އެންމެން ބޭނުންވަނީ ޔުނައިޓެޑް؟ ގުރުނެގުން މިއަދު ހަތަރެއް ޖަހާއިރު

Advertisement

އެންމެން ބޭނުންވަނީ ޔުނައިޓެޑް؟ ގުރުނެގުން މިއަދު ހަތަރެއް ޖަހާއިރު

ޢަލީ ޝަހީމް
ޗެމްޕިއަންސް ލީގުގެ ގަދަ 16 އަށް ދަތުުރު ކޮށްފައިވާ ޓީމުތައް

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގުރުނެގުން މިއަދު ހަވީރު ރާއްޖެ ގަޑިން ހަތަރެއް ޖަހާއިރު އޮންނާނެ އެވެ. ގުރުނެގުމުގެ ރަސްމިއްޔާތު އޮންނާނީ ސްވިޒަލެންޑުގެ ނިޔޯންގައެވެ. ޗެމްޕިއަންސް ލީގުގެ ގުރުނެގުމަށްފަހު ޔޫރޮޕާ ލީގުގެ ގުރުނެގުން އޮންނާނީ މިއަދު ހަވީރު ފަހެއް ޖަހާއިރު އެވެ.

ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި 16 ޓީމަކުން ވާދަކުރާނެ އެވެ. ގްރޫޕް ސްޓޭޖުގެ ކުޅުން މިދިޔަ ހަފްތާ ނިމުނުއިރު އެއް ވަނަ ހޯދައިފައިވާ ޓީމުތައް ދެ ވަނަ ބުރުގައި ފުރަތަމަ މެޗު ކުޅޭނީ ރަށުން ބޭރުގައެވެ. ގަދަ 16 ގެ ފުރަތަމަ ލެގްގެ މެޗުތައް ކުޅޭނީ އަންނަ ފެބްރުއަރީ މަހުގެ 12،13، 19 އަދި 20 ވަނަ ދުވަހު އެވެ. ދެ ވަނަ ލެގްގެ މެޗުތައް ކުޅޭނީ މާޗް މަހުގެ 6،5، 12 އަދި 13 ވަނަ ދުވަހު އެވެ. މިފަހަރުގެ މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑްގެ މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމް ގައެވެ. މިދިޔަ އަހަރުގެ ޗެމްޕިއަންކަން ސްޕެއިންގެ ރެއާލް މެޑްރިޑް ހޯދީ ފައިނަލުގައި އިނގިރޭސިވިލާތުގެ ލިވަޕޫލް 3-1 އިން ބަލިކޮށްގެންނެވެ.

ގްރޫޕް ސްޓޭޖުން އެއް ވަނަ ހޯދީ ބާސެލޯނާ، ބަޔާން މިއުނިކް، ބޮރޫޝިއާ ޑޯޓްމަންޑް، ޕީއެސްޖީ، ޔުވެންޓަސް، މެންޗެސްޓަރ ސިޓީ، ޕޯޓޯ އަދި ރެއާލް މެޑްރިޑް އެވެ. ދެ ވަނަ ޓީމުތަކުގެ ގޮތުގައި ގަދަ 16 އަށް ކޮލިފައިވީ މެންޗެސްޓަރ ޔުނައިޓެޑް، ޓޮޓެންހަމް ހޮޓްސްޕާސް، ލިވަޕޫލް، އަޔެކްސް، އެތްލެޓިކޯ މެޑްރިޑް، ލިޔޯން، ރޯމާ އަދި ޝާލްކޭ އެވެ.

