ހޮޅުދޫ ގެ ސަޕޯޓަރުންނާމެދު ޓީމަށް އޮތް ޔަގީންކަމެވެ. އެމީހުން ގަބޫލްކުރާ ގޮތުގައި ޓީމް މިހާތަނަށް ހޯދި ކާމިޔާބީގައި ބޭނުން ހިފުނު އެންމެ ވަރުގަދަ ހަތިޔާރަކީ ސަޕޯޓަރުން ދެއްކި ހިތްވަރެވެ. މިހާތަނަށް މި މުބާރާތުގައި ހޮޅުދޫއިން ކުޅުނު ކޮންމެ މެޗެއްގައި އެ ހިތްވަރު ސަޕޯޓަރުން ވަނީ ދައްކައިފައެވެ. މެޗް ބެލުމަށް ހޮޅުދޫއާއި ކެނދިކުޅުދޫ އާ ދެމެދު ބޯޓުގައި ކޮޅަކަށް ގާތްގަނޑަކަށް ދެގަޑިއެއްހާއިރުގެ ދަތުރެއް ކުރަންޖެހުން އެމީހުންނަށް މައްސަލައަކަށް ނުވެއެވެ. ޓީމަށް ސަޕޯޓަރުންގެ ހިތުގައި އޮތް ލޯބި މާބޮޑަށް ވެސް ގަދައީއެވެ.
“މެޗް އޮންނަ ކޮންމެ ދުވަހަކު އެބަދޭ ތިންސަތޭކައާ ފަސް ސަތޭކައާ ދެމެދުގެ އަދަދަކަށް މީހުން ރައްޔިތުންގެ ތެރެއިން ސަޕޯޓްކުރަން. އަސްލު ރަށުން ބޭރުގަ ކުޅޭއިރު ސަޕޯޓަރުންގެ އެ އަޑު އިވުމަކީވެސް އެއީ ޓީމަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް. ޓީމުގެ ތެރޭގަ ސަޕޯޓަރުންގެ ކޮމިޓީއެއްވެސް އޮވޭ. އެ މީހުން ކޮންމެ ދުވަހަކުވެސް މަސައްކަތްކުރާނެ ގިނަ ބަޔަކު ސަޕޯޓްކުރަން ގެންދަން. އަދި އެމީހުންނަށް ބޭނުންވާ ފެސިލިޓީޒްތައް ހޯދައިދޭން.” ސަޕޯޓަރުންގެ ހިއްސާއާ މެދު މާބޮޑަށްވެސް ހިތްހަމަޖެހިފައިހުރި ތޮލާލް ބުންޏެވެ.
ވަކި ވަކި ކުޅުންތެރިންގެ ހުނަރުން ނަތީޖާ ނެރުމަށްވުރެ ބޮޑަށް ޓީމެއްގެ ގޮތުގައި ކުޅެގެން ކާމިޔާބު ހޯދަން ބޮޑު އިސްކަމެއް ދެމުން އަންނަ ހޮޅުދޫ ޓީމަށް ސަޕޯޓަރުންގެ ފަރާތުން ލިބެމުން އަންނަ ހޫނު ތަރުހީބާއެކު ޓީމުގެ ޖޯޝް މިވަނީ އެތައް ގުނައެއް އިތުރުވެފައެވެ. އެއާއެކު ސަޕޯޓަރުންނަށްޓަކައިވެސް މުބާރާތުގެ ތަށި އަލުން ހޮޅުދޫގެ ފަސްގަނޑަށް ގެނައުން ނޫން ވިސްނުމެއް ޓީމުގެ ކުޅުންތެރިންގެ ސިކުނޑީގައި މިވަގުތު އޮތްހެނެއް ހިއެއްވެސް ނުވެއެވެ. އަހަރެމެންގެ ފަރާތުންވެސް ހޮޅުދޫ ޓީމަށް ކާމިޔާބަށް އެދެމެވެ.
Advertisement
Leave a Reply
Very informative