ޔުރޮޕާ ލީގުގައި ޗެލްސީ އާއި އާސެނަލަށް ފަސޭހަ މެޗުތަކެއް

ޔޫރޮޕާ ލީގުގެ ގަދަ 32 ޓީމުގެ ބުރުގައި އިންގްލެންޑްގެ ޗެލްސީ އާއި އާސެނަލަށް ފަސޭހަ މެޗުތަކެއް ލައްވާލައިފި އެވެ. 2013 ވަނަ އަހަރު ޔޫރޮޕާ ލީގު ކާމިޔާބު ކުރި ޗެލްސީން ސްވިޑެންގެ މަލްމޯ އާއި ވާދަކުރަންޖެހޭ އިރު އާސެނަލް ނުކުންނާނީ ބެލަރުސްގެ ބޭޓް ބޮރިސޮވް އާ ދެކޮޅަށެވެ.
ޔޫރޮޕާ ލީގުގެ 32 ޓީމުގެ ތެރޭގައި ހިމެނުނީ ގްރޫޕް ސްޓޭޖުން އެއް ވަނަ އަދި ދެ ވަނަ ހޯދި 24 ޓީމުގެ އިތުރުން ޗެމްޕިއަންސް ލީގުގެ އަށް ގްރޫޕުން ތިން ވަނަ ހޯދި ޓީމުތަކެވެ. އާސެނަލް ވަނީ މިދިޔަ ސީޒަނުގައިވެސް ޔޫރޮޕާ ލީގުގައި ބޭޓްއާ ވާދަކޮށް ފައެވެ. އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި އާސެނަލް ވަނީ އެޓީމު ކޮޅަށް ހަ ގޯލު ޖަހައިފައެވެ.
ފަސް ފަހަރު މި މުބާރާތް ކާމިޔާބު ކޮށްފައިވާ ސްޕެއިންގެ ސެވިއްޔާ ނުކުންނާނީ އިޓަލީ ލާޒިއޯއާ ދެކޮޅަށެވެ. މިވަގުތު ސްޕެއިން ލީގުގެ ދެ ވަނައިގައި ސެވިއްޔާ އޮތްއިރު ލާޒިއޯ އޮތީ އިޓަލީ ލީގުގެ ފަސް ވަނައިގައެވެ. 2004 ވަނަ އަހަރު ޔޫއެފާ ކަޕް ކާމިޔާބުކުރި ވެލެންސިއާ ވާދަކުރަން ޖެހުނީ ސެލްޓިކާއެވެ. ވެލެންސިއާ ޔޫރޮޕާ ލީގުގައި ވާދަކުރަން ޖެހުނީ ޗެމްޕިއަންސް ލީގުގައި ޔުވެންޓަސް އާއި މެންޗެސްޓަރ ޔުނައިޓެޑް ހިމެނުނު ގްރޫޕުން ތިން ވަނަ ލިބިގެންނެވެ.
ވެލެންސިއާއާ ކުޅެން ޖެހުމުން ސެލްޓިކްގެ ކޯޗު ބްރެޑަން ރޮޖާސް ބުނީ އެޓީމަށް އެޑްވާންޓޭޖް ނެގޭނީ އަމިއްލަ ދަނޑުގައި ކުޅޭ މެޗުގައި ކަމަށެވެ.
“އަހަރެން ދެކުނިން އެމީހުން މެންޗެސްޓަރ ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗު. އެމީހުން އޯލްޑް ޓްރެފޯޑްގައި ކުޅުނު އިރު ސްޕެނިޝް ޓީމެއް ކުޅޭ ސްޓައިލް ފެނުނު. ޓެކްނިކަލީ އެމީހުން ވަރަށް މޮޅު އަނެއްކާ އެމީހުންގެ އެބަތިބި ވަރަށް މޮޅެތި ކުޅުންތެރިން. އަހަރެމެން ފުރަތަމަ މެޗު އަމިއްލަ ދަނޑުގައި އޮތީމަ އެކަމުގެ ފައިދާ ނަގަންޖެހޭނެ” ކުރިން ލިވަޕޫލަށް ކޯޗުކޮށްދިން ރޮޖާސް ބުންޏެވެ.

ޔޫރޮޕާ ލީގުގެ ގަދަ 32 ޓީމުގެ މެޗުތައް
ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ އާއި ލިވަޕޫލް ހިމެނުނު ގްރޫޕުން ހިތްދަތި ގޮތަކަށް ކެޓި އިޓަލީގެ ނަޕޯލީ ނުކުންނާނީ ސްވިޒަލެންޑް ގެ ޒިއުރިޗް އާއި ދެކޮޅަށެވެ. ތިން ފަހަރު މި މުބާރާތުގެ ދެ ވަނަ މަގާމް ލިބުނު ޕޯޗުގަލްގެ ބެންފީކާ ވާދަކުރަން ޖެހެނީ ތުރުކީގެ ގަލަތަސަރާއި އާއެވެ. ޓޮޓެންހަމް ހޮޓްސްޕާސް އާއި ބާސެލޯނާގެ މައްޗަށް ކުރި ނުހޯދި ޗެމްޕިއަންސް ލީގުން ކެޓި އިންޓަ މިލާން ނުކުންނާނީ އޮސްޓްރިއާގެ ރެޕިޑް ވިއޭނާއާ ދެކޮށެވެ.
ޔޫރޮޕާ ލީގުގެ ގަދަ 32 ޓީމުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ މަހުގެ 12-14 އަދި 20-21 ވަނަ ދުވަހު އެވެ. މުބާރާތުގެ މިދިޔަ އަހަރުގެ ޗެމްޕިއަންކަން ހޯދީ ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑެވެ.
Advertisement


Leave a Reply