އެލަޔަންސް ފުޓްސަލް މުބާރާތް ކަމަނައޮޅު އެފްސީ ކާމިޔާބުކޮށްފި
ހއ. ބާރަށު އެލަޔަންސް ސްޕޯޓްސް ކްލަބުން އިސްނަގައިގެން އެރަށުގެ ޒުވާނުންނަށް ކުރިއަށްގެންދިޔަ “އެލަޔަންސް ފުޓްސަލް ކަޕް 2018” ގެ ޗެމްޕިއަންކަން ކަމަނައޮޅު އެފްސީ ހޯދައިފައެވެ. އެޓީމު ޗެމްޕިއަންކަން ހޯދީ ރޭ އެރަށު ފުޓްސަލް ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި 4-1 އިން ކެޕިޓަލް ބޯއީޒް ބަލިކޮށްގެންނެވެ.
މެޗަށްފަހު މަގާމްތަކަށް ހޮވުނު ކުޅުންތެރިންނަށާއި ޗެމްޕިއަން ޓީމަށް ތަށި ހަވާލުކޮށްދެއްވީ ޝަރަފްވެރި މެހެމާން އެލަޔަންސް ސްޕޯޓްސް ކްލަބުގެ ރައީސް ނައުޝާދު އިބްރާހީމް އެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ޗެމްޕިއަން ކަމަނައޮޅު އެފްސީގެ އަބްދުﷲ މުއާދު އެވެ. މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ސްޓާ ޖޫނިއާސް ހޮވުނުއިރު އެންމެ ގިނަ ގޯލު ޖެހީ ކަމަނައޮޅު އެފްސީގެ އަބްދުﷲ މިސްބާހު އެވެ. އެންމެ އުއްމީދީ ކުޅުންތެރިޔާގެ މަގާމް އެލަޔަންސް ސްޕޯޓްސް ގެ އިބްރާހީމް އިލްހާމަށް ލިބުނުއިރު މިފަހަރު ވަނީ މުބާރާތުގެ އެންމެ އާދަޔާހިލާފު ސަޕޯޓަރަށްވެސް އިނާމު ދީފައެވެ. އެންމެ ކުޅަދާނަ ސަޕޯޓަރަކަށް ހޮވުނީ ސައީދާ މުހައްމަދެވެ.
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ ކެޕިޓަލް ބޯއީޒް ގެ މުހައްމަދު އުނައިޝް އާއި އެޓީމުގެ އަހުމަދު ފައިޒަން އަދި އެލަޔަންސް ސްޕޯޓްސްގެ މުހައްމަދު ރަޝީދު، ކަމަނައޮޅު އެފްސީގެ އަބްދުﷲ މުއާދް އަދި އެޓީމުގެ އަބްދުﷲ މިސްބާހު އެވެ.
މިފަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 10،000 ރުފިޔާ ދޭއިރު ރަނަރަޕް ޓީމަށް 5000 ރުފިޔާގެ އިނާމެއް ދޭނެއެވެ. މިފަހަރުގެ މުބާރާތުގައި 11 ޓީމަކުން ވަނީ ބައިވެރިވެފައެވެ. މުބާރާތް އިންތިޒާމުކުރި އެލަޔަންސް ސްޕޯޓްސް ކްލަބުން ބުނީ އަންނަ އަހަރުވެސް ގިނަ ޓީމުތަކަކާއެކު ފޯރިގަދަ މުބާރާތެއް ކުރިއަށް ގެންދާނެކަމަށެވެ.
Advertisement
Leave a Reply