ރައީސް މައުމޫންގެ ދައުވަތުން އެންފީލްޑްގެ އުފާވެރިކަން ސޯލްޓަށް
ޕްރިމިއާ ލީގުގައި ރޭ ވާދަވެރި މެންޗެސްޓާ ޔުނައިޑާއި ލިވަޕޫލް ބައްދަލުކުރި މެޗް ކުރީގެ ރައީސް މަޢުމޫން ޢަބްދުލްޤައްޔޫމް ލިވަޕޫލްގެ ބައެއް ސަޕޯޓަރުންނާއެކު ބައްލަވައިފިއެވެ. ރައީސް މައުމޫން ލިވަޕޫލްގެ ސަޕޯޓަރުންނަށް ދެއްވި ހާއްސަ ދައުވަތަކާ ގުޅިގެން އޮފިޝަލް ލިވަޕޫލް ސަޕޯޓާސް ކްލަބްގެ ނަމުގައި ރާއްޖޭގައި އުފައްދައިފައިވާ ލިވަޕޫލް ފޭން ކްލަބުން އިންތިޒާމްކުރި މި އިވެންޓް އޮތީ މާލޭގެ މަޝްހޫރު ސޯލްޓް ކެފޭ އެންޑް ރެސްޓޯރެންޓް ގައެވެ.
ލިވަޕޫލްގެ ދަނޑުގައި ޔުނައިޓެޑްގެ މައްޗަށް 1-3 އިން ކުރި ހޯދި މި މެޗް ބެލުމަށް ހަތްދިހައަށްވުރެ ގިނަ ސަޕޯޓަރުން ރައީސް މައުމޫނާ އެކު ބައިވެރިވިއިރު އޭގެ ތެރޭގައި ދިއްގަރު ދާއިރާގެ މަޖްލިސް މެންބަރު އަދި ރައީސް މައުމޫންގެ ދޮށީ ފިރިހެން ދަރިކަލުން ފާރިސް މައުމޫނާއި، އެމްޑަބްލިއުއެސްސީގެ މެނޭޖިންގެ ޑިރެކްޓަރ އާދަމް އާޒިމާއި އަދި އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިންގް ޑިރެކްޓަރ އަހްމަދު އައްފާލް ހިމެނިވަޑައިގަންނަވައެވެ. އައްފާލަކީ ލިވަޕޫލް ފޭން ކްލަބްގައި މިހާރު އެކުލަވައިލައިފައި އޮތް އެކްސްކޯގައިވެސް ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.
ބޭރުގެ ކްލަބެއްގެ ދިވެހި ފޭން ބޭސް އަކުން އިންތިޒާމްކޮށްގެން މިފަދަ ގޮތަކަށް ރާއްޖޭގައި ބޭއްވި ފުރަތަމަ ހަރަކާތުގައި މެޗް ބެލުމުގެ އިތުރުން ހާއްސަ އެހެން ކަންތައްތަކެއްވެސް ކުރިއަށްދިޔައެވެ. އެގޮތުން މެޗް ފެށުމުގެ ކުރިން ލިވަޕޫލްގެ ޖޯޒީއެއް ރައީސް މައުމޫނަށް ލިވަޕޫލް ފޭން ކްލަބްގެ ފަރާތުން އެކުލަބްގެ އިންތިގާލީ ރައީސް ބައްސާމް ރަޝީދު ހަދިޔާކުރެއްވިއެވެ. އަދި ފޭން ކްލަބްގެ ފުރަތަމަ މެންބަރުގެ ގޮތުގައި ރައީސް މައުމޫނަށް މެންބަރޝިޕް ކާޑްވެސް ހަވާލުކޮށްފައިވެއެވެ. މެންބަރޝިޕް ކާޑް ރައީސް މައުމޫނާ ހަވާލުކޮށްދެއްވީ ކްލަބްގެ އިންތިގާލީ ނައިބް ރައީސް އިބްރާހިމް މުނައްވަރެވެ.
މި އިވެންޓަށްފަހު “ފަހުމިނެޓް” އަށް މައުލޫމާތު ދެއްވަމުން ލިވަޕޫލް ފޭން ކްލަބްގެ އިންތިގާލީ ނައިބް ރައީސް އިބްރާހިމް މުނައްވަރު ވިދާޅުވީ މިއީ ފެށުމެއް ކަމަށާއި މިފަދަ އިތުރު އެހެން ހަރަކާތްތައް ކުރިއަށް އޮތްތާނގައި ކްލަބްގެ ފަރާތުން ކުރިއަށްގެންދާނެ ކަމަށެވެ. ކުރިއަށް ގެންދާނެ ކަންކަމާއި ގުޅޭގޮތުން މެޗް ނިމުމަށްފަހު ރޭ މަޝްވަރާކުރެވިފައިވާ ކަމަށެވެ. އޭގެ އިތުރު ތަފްސީލެއް އޭނާ ނުދެއްވައެވެ. މީގެ އިތުރުން ރޭގެ އިވެންޓާ މެދު ރައީސް މައުމޫން ވަރަށް ބޮޑަށް ހިތްޕުޅު ހަމަޖެހިވަޑައިގެން ހުންނެވި ކަމަށާއި މިފަދަ އިވެންޓްތައް ކުރިއަށް އޮތްތާނގައިވެސް އިންތިޒާމްކުރުމަކީ އެ މަނިކުފާނު އުއްމީދުކުރައްވާކަމެއް ކަމަށް ރައީސް މައުމޫން ވިދާޅުވެފައިވާ ކަމަށް މުނައްވަރު މައުލޫމާތުދެއްވިއެވެ.
މެޗްގެ އިންޓަވަލް ގަޑީގައި ރައީސް މައުމޫންގެ ފަރާތުޕުޅުން ދެއްވި ކުޑަ ބިލެތްމީރުކޮށްލެވުމެއްވެސް ކުރިއަށްދިޔަ ރޭގެ އިވެންޓް އިންތިޒާމްކުރި އޮފިޝަލް ލިވަޕޫލް ސަޕޯޓާސް ކްލަބަކީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ރަސްމީކޮށް ރަޖިސްޓްރީކޮށްގެން ހިންގަމުން އަންނަ ކްލަބެކެވެ.
Advertisement
Leave a Reply
މިއީ އާދައިގެ ކަމެއް ނޫން. ލިވަޕޫލް ސަޕޯޓަރުންނަށް އަދި ތައްޓެއް ލިބޭނަމަ، ދުނިޔޭގަ އުޅެންވެސް އުނގަދޫ ވީސް