މެސީގެ ހެޓްރިކުން މޮޅުވެ ބާސެލޯނާ ހިންދެމިލައިފި
ސްޕެނިޝް ލީގުގައި ރޭ ޖިރޯނާގެ މައްޗަށް ސެވިއްޔާ 2-0 ކުރި ހޯދައި ބާސެލޯނާއާ ޕޮއިންޓްގެ ގޮތުން އެއްވަރުކޮށްފައިވަނިކޮށް ރަށުން ބޭރުގައި ލެވަންޓޭ އާ ދެކޮޅަށް ކުޅުނު މެޗް ބާސާއިން ކާމިޔާބުކޮށްފިއެވެ. ލީގުގެ 10 ވަނައިގައި އޮޓް ޓީމާ ދެކޮޅަށް ރޭ ބާސެލޯނާ ކުޅުނު މެޗް އެ ކާމިޔާބުކުރީ 0-5 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
މި މޮޅާއެކު ބާސާ 34 ޕޮއިންޓް ކަށަވަރުކޮށް ލީގުގައި ތިން ޕޮއިންޓްގެ ލީޑެއްވަނީ ނަގައިފައެވެ. ދެ ވަނައިގައި 31 ޕޮއިންޓާއެކު ސެވިއްޔާ އޮތްއިރު ހަމަ އެ އަދަދަށް ޕޮއިންޓް ލިބިގެން ތިންވަނައިގައި އޮތީ އެތްލެޓިކޯ މެޑްރިޑެވެ. 29 ޕޮއިންޓާއެކު ހަތަރު ވަނަ ލިބެނީ ރެއާލް މެޑްރިޑަށެވެ.
ރޭގެ މެޗްގައި ބާސާއިން ޖެހި ހުރިހާ ގޯލެއްގައިވެސް މެސީ ހިއްސާވިއެވެ. މެޗްގައި މެސީ ހެދި ހެޓްރިކްގެ އިތުރުން އަނެއް ދެ ގޯލްޖަންވެސް އެހީތެރިވެދިނީ އޭނާއެވެ. މި މެޗްގައި ލެވަންޓޭގެ ޑިފެންޑަރު އެރިކް ކަބާކޯ އަށް ވަނީ ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވައިލައިފައެވެ. މެޗް ނިމެން 14 މިނެޓަށް ވެފައިވަނިކޮށް ލެވަންޓޭގެ ޑިފެންޑަރަށް ރަތް ކާޑް ދެއްކީ ބާސެލޯނާގެ އޮސްމާނޭ ޑެމްބެލޭ އަށް އަތުން ހަމަލާދިނުމާ ގުޅިގެންނެވެ.
ރޭ ލެވަންޓޭގެ މައްޗަށް ބާސާއިން މި ހޯދި މޮޅަކީ ބައެއް ނޫސްތަކުން ސިފަކުރާ ގޮތުގައި ލެވަންޓޭގެ ކިބސައިން ބާސާ ހިފި ރަނގަޅު ބަދަލެކެވެ. މިދިޔަ ސީޒަންގައި މެޗަކުން ބަލިނުވެ ލީގު ނިންމާލަން ބާސާއިން ކުރި މަސައްކަތް ފެނަށް ދިޔައީ ލީގުގައި ރަށުން ބޭރުގައި ލެވަންޓޭއާ ދެކޮޅަށް ކުޅުނު މެޗުން 5-4 އިން ބަލިވުމުންނެވެ. އެމެޗުގައި މެސީ ކުޅެފައި ނުވާއިރު ލީގުގައި އެޓީމު ބަލިވީވެސް ހަމައެކަނި އެމެޗުންނެވެ.
ރޭގެ މެޗްގެ ފުރަތަމަ ލަނޑު މެޗްގެ 34 ވަނަ މިނެޓްގައި ބާސާއަށް ކާމިޔާބުކޮށްދިނީ ލުއިސް ސުއަރޭޒް އެވެ. މެސީ ތޫނުފިލިކަމާއެކު ނަގައިދިން ހުރަހަކުން އުރުގުއޭގެ ފޯވާޑް މި ލަނޑު ކާމިޔާބުކުރީ ގޯލާ 12 ޔާޑް ދުރުން އެއް ފަހަރުން ޖަހައެވެ. އޭގެ ނުވަ މިނެޓް ފަހުން ސާޖިއޯ ބުސްކެޓްސް ދިން ޕާހަކުން ކެޕްޓަން މެސީ ލެވަންޓޭގެ ގޯލްގެ ކަނަށް ބޯޅަ ވައްދާލީ ކައިރީގައި ހުރި ޑިފެންޑަރު ހާސްކޮށްލުމަށްފަހުއެވެ. މެޗްގެ ފަހު ހާފް ފެށިގެން 37 ވަނަ މިނެޓްގައި ބާސާއަށް ތިންވަނަ ގޯލް މެސީ ކާމިޔާބުކޮށްދިނީ ޕެނަލްޓީ އޭރިއާގެ ރޮގުމަތީ ހުރެ ފޮނުވާލި ބޯޅަ ލެވަންޓޭގެ ގޯލަށް ވައްދާލައިގެންނެވެ. މެޗްގެ 60 ވަނަ މިނެޓްގައި ބާސާގެ ހަތަރުވަނަ ލަނޑުވެސް ޖެހީ މެސީ އެވެ. ބާސާގެ ފަހު ލަނޑު މެޗް ނިމެން ދެ މިނެޓަށް ވެފައި އޮއްވައި މެސީ ދިން ބޯޅައަކުން ކާމިޔާބުކޮށްދިނީ ޑިފެންޑަރު ޖެރާޑް ޕީކޭ އެވެ.
މިއީ މި އަހަރު ކްލަބަށާއި ގައުމަށް މެސީ ޖަހައިދިން 50 ވަނަ ގޯލެވެ. މެސީ ވަނީ ލީގުގައި މިހާތަނަށް 14 ގޯލު ޖަހައި 10 ގޯލު ޖަހަން އެހީތެރިވެދީފައެވެ. މިއީ ޔޫރަޕްގެ ލީގެއްގައި އަދި އެއްވެސް ކުޅުންތެރިއަކަށް ހަމަކުރެވިފައިވާ އަދަދެއް ނޫނެވެ. ރޭގެ ހެޓްރިކަކީ ބާސެލޯނާގެ ޖާޒީގައި މެސީ އެޓީމަށް ހަދައިދިން 43 ވަނަ ހެޓްރިކެވެ. މެސީއާ ވާދަވެރި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ރެއާލް މެޑްރިޑްގައި ހޭދަކުރި ނުވަ އަހަރު 44 ހެޓްރިކް ހަދައިފައެވެ.
Advertisement
Leave a Reply