އެންމެންވެސް ބޭނުންވަނީ މެންޗެސްޓަރ ޔުނައިޓެޑް؟

ޔޫރަޕްގެ ޗެމްޕިއަންކަން ތިން ފަހަރު ހޯދައިފައިވާ މެންޗެސްޓަރ ޔުނައިޓެޑަކީ ސަރ އެލެކްސް ފާގަސަންގެ ދުވަސްވަރު ޓީމުތަކުން ޖެހިލުންވާ ޓީމެކެވެ. އެކަމަކު އިނގިރޭސި ލީގުގައި އަދި ޗެމްޕިއަންސް ލީގުގައިވެސް އެޓީމު މިހާރު ފެންނަނީ އާދައިގެ ޓީމެއް ގޮތަށެވެ. މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި ސްޕެއިންގެ ސެވިއްޔާ އަތުން ބަލިވެގެން ކެޓިއިރު މިފަހަރުވެސް ދެ ވަނަ ބުރުގެ ޖާގައެއް އެޓީމަށް ލިބުނީ އުނދަގުލުންނެވެ. ގްރޫޕް ސްޓޭޖުގައި ޔުވެންޓަސް އަދި ވެލެންސިއާ އަތުން އެޓީމު ވަނީ ބަލިވެފައެވެ. ލީގުގައި ނެރެމުން އަންނަ ދަށް ނަތީޖާތަކުގެ ސަބަބުން އެއް ވަނައިގައި އޮތް ލިވަޕޫލާ އެޓީމާ ދެމެދު 19 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.

ދެ ވަނަ ޓީމުގެ ގޮތުގައި މެންޗެސްޓަރ ޔުނައިޓެޑް ސީޑް ކުރެވިފައި އޮތުމުން ޔޫރަޕްގެ ގަދަ ބާރަކާއި ކުރިމަތިލުމުގެ ފުރުސަތު ވަރަށް ބޮޑެވެ. ޔުނައިޓެޑް ކުޅެން ޖެހިދާނެ ޓީމުތަކުގެ ތެރޭގައި ހިމެނެނީ ބާސެލޯނާ، ބަޔާން މިއުނިކް، ޑޯޓްމަންޓް، ޕީއެސްޖީ، ޕޯޓޯ އަދި ރެއާލް މެޑްރިޑް އެވެ. މި ޓީމުތަކަށް ބަލާއިރު މިއީ މި ސީޒަނުގައި ހުރިހާ ގޮތަކުންވެސް ޔުނައިޓެޑަށް ވުރެ މޮޅު ޓީމުތަކެވެ.

މެންޗެސްޓަރ ސިޓީ ގްރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގައި ކޮލިފައިވުމުން އެޓީމު ދެ ވަނަ ބުރުގައި ކުޅެން ޖެހޭނީ އަޔެކްސް، އެތްލެޓިކޯ މެޑްރިޑް، ޝާލްކޭ ނުވަތަ ރޯމާ އާއެވެ. ޕީއެސްޖީ ހިމެނުނު ގްރޫޕުން ދެ ވަނަ ޓީމުގެ ގޮތުގައި ކޮލިފައިވި ލިވަޕޫލް ކުޅެން ޖެހޭނީ ބާސެލޯނާ، ބަޔާން މިއުނިކް، ޑޯޓްމަންޓް، ޔުވެންޓަސް، ޕޯޓޯ ނޫނީ ރެއާލް މެޑްރިޑާ އެވެ. ބާސެލޯނާ ގްރޫޕުން ދެ ވަނަ ހޯދި ޓޮޓެންހަމަށްވެސް އޮތީ އުނދަގޫ ދަތުރެކެވެ. އެޓީމު ވާދަކުރަން ޖެހޭނީ، ބަޔާން މިއުނިކް، ޑޯޓްމަންޑް، ޔުވެންޓަސް، ޕީއެސްޖީ، ޕޯޓޯ ނޫނީ ރެއާލް މެޑްރިޑާ އެވެ.

މިފަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރަން އެންމެ ބޮޑަށް ބޭނުންވާނެ ދެޓީމަކީ މިހާތަނަށް މި ތަށި ލިބިފައިނުވާ ފްރާންސްގެ ޕީއެސްޖީ އަދި އިނގިރޭސިވިލާތުގެ ސިޓީ އެވެ. މި ދެޓީމަކީވެސް ކުޅުންތެރިންނަށް ބޮޑު ހަރަދުކޮށް ޔޫރަޕްގެ ޗެމްޕިއަންކަން ހޯދުމަށް އަމާޒު ކަނޑައަޅައިފައިވާ ދެޓީމެވެ.

 

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *